logo

އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު އަސްލު އެފްސީ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި

profile

ޒިދާން މުޙައްމަދު - 11 އޮކްޓޯބަރު 2024 - 19:40

އަސްލު ޓީވީ އަދި ބްރޯޑްކޮމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އަހުމަދު ޝުރާއު

އަސްލު ޓީވީ އަދި ބްރޯޑްކޮމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އަހުމަދު ޝުރާއު

މިހާރު ކުރިއަށްދާ ބްރޯޑްކާސްޓް ކަޕް 2024 ގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު އަސްލު ޓީވީ އެފްސީ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

އަސްލު ޓީވީން މިމުބާރާތުގައި އެންމެ ފުރަތަމަ ކުޅުނު ބްރޯޑްކޮމްގެ ޓީމާއެކުއެވެ. މިމެޗުގައި ފަސޭހަ ކަމާއެކު 10-0 ގެ ނަތީޖާއަކުން ކުރި ހޯދައި އަސްލު ޓީވީ އެފްސީން ވަނީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައެވެ. އަދި މުބާރާތުގައި ކުޅުނު ދެވަނަ މެޗު 3-0 ގެ ނަތީޖާއަކުން ވަގުތު ޕްލަސް ބަލިކޮށް، އަސްލު ޓީވީ އެފްސީ ވަނީ އަސްލު ޓީވީ ހިމެނޭ ގްރޫޕުން ސެމީގެ ޖާގަ ކަށަވަރު ކުރި ޓީމަކަށް ވެފައެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އަސްލު ޓީވީން ކުޅޭ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ޕީއެސްއެމް ނިއުސްއާއެވެ. މިރޭ 22:30 ގައި އޮންނަ މިމެޗު ކުޅޭނީ، މުބާރާތް ކުރިއަށްދާ، ހުޅުމާލޭ ދެވަަނަ ފިޔަވަހީގެ ޓާފް ދަނޑުގައެވެ.

އޮކްޓޫބަރުމަހުގެ 11 އިން 12 އަށް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމުބާރާތުގައި އަސްލު ޓީވީ ތަމްސީލުކުރާ ޓީމުން ދައްކަމުން ދަނީ ތަފާތު މޮޅު ކުޅުމެއް ކަމަށް އިންތިޒާމުކުރާ ފަރާތުންވެސް ފާހަގަކުރެއެވެ.

ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ ބްރޯޑްކާސްޓް ކަޕްގެ މިއަހަރުގެ މުބާރާތުގައި އަސްލު ޓީވީގެ އިތުރުން ބައިވެރިވީ، ބްރޯޑްކޮމް، ވަގުތު ޓީވީ، ވީޓީވީ، އެސްއެސް ޓީވީ، ޕީއެސްއެމް ނިއުސް، ޓީވީއެމް އަދި އައިސް ޓީވީއެވެ.

މި މުބާރާތް ކުރިއަށްދަނީ މި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާލާއިރު، 7:30 ގައި ޕީއެސްއެމް ނިއުސް އާއި ބްރޯޑްކޮމް ވާދަކުރާއިރު، 8:10 ގައި ޓީވީއެމް ބައްދަލުކުރާނީ ވީޓީވީއާއެވެ. އަދި އެސްއެސް ޓީވީ އާއި އައިސް ޓީވީގެ މެޗު ފަށާނީ 8:50 ގައެވެ.

މީގެއިތުރުން 9:30 ގައި ވަގުތު ޕްލަސް އާއި ބްރޯޑްކޮމް ވާދަކުރާއިރު، 10:10 ގައި ވާދަކުރާނީ ޕީއެސްއެމް ނިއުސް އާއި އަސްލު ޓީވީއެވެ. އަދި 10:50 ގައި ޓީވީއެމް އާއިި އައިސް ޓީވީ ބައްދަލުކުރާއިރު، 11:30 ގައި ކުޅުމަށް ހަމަޖެހިފައިވަނީ އެސްއެސްޓީވީ އާއި ވީޓީވީ މެޗެވެ.

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ އާއި ގްރޫޕް ދޭއްގެ ދެވަނައެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕު ދޭއްގެ ދެވަނައާއި ގްރޫޕް އެކެއްގެ އެއްވަނައެވެ.

ސެމީ ފައިނަލާއި ފައިނަލް މެޗުގެ ކުޅުން އޮންނާނީ އޮކްޓޯބަރ 12 ވާ ހޮނިހިރު ދުވަހާއި އެރެއެވެ. މުބާރާތް ކުޅެނީ ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައެވެ.

މިއީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.

https://wamco.com.mv/
tel:+9607331319