
މިހާތަނަށް 34 ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްފި

ޖިނާން ޙުސައިން ޖަބީން - 18 އޮކްޓޯބަރު 2026 - 17:13
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ގެ އައު ގަވާއިދުގެ ދަށުން ނޫސް މަޖައްލާތައް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި، މިހާތަނަށް 34 ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މި ހިނގާ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ރީ ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ހުއްދަ ބާތިލުކުރާނެ ކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ. މީގެ ކުރިން ކަމާ ގުޅުންހުރި މިނިސްޓްރީތަކުން ނޫސްް މަޖައްލާތަކުގެ ދަފްތަރު ބަލަހައްޓަމުން އައި ނަމަވެސް އަލަށް އެކުލަވާލެވުނު ގާނޫނާއެކު މި މަސައްކަތް މިހާރު ކުރަމުން އަންނަނީ އެމްއެމްބީސީންނެވެ. އެއާއެކު ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި، ހިންގުމާއި، ހިދުމަތް ދިނުމާ ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރާ އައު ގަވާއިދު ވަނީ އެކުލަވާލައިފައެވެ.
މި ޤަވާއިދުގައި މީޑިއާގެ ވަސީލަތްތައް މައިގަނޑު 4 ގިންތިއަކަށް ބަހާލާފައިވެއެވެ. އެއީ ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލްއެވެ. މި ބާވަތްތައް ޗާޕުކޮށްގެންނާއި، ވެބްސައިޓް، މީސްމީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ. ގަވާއިދު ބަޔާންކުރާ ގޮތުން، މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކުން ވެސް، ގަވާއިދަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީވެ، މައުލޫމާތުތައް އަދާހަމަކުރަން ލާޒިމުވެއެވެ.
ކޮމިޝަނުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މުއްދަތު ހަމަވާން ބާކީ 9 ދުވަހަށް ވެފައިވާއިރު، ރަޖިސްޓްރީވުމަށް އެދި ޖުމްލަ 140 ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލުން ރަޖިސްޓްރީވުމަށް ހުށަހެޅި 66 ފޯމާއި، އަލަށް ރަޖިސްޓްރީވާން ހުށަހެޅި 67 ފޯމެވެ. މި ހުށަހެޅުންތަކުގެ ތެރެއިން 34 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާއިރު، ޝަރުތު ހަމަނުވުމުގެ ސަބަބުން 18 ފޯމެއް ވަނީ ބާތިލުކޮށްފައެވެ.
އައު ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްދެނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައުކުރަން ހުށަހަޅަންޖެހޭއިރު، ޝާއިއުކުރުން މެދުކަނޑާލާތާ އެއް އަހަރު ވެއްޖެނަމަ ރަޖިސްޓްރީ އުވިގެންދާނެއެވެ. މީޑިއާ ކޮމިޝަނުން ވަނީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ ފަރާތްތަކުންވެސް ރަޖިސްޓްރީވުމުގެ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާފައެވެ. މުއްދަތު ހަމަވުމަށްފަހު، ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް ނޫސް މަޖައްލާ ހިންގުމުގެ ހުއްދައެއް ނޯންނާނެއެވެ.


