.jpg&w=3840&q=75)
ތަޖިކިސްތާނާއި ދިވެހިރާއްޖެ ވާދަކުރި މެޗުގެ ތެރެއިން..
އަމިއްލަ ދަނޑުގައި ވެސް ތަޖިކިސްތާން އަތުން ދިވެހި ޓީމު ބަލިވެއްޖެ

ހަސަން ޝަމްއޫން - 14 އޮކްޓޯބަރު 2025 - 14:37
އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ތަޖިކިސްތާނާއި ދެކޮޅަށް އަމިއްލަ ދަނޑުގައި މަދު ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުން 3-0 ގެ ނަތިޖާއަކުން ބަލިވެ ބާކީ ދެމެޗު އޮއްވައި މުބާރާތަށް ކޮލިފައިވުމުގެ ދޮރު ދިވެހި ޓީމަށް ބަންދުވެއްޖެއެވެ.
މިއީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު ބަންގްލަދޭޝާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި މިމެޗު ޕްރޮމޯޓްކުރުމުގެ ގޮތުން އެފްއޭމް އިން ދުރާލައި ގިނަ ހަރަކާތްތަކެއް ހިންގި ނަމަވެސް އާންމުކޮށް ގައުމީ ޓީމުގެ މެޗުތައް ބެލުމަށް ސަޕޯޓަރުން ދަނޑަށް ވަންނަވަރާއި ގާތަކަށް ވެސް މިމެޗު ބެލުމަށް ސަޕޯޓަރުން ދަނޑަށް ވަދެފައެއް ނުވެއެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނެޓްގައި، ތަޖިކިސްތާނު ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ ރާއްޖޭގެ ޕެނަލްޓީ އޭރިއާތެރެއިން ތަޖިކިސްތާނުގެ ކުޅުންތެރިއަކު ހުރަސްކުރި ބޯޅައެއް ދިފާއުކުރަން، އުޅުމުގެތެރޭގައި ރާއްޖޭގެ ޑިފެންޑަރު މުހައްމަދު އިރުފާން އަތުގައި ބޯޅަ ޖެހުމުން މެޗުގެ ރެފްރީ، އެޓީމަށް ދިން ޕެނަލްޓީއެކެވެ. އަދި ތަޖިކިސްތާންގެ އުމަރްބައޭވް ޕަރްވިޒްދޯން ކުރިއަށް ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ކީޕަރު، މުހައްމަދު ފައިސަލް ދިފާއުކުރި ނަމަވެސް، ރީބައުންސަށް ލިބުނު ފުރުސަތުގައި، ތަޖިކިސްތާނުގެ ސަފަރޯވް މަނޫޝެއިރު ވަނީ އެބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައި އެޓީމަށް މެޗުގެ ލީޑުހޯދައިދީފަ އެވެ.
ތަޖިކިސްތާނު ޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނިޓްގައި، ރާއްޖެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ކާމިޔާބުކޮށްދިނީ، މަބަޓްޝައޭވް ޝެރްވޯނީ އެވެ. އަދި މިހާފުގައި ރާއްޖޭގެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ތަޖިކިސްތާނު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅެމެއް ފެނިގެންދިޔައިރު، މިހާފުގައި ރާއްޖޭގެ ޓީމުން ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެެވެ. ނަމަވެސް ރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ތަޖަކިސްތާނުގެ ތިންވަނަ ލަނޑު ފަހުހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މަބަޓްޝައޭވް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ތަޖިކިސްތާނު އޮތްއިރު، މިމެޗުން ބަލިވި ރާއްޖޭ މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައެވެ.
ކޮލިފައިންގައި ރާއްޖެ އަށް ދެން އެންމެ އަވަހަށް އޮތީ އަންނަ މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ކުޅޭ މެޗެވެ. ފިލިޕީންސް އިން ކޮލިފައިންގައި ކުޅޭ ހަތަރު ވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ޓިމޯ ލެސްޓޭއާ ކުޅޭނެ އެވެ.






