
ދީނާއި ސިޔާސަތު ވަކިކުރުން. (ސެކިއުލަރިޒަމް)
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 06 ސެޕްޓެމްބަރު 2025 - 04:14
އެއްވެސް ފިކުރަކީ ހުއްދަ ފިކުރަކަށް ވާނީ ދީނީ ތަރަހައިން އެ އެއްޗެއް ކިރުމަށްފަހު، ދީނާ ފުށު ނާރާ ނަމައެވެ. އެއީ ތަނެއްގައި އޮތް ޢުރުފަށް ނުވަތަ ބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުމަކަށް ކަނޑައެޅޭނެ ކަމެއް ނޫނެވެ. އޭގައި ބަލަން ޖެހޭނީ ދީނީ އަސާސުތަކާ ކިހައި ވަރަކަށް އެއާ ގުޅޭތޯ ނުވަތަ ފުށުއަރާތޯއެވެ. ދީނުގެ ޖައުހަރާއި މުޅި އަސާސާ ދެކޮޅު ފިކުރެއް ރަނގަޅު ވާނެ އެއްވެސް ގޮތެއް ނޯންނާއެވެ.
ޢަލްމާނިއްޔަތަށް/ ސެކިއުލަރިޒަމަށް ބަލާއިރު، އޭގެ އަސާސަކީ އެއްވެސް މުޢުތަޤަދެއް ނެތި އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުގެ ކަންކަން ނިންމުމެވެ. މިއީ ފަހަރެއްގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް މައްސަލައަކަށް ނުވެދާނެއެވެ. ދީނެއްގެ ގޮތުގައި މާތް ﷲ ބާއްވައިލެއްވި ދީނަކީ އިސްލާމްދީނެވެ. އެ ދީން ބާއްވައިލެއްވި އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިބާދާތުގެ ދީނެއް ނޫނެވެ. އެއީ މުޢާމަލާތުގެ ވެސް ދީނެކެވެ. ވުމާއެކު ޝާމިލު ޝަރީޢަތެއް އޮތް ދީނެއް ލިބިފައި ތިބި މުސްލިމުންނަށް އެބައިމީހުންގެ ޙަޔާތުގެ ކަންކަން ދީނީ އަސާސުގެ ތެރެއަށް ނުވަންނަ ގޮތަކަށް ނުނިންމޭނެއެވެ. ޤުރުއާނާއި ސުންނަތަށް ބަލައިލީމައި ވެސް ފެންނަން އޮތީ މި ޙަޤީޤަތެވެ.
ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމްއަކީ، ދީނާއާއި ޢަޤީދާއާއި އަޅުކަމާއި، އެނޫން އެންމެހާ އިޖްތިމާޢީ ކަންކަންކަމާ ވަކިކޮށްލުމުގެ ފިކުރެވެ. ދިރިއުޅުމުގެ މައިދާނުގެ އެއްވެސް ކަމެއްގައި ދީނުގެ އަސަރު އެކުލެވިގެން ނުވާނެކަމުގައި ޤަބޫލުކުރާ ޤަބޫލު ކުރުމެކެވެ. ދީނަކީ ތިމާގެ ވެރިރަސްކަލާނގެއާއި ތިމާއާ ދެމެދުގައި އޮންނަން ޚާއްޞަ ގުޅުމެއްކަމުގައި ބުނާ ފިކުރެކެވެ. ދީނީ ގޮތުން ލާޒިމުކުރާ ކަންކަމަކީ އަޅުކަންކުރުމުގައި އެކަނި ތަބާވާންޖެހޭ ކަންތައްތަކެއް ކަމުގައި ދެކޭ ދެކުމެވެ. ވަޒީފާގެ މައިދާނުގައާއި ތަޢްލީމު ޙާޞިލު ކުރުމުގައާއި ވިޔަފާރީގެ މައިދާނާއި އަދި މިނޫންވެސް އިޖްތިމާޢީ އެއްވެސް މުޢާމަލާތެއްގައި ދީނުން ލާޒިމުކުރާ ކަމެއް ނުހިމެނުމުގެ ފިކުރެވެ.
ޢަލްމާނީ ފިކުރުގެ ބައެއް މީހުންނަކީ އިލާހަކު ވޮޑިގެންވުމުގެ ފިކުރަށް މުޅިން އެކުގައި އިންކާރު ކުރާ ބައެކެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އިލާހަކު ވޮޑިގެންވިއެއް ކަމަކު، ފައްޅީގައި ކުރެވޭ އަޅުކަން ފިޔަވައި ދިރިއުޅުމުގެ އެހެން އެއްވެސް ކަމެއްގައި އެއިލާހަކަށް ދައުރެއް ނުވެއެވެ. އިންސާނާގެ ދިރިއުޅުން ބިނާކުރަންޖެހޭނީ ޢިލްމާއި ބުއްދިކުރުމާއި އިންސާނީ ތަޖުރިބާގެ މައްޗަށް އެކަނި ކަމުގައި މިބައިމީހުން ދެކެއެވެ.
އިސްލާމް ދީނަކީ ޢަލްމާނިއްޔަތަށް ތަންދޭ ދީނެއް ނޫނެވެ. މާތްވެގެންވާ އިސްލާމް ދީނަކީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމް ދީންވަނީ ދިރިއުޅުމުގެ ކޮންމެ ނާޙިޔާއަކާވެސް ފުރިހަމައަށް ގުޅި ލާމެހިފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ރިސާލަތަކީ މީސްތަކުންނަށް ތެދުމަގުދައްކައިދޭ އަލިކަމެކެވެ.
ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ )
ސޫރަތުލް މާއިދާ 48، މާނައަކީ: "އަދި ތިމަންރަސްކަލާނގެ حقގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ދީނީ ކަންތައްތަކާއި ސިޔާސީ ކަންތައްތަކާއި އިޖްތިމާޢީ ކަންތައްތައް އަދި އެނޫންވެސް ކަންތައްތަކުގައި އިސްކޮޅު އުޅުއްވި ބޭކަލަކަށެވެ. ސިޔާސީ މައްސަލަ އެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ވެވިއްޖެނަމަ ތިޔައީ ސިޔާސީ މައްސަލަ އެކޭ ކިޔާ ދޫކޮށެއް ނުލައްވައެވެ. އަދިކިއެއްތަ، ސިޔާސީ ވާހަކަ ދައްކަވާ ހައްދަވައެވެ. އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީވެސް ހަމައެފަދައެވެ. އެބޭފުޅުން މިހުރިހާ ކަމެއްގައިވެސް އުޅުއްވިއެވެ. ސިޔާސީ މީހަކު ދީނާއި ގުޅޭ ގޮތުން ރަނގަޅު ވާހަކަ ދެއްކައިފިނަމަ، އެކަމާ އިންކާރެއް ނުކުރެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
10 ގަޑިއިރު ކުރިން

އައ.ިއ.ޯޓ.ީސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
10 ގަޑިއިރު ކުރިން

އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު
10 ގަޑިއިރު ކުރިން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)