
ހިންގުން ރަނގަޅުކުރަން މުހިއްމު އެއް ކަމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން: މިނިސްޓަރ

އައިޝަތު އިނާޝާ - 09 ޑިސެމްބަރު 2025 - 14:30
ޙަޤީޤީ މާނާގައި ކައުންސިލުތައް ހިންގުމަށް ޓަކައި އެންމެ މުހިންމު އެއް ކަމަކީ އިންޓަރނަލް އޮޑިޓްގެ ރަނގަޅުވުން ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސްޓެލްކޯގައި މިއަދު ފެށި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެ ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ކައުންސިލުތަކުން ކުރެވޭ މަސައްކަތްތަކަކީ ހަރުދަނާ، މީހުން ބަލައިގަންނަ އަދި އިތުބާރުކުރާ މަސައްކަތްތަކަކަށް ހެދުމަށް ޓަކައި އިންޓަރނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ދޭ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އިންޓަރނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ ރައްކާތެރިވުމަށް ޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުމެވެ.
''ޙަޤީޤީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން'' : މިނިސްޓަރ
މިނިސްޓަރު ވަނީ އެ ކޮންފަރެންސުގައި މާލިއްޔަތު ޤާނޫނު ތަންފީޒުކުރަމުން ދާއިރު ކައުންސިލްތަކުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލާ މަޝްވަރާކުރަން އެދިވަޑައިގެންފައެވެ.
މިނިސްޓަރ ވިދާޅުވީ ކޮންފަރެންސް ނިމިގެން ދާއިރު ލާމަރުކަޒީ ޤާނޫނު އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
39 މިނިޓު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
ގަޑިއިރެއް ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
2 ގަޑިއިރު ކުރިން

ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު
4 ގަޑިއިރު ކުރިން


