logo

ވިޔަފާރިވެރިންނަށް އީ-ކޮމަރސް ޕްލެޓްފޯމްތައް ހަމަޖައްސަން މަޝްވަރާތަކެއް

profile

އާމިނަތު ޝަފާ - 25 ޖުލައި 2024 - 12:27

މިނިސްޓަރ ސައީދު

މިނިސްޓަރ ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް، ދިވެހި ވިޔަފާރިވެރިންނަށް އީ-ކޮމަރސް ޕްލެޓްފޯމްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުން އެމެރިކާއާއާއެކު މަޝްވަރާކޮށްފިއެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދު މި މަޝްވަރާތައް ކުރިއަށްގެންދިޔައީ އިގްތިސާދީ ކަންތައްތަކާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިންނެވެ.

މިބައްދަލުވުން ބާއްވާފައިމިވަނީ ދާދިފަހުން ބޭއްވެވި ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓް (ޓިފާ) މަޝްވަރާތަކަށްފަހުއެވެ.

މީގެ ކުރިން ޖުލައި މަހުގެ 12 ވަނަ ދުވަހު ދިވެހިރާއްޖެ އާއި އެމެރިކާ ސަރުކާރުން ވަނީ އެމެރިކާ-މޯލްޑިވްސް ޓިފާ ކައުންސިލްގެ ތިންވަނަ ބައްދަލުވުން ބާއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން ވަނީ އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ތަރައްޤީކުރުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިވަޑައިގެން، މަސައްކަތްތެރިންގެ ޙައްޤުތަކާއި، ޑިޖިޓަލް ވިޔަފާރީގެ ދާއިރާއާއި، ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމުގައި އެއްބާރުލުން އިތުރުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި ފަންނާނުންނާއި ވިޔަފާރިވެރިންނަށް ދުނިޔޭގެ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތައް ކެޕިޓަލައިޒް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ދެގައުމުންވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މާލީ، މެރިޓައިމް، ރިއަލް އެސްޓޭޓް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައިހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް ރާއްޖެއިން ވަނީ ހުއްސާކޮށްފައެވެ. ވަޒީރު ސައީދު ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކީ ޓިފާގެ ދަށުން އުފެއްދުންތެރި ގުޅުން ތައް ބަދަހިކުރުމަށާއި ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

https://wamco.com.mv/
tel:+9607331319