logo
ސްކޭމް---

ސްކޭމް---

ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ!

profile

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 12:43

ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ މިފަދަ ކަންކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް ފައިސާ މާރުކުރުމާ ގުޅޭ 17 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ސްކޭމްތަކާ ގުޅޭ 32 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން 737,695.26 (ހަތްލައްކަ ތިރީސް ހަތްހާސް ހަސަތޭކަ ނުވަދިހަ ފަސް ރުފިޔާ ސައްބީސް ލާރި) ގެއްލިފައިވެއެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން ގެއްލުނު ފައިސާގެ ތެރެއިން 144,558.26 (އެއްލައްކަ ސާޅީސް ހަތަރުހާސް ފައްސަތޭކޭ ފަންސާސް އަށް ރުފިޔާ ސައްބީސް ލާރި) ވަނީ އަނބުރާ ހޯދައިދެވިފައެވެ.

ހުސްވި ހަފުތާގައި ހުށަހެޅުނު ސްކޭމްގެ މައްސަލަތަކަގެ ތެރޭގައި، ފައިސާ މާރުކުރުމުގެ 17 މައްސަލައަކާއި، އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ 6 މައްސަލަ، އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލަ، އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމުގެ މައްސަލައެއްގެ އިތުރުން ސްކޭމްތަކާ ގުޅުންހުރި އެހެނިހެން 4 މައްސަލަ ހިމެނެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ސްކޭމް ކުރާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކާއި، އައިބޭ، ފޯނު ކޯލް، ފޭސްބުކް މާކެޓްޕްލޭސް އަދި އޮޅުވާލައިގެން ޒާތީ މައުލޫމާތު ހޯދުމަށް ފޮނުވާ ފިޝިންގ ލިންކުތަކެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ބާޒާރުގެ އަގުތަކަށް ވުރެ ހެޔޮ އަގުތަކެއްގައި ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހުށަހަޅާ ހުށަހެޅުންތަކަކީ ސްކޭމަކަށްވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރިއެވެ. އަދި ކާކުކަން ކަށަވަރުނުވަނީސް އެއްވެސް ފަރާތަކަށް ފައިސާ ނުފޮނުވުމަށާއި، ފައިސާ ޖަމާކުރުމުގެ ކުރިން އަނެއް ފަރާތުން ދޭންޖެހޭ ފައިސާ އެކައުންޓަށް ލިބިފައިވާކަން ޔަގީންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، އެއްވެސް ލިންކަކަށް ނުވަނުމަށާއި، އެކައުންޓުތަކުގެ އޯޓީޕީ ފަދަ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި އެއްވެސް ފަރާތެއް މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ އެންޓި-ސްކޭމް ހޮޓްލައިން ނަންބަރު 125 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319