logo

ވޭޕު މަނާކުރަންދެން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އިސްލާހު ކޮމިޓީއަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 އޮކްޓޯބަރު 2024 - 13:07

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރާއްޖެ އަށް ވޭޕް އެތެރެކޮށް ވިއްކުން މަނާކުރަންދެން ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ބަލައިގަނެ، ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅާ އެ ބިލް މަޖިލިހަށް ހުށަހަޅުއްވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް މުހައްމަދެވެ. މި ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ 65 މެމްބަރުންގެ ވޯޓާ އެކުއެވެ. ބިލާ ދެކޮޅަށް 3 މެމްބަރަކު ވޯޓު ދެއްވިއިރު 1 މެމްބަރަކު ވަކި ގޮތަކަށް ވޯޓެއް ނުދެއްވައެވެ.

މި އިސްލާހުގައި ހިމަނާފައި ވަނީ އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނެގުމަށެވެ. އަދި އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން ސިގިރެޓާއި ބިޑިން ނަގާ ޓެކްސް ވެސް 50 % ބޮޑުކޮށް، ކޮންމެ އެއްޗަކުން 8 ރުފިޔާ ނެގުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. .

މި ބިލަށް އަމަލުކުރަން ފަށަން ހުށަހަޅާފައިވަނީ އަންނަ މަހުގެ 1 އިން ފެށިގެން ނެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެންބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަން ވެސް ވަނީ ނިންމަވާފަ އެވެ.

https://wamco.com.mv/
tel:+9607331319