logo

ކުނި މެނޭޖްރުމަށް ބޭނުންވާ ސާމާނު 20 ރަށަކަށް ހަވާލުކޮށްފި

profile

އައިޝަތު އިނާޝާ - 18 ސެޕްޓެމްބަރު 2024 - 22:59

ކުނި މެނޭޖްރުމަށް ބޭނުންވާ އެކި ވަސީލްތްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު- ފޮޓޯ: އެންވަރަންމެންޓް މިނިސްޓްރީ

ކުނި މެނޭޖްރުމަށް ބޭނުންވާ އެކި ވަސީލްތްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު- ފޮޓޯ: އެންވަރަންމެންޓް މިނިސްޓްރީ

އޭޝިއަން ޑިވެލެޕްމެންޓް ބޭންކު އަދި ޖަޕާނުގެ އެހީގައި އެންވަޔަރެންމެންޓް މިނިސްޓްރީން ކުރިޔަށް ގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިންޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖްރުމަށް ބޭނުންވާ އެކި ވަސީލަތްތައް 4 އަތޮޅެއްގެ 20 ރަށަކާ ހަވާލުކޮށްފިއެވެ.

ހަވާލުކުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ ކުނި އުފުލަން ބޭނުންކުރާ ޑަންޕްޓްރަކް، ޑަސްބިން އަދި ކުނި ރައްކާތެރި ގޮތުގައި ގުދަން ކުރުމަށް ބޭނުން ކުރާނެ ބޭލަރ މެޝިނެވެ.

މީގެ ތެރެއިން 18 ރަށަކަށް ކުނި ޓްރަކް ހަވާލުކޮށްފާވާއިރު 15 ރަށަކަށް ބޭލަރ މެޝިން ވަނީ ހަވާލުކޮށްފައެވެ. އަދި 5000 އަށްވުރެ ގިނަ ޑަސްބިން ވަނީ ހަވާލުކޮށްފައެވެ.

މިތަކެތި އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަންމެންޓް މިނިސްޓަރު ތާރިގް އިބްރާހިމްއެވެ.

ފޮޓޯ: އެންވަރަންމެންޓަލް މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރުވަނީ ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރަށްވައި، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ކުންޏަކީ ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

މިއަދު ހަވާލުކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ކައުންސިލްތަކަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މިއަދު ހަވާލު ކުރެވުނު މި ވަސީލަތްތަކަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނި މެނޭޖްކުރުން ވަކި މިންގަނޑަކަށް ފެއްތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވެމްކޯގެ އިސްވެރިނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.


https://wamco.com.mv/
tel:+9607331319