logo

މަސްދަޅު ކޭސްތަކުގެ ފުރަތަމަ ޝިޕްމަންޓް އާދިއްތަ ދުވަހު ފޮނުވަނީ

profile

އާމިނަތު ޝަފާ - 10 ސެޕްޓެމްބަރު 2024 - 22:45

ދިވެހި ހާރިޖިއްޔާގެ މަރުކަޒު

ދިވެހި ހާރިޖިއްޔާގެ މަރުކަޒު

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ރާއްޖެ އިން ހަދިޔާކުރަން ނިންމި ދެ މިލިއަން މަސްދަޅުތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް އަންނަ އާދިއްތަުވަހު ފޮނުވަން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި މަސްދަޅުކޭސްތަކުގެ ތެރެއިން 7،800 ކޭސް އާދިއްތަ ދުވަހު ފޮނުވާނެ ކަމަށެވެ.

މިތަކެތި ފޮނުވާނީ މިސްރުގެ ރެޑްކްރަސެންޓް މެދުވެރިކޮށް ކަމަށާއި އެގޮތަށް ފޮނުވުމުން އެތަކެތި ލިބޭނީ 40 ދުވަސްފަހުންކަމަށް ހީނާ ވިދާޅުވިއެވެ.

"ތަކެތި ފޯރުކޮށްދިނުމާއެކު ބެހުމުގެ މަސައްކަތްކުރާނީ ފަލަސްތީން ރެޑްކްރަސެންޓުން". ހީނާ ވަލީދު

ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައްހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެހީތެރިކަމެއްގެ ގޮތުން ރާއްޖެ އިން 2 މިލިއަން މަސް ދަޅު ހަދިޔާ ކުރަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ. އެމަސައްކަތް މި ސަރުކާރުން ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ހާރިޖިއްޔާއިންވަނީ ދީފައެވެ.

އަސްލު ޓީވީއަށް މައުލޫމާތު ލިބޭ ގޮތުން ހަނގުރާމަ ހިނގަމުންދާތީ މިވަގުތު އެހީ ފޯރުކޮށްދިނުމަށް އުނދަގުވެފައިވާ ޣައްޒާއަށް ސަރުކާރުން މަސްދަޅު ފޯރުކޮށްދިނުމަށް މިވަގުތު ކުރަންޖެހޭނީ ވަރަށް އުނދަގޫ ދަތުރެކެވެ. މިވަގުތު އެހީ ފޯރުކޮށްދިނުމުގައިވެސް ބަލަނީ ކޮންމެހެން ބޭނުންވާ ޒަރޫރީ ކާނާގެ ބާވަތްތަކާއި ސިއްހީ ނިޒާމުގެ ތަކެއްޗަށްކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭ ކަމަށެވެ.

https://wamco.com.mv/
tel:+9607331319