logo

ތަރާވީޙް ނަމާދުގެ ސަޖިދައިގައި ކުރެވިދާނެ ބައެއް ދުޢާތައް!

profile

އަހުމަދު ޒަލީފު - 11 މާރިޗު 2024 - 14:03

—

ޢާއްމު ގޮތެއްގައި އަހަރެމެންނަށް ނަމާދުގައި ކުރެވެނީ އަބަދުވެސް އެއް ދުޢާ ތަކެކެވެ.

ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ނަމާދުގެ އެކި މަޤާމުތަކުގައި ކުރުމަށް ގިނަ ދުޢާތަކެއް ރިވާވެފައިވާވެއެވެ.

މާތް ﷲ އާ އަޅާ އެންމެ ކުއްތަންވެވޭ ވަގުތަކީ އަޅާ ސަޖިދައިގައި އޮންނަ ވަގުތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ މާނައީ: ”އަޅާ އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ކުއްތަންވާ ވަގުތަކީ އޭނާ ސަޖިދައިގައި އޮންނަ ވަގުތެވެ. ފަހެ ތިޔަބައިމީހުން (ސަޖިދައިގައި) ދުޢާކުރުން ގިނަކުރާށެވެ!“ އެހެންކަމުން ސަޖިދައިގައި ކިޔުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެފައިވާ ބައެއް ދުޢާތައް ޙިއްޞާކޮށްލާނަމެވެ.

ޙުޛައިފަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަ ކުރައްވާ ހިނދު ވިދާޅުވެއެވެ. سُبْحَانَ رَبِّيَ الأَعْلَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”މިއަޅާ ހައްދަވާބޮޑުކުރެއްވި މަތިވެރި ރައްބުގެ ހުސްޠާހިރު ވަންތަކަމާއެވެ.“

ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރުކޫޢުގައާއި ސަޖިދައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުޢާކުރެއްވުން ގިނަކުރައްވައެވެ. سُبْحَانَكَ اَللَّهُمَّ رَبَّنَا وَبِحَمْدِكَ، اَللَّهُمَّ اِغْفِرْ لِي (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް) މާނައީ: ”އިބަ ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ! އޭ ﷲ! އޭ އަޅަމެންގެ ވެރިއިލާހު! އަދި ހުރިހާ ޙަމްދު ތަޢުރީފެއް އިބަ ﷲ އަށް ލިބިވޮޑިގެންވެއެވެ. އޭ ﷲ! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ!“

ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރުކޫޢުގައާއި ސަޖިދައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާކަމުގައިވިއެވެ. سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އެކަލާނގެ ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެވޮޑިގެންވެއެވެ. ހުރިހާ ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އެކަލާނގެއީ މަލާއިކަތުންނާއި، ޖިބްރީލުގެ ވެރިރަސްކަލާނގެއެވެ.“

ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަކުރައްވާ ހިނދު ވިދާޅުވާކަމުގައިވިއެވެ. اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِي لِلَّذِي خَلَقَهُ، وَصَوَّرَهُ فَأَحْسَنَ صُورَتَهُ وَشَقَّ سَمْعَهُ وَبَصَرَهُ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (ރިވާކުރެއްވީ މުސްލިމް) މާނައީ: ”އޭ ﷲ! މިއަޅާ އިބަ ﷲ އަށް ސަޖިދަކޮށްފީމެވެ. އަދި މިއަޅާ އިބަ ﷲ އަށް އީމާން ވެއްޖައީމެވެ. އަދި މިއަޅާ އިބަ ﷲ އަށް ބޯލަނބައި ކިޔަމަންވެއްޖައީމެވެ. މިއަޅާގެ މޫނުހައްދަވާ އެމޫނު ބުރުސޫރަ ކުރައްވާ އެމޫނުގެ އިވުމާއި، ފެނުން ހާމަކޮށް ދެއްވި ފަރާތަށް މިއަޅާގެ މޫނު ސަޖިދަ ކޮށްފިއެވެ. ﷲ ގެ މަތިވެރި ކަމާއެވެ! އެކަލާނގެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤު ކުރައްވާ ފަރާތެވެ.“


މަސްދަރު: ޢިލްމު



https://int.etukuri.mv/
tel:+9607331319