
ހުރަސްއަޅައި މިރުސްދުމެއް ނުޖެހި؛ ފެނުނީ ޑިމޮކްރެޓިކް ވެށްޓެއްގެ ސިފަ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 01 ފެބްރުއަރީ 2025 - 11:54
"ދިވެހީންގެރާއްޖެ" އަށް އިރު އަލިވެލި ފަހުން، ސިޔާސީ މަގުމަތީ ބޮޑު ހަރަކާތެއް ބޭއްވުމަށް އިޢުލާންކޮށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށުމުން ބައެއް މީހުންނަށް ހީވެފައި އޮތީ ގައުމު އަނެއްކާވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށެވެ. "ފުދިއްޖެ، ފުނޑިއްޖެ" ޝިއާރާއެކު މަގުމަތީ ހަރަކާތެއް ރޭވީ އެކަމުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޕާޓީ - އެމްޑީޕީއެވެ. މަގުމަތީ ހަރަކާތް ހިންގުމުގައި އެމްޑީޕީ ވަރެއް ނެތޭ ބައެއް މީހުން ބުނެ އުޅުނީ އެމްޑީޕީން ހިންގާފައިވާ ވަރުގަދަ ސިޔާސީ ހަރަކާތްތަކަށް ރިއާޔަރްކޮށެވެ.
އެކަމަކު ހުކުރު ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ "ބޮޑު ހިނގާލުމުން" ފެނުނީ "އަސްލު އެމްޑީޕީއެއް" ނޫނެވެ. އަމަށަކު ފޯރި ކުޑަވެފައި، ލޮނު މަޑީއެވެ. ހީކުރި ވަރަށް ވުރެ ބައިބޯވެސް ނޫނީއެވެ. މިއީ އަހުރެންގެ ރައުޔެއް ނޫނެވެ. ބައެއް އާންމުންގެ ޚިޔާލާއި ޝުއޫރު ހުރި ގޮތެވެ. އެމްޑީޕީގެ އެ އެއްވުމަކަށް އަހުރެން ވަކި އެއްޗެއް ބުނާކަށް ނެތީމެއެވެ. އެ ކަކުންޏެއް ވަޅު ކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ. ނުފޯރާ ފޮތިން ފޫގަޅަން ނޫޅެ ހުރި ހަކަތައަކުން އެކަންވެސް އެ ކޮށް ނިންމީތާއެވެ.
އަހުރެން ފާހަގަކުރާ ހިތް އޮތީ އެހެން ކަމެކެވެ. މިފަދަ އެއްވުންތައް އާންމު ގޮތެއްގައި ނިމެނީ ފުލުހުންގެ ބާރު ދައްކާލުމުންނެވެ. މިރުސްދުމާއި އެ ގެންގުޅޭ ޝީލްޑްތަކުގެ ވަރުދައްކާލުމުންނެވެ. ނޫނީ މުގުރާއެކު ފުލުހުން އެ ބަޔަކު ފަހައިގަތީމައެވެ. ބާރުގެ ބޭނުންކޮށް މިގޮތަށް ރޫޅާލާ އެއްވުންތަކުން މީހުން ހައްޔަރަށްވެސް ގެންދެއެވެ. ނޫނީ އެފަދަ އެއްވުންތައް ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ނުހައްގު އަނިޔާތައްވެސް ދެއެވެ. މިއީ މީގެ ކުރިން ސަރުކާރަކާ ދެކޮޅަށް ދިވެހީންގެ ބަޔަކު ނުކުމެއްޖެ ނަމަ ތަކުރާރުވާ ސަގާފަތެކެވެ.
މި ހިނގާލުމަށް މީހުން ނެރެން އެ ޕާޓީން މަހެއްހާ ދުވަސް ކުރިން ފެށިގެން ބޮޑު ކެމްޕެއިނެއް ހިންގި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަމަކު މިފަހަރު ތަފާތެވެ. ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ނުކުތް މީހުންނާ ފުލުހުންނެއް ކުރިމަތިނުލައެވެ. ހުރަސްއެޅުމުގެ ބަދަލުގައި ދިނީ ހިމާޔަތެވެ. މަގު ހުސްކޮށްދީ ދާންވީ ތަން ދެއްކީއެވެ. ފުލުހުންގެ ފަރާތުން އެއްވުމުގެ ބައިވެރިންނަށް ރައްކާތެރިކަން ނުވަތަ ސެކިއުރިޓީ ފޯރުކޮށްދިނީ "ޓު ޕްރޮޓެކްޓް އެންޑް ސާވް" މިޝިއާރުގައި އެ ބުނާ ބީދައިންނެވެ.
ސަރުކާރުން އެދިނީ ވަރުގަދަ މެސެޖެކެވެ. މިއީ މަލްޓިޕާޓީ ނިޒާމަށް ރާއްޖޭގެ ވެރިކަން ކުރަން ފެށިފަހުން، ދަގަނޑުމުގުރާއި، މިރުސް ދުން ބޭނުން ނުކޮށް، ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތީން ޝުުޢޫރު ފާޅުކޮށް، މުޒާހަރާކޮށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަ ފަހިކޮށްދިން ފުރަތަމަ ސަރުކާރަށް ވާނެކަކަމުގެ ޔަގީންކަމެވެ. ފުލުހުންގެ ފަރާތުން ފެނުނީ މަގުމަތީ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ، ބަލަހައްޓާ، އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ސިޔާސީ ހަރަކާތަށް ސާފު ޖާގައެއް ކަށަވަރުކޮށްދިން މަންޒަރެވެ.
ތެދެކެވެ، މާޒީގައި އެކިއެކި ސަރުކާރުތަކުން، ފެނިގެންދިޔައީ، އިދިކޮޅު ޕާޓީތަކުގެ ޝުޢޫރު، ރައްޔިތުންގެ އަޑު އިއްވަން ރީތިގޮތުގައި ސިޔާސީ ޕާޓީތައް ނުކުންނަ ކޮންމެ ފަހަރަކު، އެއިރެއްގައި އޮންނަ ސަރުކާރަކުން، ފުލުހުންނާއި ސިފައިން ފޮނުވާ، ދަގަނޑު މުގުރާއި މިރުސްދުމުގެ ބާރު ދިވެހީންނަށް ދައްކާ އަނިޔާކުރި މަންޒަރެވެ. އެހެނަސް، ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިވެރިކަމުން އެމަންޒަރު ނުދައްކާ، ފެނިގެން މިދިޔައީ، ސިޔާސީ ޕާޓީތަކަށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ޖާގަ ތަންމިނަށް ހުޅުވާލަދީ، ޑިމޮކްރަސީގެ ރީތި އިންތަކާއި މިންތަކާއި ހަމަތަކަށް އަމަލުކުރި މަންޒަރެވެ.
ފެނުނީ ޑިމޮކްރެޓިކް ވެށްޓެއްގެ ސިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން