ސަރުކާރުން އާސަންދައަށް ގެނައި ބަދަލުތަކުގެ ސަބަބުން، އޭޑީކޭގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް އޭޑީކޭ ހޮސްޕިޓަލް އިން ބުނެފިއެވެ.
ހޮސްޕިޓަލްތަކުން އާސަންދަ އާއި، އެކި އިންޝުއަރަންސް ސްކީމްތަކުގެ ޚިދުމަތް ދެމުން އަންނަނީ އެކަމަށް ޚާއްސަ ސޮފްޓްވެއާއެއް މެދުވެރިކޮށެވެ.
އޭޑީކޭއިން ނެރުނު ބަޔާނުގައި ބުނީ، މިފަދަ ބޮޑު ބަދަލެއް ކުއްލިއަކަށް ގެނައުމުން އެކަމުގެ ދަތިތައް އެބަހުރި ކަމަށެވެ.
ސަރުކާރުން ގެންނަ ބަދަލުތަކާ އެއްގޮތަށް މިއަދުން ފެށިގެން އަމަލުކުރަން ޖެހެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ އެކަމާ ގުޅުންހުރި މައުލޫމާތު ހޮސްޕިޓަލަށް ލިބުނީ ކުއްލި ގޮތަކަށް ކަމަށާއި، އެ ބަދަލަށް އަހުލުވެރިވުމަށް އަދި ސޮފްޓްވެއާއަށް ބަދަލު ގެނައުމަށް އެއްވެސް ވަގުތެއް ލިބިފައިނުވާ ކަމަށެވެ.
އެހެންވެ އެ ބަދަލުތައް ގެނެސް އެކަމަށް އަހުލުވެރިވާން ވަގުތު ނަގާނެ ކަމަށާއި، އެ ވަގުތުގައި ހޮސްޕިޓަލުގެ ޚިދުމަތްތައް ކޮންމެވެސް މިންވަރަކަށް ލަސްވުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އާސަންދައަށް ގެންނަ ބަދަލުތަކާއި އެކު ހޮސްޕިޓަލުން ޚިދުމަތް ހޯދާ ކޮންމެ މީހަކީ ވެސް ޕްރައިވެޓް އިންޝުއަރަންސް އޮންނަ މީހެއްތޯ ބަލައި ހޮސްޕިޓަލުން އެކަން ޔަގީން ކުރަން ޖެހޭ ކަމަށް އޭޑީކޭއިން ބުނެފައި ވެއެވެ. މީގެ އިތުރަށް އިންޝުއަރެންސް ލިމިޓު ހަމަވުމުން ނޫނީ އައުޓް ޕޭޝަންޓުންނަށް އާސަންދައިގެ ދަށުން ފަރުވާ ނުދިނުމަށް ވެސް އާސަންދައިން އަންގާފައިވާ ކަމަށް ބުނެފައި ވެއެވެ.
އެކަމަކު އަމިއްލަ އިންޝުއަރެންސްގެ ދަށުން ކަވަރު ނުކުރާ އައުޓްޕޭޝަންޓު ހިދުމަތްތަކަށް އާސަންދަ އިން ކަވަރު ކުރާނަމަ އެ ހިދުމަތެއް އާސަންދަ އިން ދިނުމަށް ވެސް އަންގާފައިވާ ކަމަށާއި، އިންޕޭޝަންޓް ޚިދުމަތް ހޯދާ ބަލި މީހުންނާއި ފުލުހުންނާއި ސިފައިންގެ އިންޝުއަރެންސް ސްކީމުތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށް ވެސް އޭޑީކޭއިން ބުނެފައި ވެއެވެ.
އާސަންދައިން ބުނިގޮތުގައި މި ބަދަލުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ޚިދުމަތްތައް ދިނުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، އާސަންދަ ސްކީމްގެ އިސްލާޙީ މަސައްކަތުގެ ތެރެއިން، ސްކީމުގެ ދަށުން ޚިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނައުން ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން އައުޓްޕޭޝަންޓް (އެނދުމަތި ނުކޮށްދެވޭ ފަރުވާ) ޚިދުމަތްތަކަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، ޚިދުމަތް ހޯދާ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، އެ އިންޝުއަރެންސަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަަމަށް އާސްނަދައިން ބުނެއެވެ.