logo

މުނާފިޤުންގެ ސިފަތައް

profile

ޒިދާން މުޙައްމަދު - 04 ސެޕްޓެމްބަރު 2025 - 04:29

މުނާފިޤުން ނުވަތަ ނިފާޤު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އިޢުތިޤާދުގެ ނިފާޤާއި ޢަމަލުގެ ނިފާޤެވެ.

https://wamco.com.mv/

އިޢުތިޤާދުގެ ނިފާޤަކީ ހިތުން އިސްލާމްނުވެ ދުލުން ތިމަންނަމެންނަކީ މުސްލިމުންނޭ ބުނެއުޅުމެވެ. އިޢުތިޤާދުގެ ނިފާޤުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިބައިމީހުން ތިބޭނެ ތަނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުކަމުގައި ހަމަޖައްސަވާފައެވެ.

ޢަމަލުގެ ނިފާޤުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދެ ޙަދީޘްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ (رواه البخاري)

މާނައީ: “ހަތަރުކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހަކީ ޚާލިޞް މުނާފިޤެކެވެ. މިހަތަރު ކަންތަކުގެ ތެރެއިން ކަމެއް ހުރެއްޖެމީހާ، މުނާފިޤުކަމުގެ މިންވަރެއް އެމީހެއްގެ ކިބައިގައި ހުރެއްޖެއެވެ. އެއީ އޭނާ އެކަން ދޫކޮށްފުމަށް ދާނދެނެވެ. އެކަންތައްތަކަކީ؛ އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެއްޔާ އޭނާ އެ އާމާނާތަށް ޚިޔާނާތްތެރިވެއެވެ. އަދި އޭނާ ވާހަކަދައްކައިފިއްޔާ ދޮގުހަދައެވެ. އަދި އޭނާ ޢަހުދެއްވެއްޖެއްޔާ އެ ޢަހުދާ ޚިލާފުވެއެވެ. ކަމަކާމެދު ވާހަކަދައްކައި ބަހުސްކޮށްފިނަމަ ޙައްޤުން އެއްކިބާވެއެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ (رواه البخاري)

މާނައީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވަޢްދެއްވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.”

ނިފާޤުކަން ފަހަރެއްގައި އިސްލާމްކަމާވެސް އެއްވެދާނެއެވެ. އެކަމަކު މުނާފިޤުކަން ބޮޑުވަމުން ފުޅާވަމުންގޮސް މުނާފިޤުކަން އަށަގެންފައިވާ މީހާ އިސްލާމްދީނުން މުޅިން ކަސިޔާރުކޮށްލަފާނެއެވެ. އެމީހާ ނަމާދުކޮށް، ރޯދަހިފައި، މުސްލިމެއްކަމުގައި ބުންޏަސްމެއެވެ. މުނާފިޤުކަމުގެ މިކަންކަމަކީ އީމާންކަން ނަހީކުރާ ކަންތައްތަކެވެ. މުނާފިޤުކަމުގެ ޢަލާމާތްތައް ހަށިގަނޑުގައި ހުރެއްޖެނަމަ އަދި އެކަންތައްތައް މަނާކުރާނެ ހިތްވަރެއް އެހަށިގަނޑުގައިވާ އީމާންކަމަށް ލިބިގެންނުވާނަމަ، ފަހެ އެމީހާ ޚާލިޞްމުނާފިޤެއްކަމުގައި މެނުވީ ނުވެއެވެ.

އިބުން ޤައްޔިމް ވިދާޅުވެފައިވެއެވެ.

”ﷲގަންދީ ބުނަމެވެ. ހަމަކަށަވަރުން އެބޭކަލުންގެ ހިތްތައް އީމާންކަމާއި ޔަޤީންކަމުން ފުރިފައިވާއިރުވެސް އެބޭކަލުން ނިފާޤްކަމަށްވާ ބިރުވެތިކަން މާބޮޑެވެ. އަދި އެކަމުގެ މައްޗަށްވާ ކަންބޮޑުވުން ވަނީ ބަރުވެގެންނެވެ. އެހެނެއްކަމަކު އެބައެއްގެ އީމާންތެރިކަން ކަރުތެރެއާ ހަމައަށް ނުފޯރު ބަޔަކުވެއެވެ. އަދި އެމީހުން ދައުވާ ކުރަނީ އެމީހުންގެ އީމާންތެރިކަން ޖިބުރީލުގެފާނާއި މީކާއީލުގެފާނުގެ އީމާންތެރިމާއި އެއްފަދަކަމަށެވެ.”

ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސާފު ސުންނަތުގައި އެތައް ތަނެއްގައި މުނާފިޤުންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެބައިމީހުންނާއިމެދު އިންޒާރު ކުރައްވާ، އެބައިމީހުންނަށް ޚާއްޞަ ސޫރަތެއް ބާވައިލައްވައިފައިވެއެވެ. އެގޮތުން އެބައިމީހުންގެ ސިފަތަކުގެ ތެރޭގައި:

  • ބަލިމަޑުކަމެއް ހިތުގައިވުން

ﷲ ތަޢާލާ ވަޙިކުރައްވައިފައިވެއެވެ.

(( فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ))

މާނައީ: “އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.”

  • ޝަހްވާނީ އެދުންތައް

ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

(فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ )

މާނައީ: ” ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (نفاق ގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ “

ފަހެ އެކަމަށް ދަހިވެތިވެގެންވަނީ އެމީހެއްގެ ހިތުގައި ބަލިކަށިކަމެއްވާ މީހެކެވެ. އެއީ އެމީހެއްގެ ހިތުގައިވާ އީމާންކަން ބަލިކަށިވުމުގެ ސަބަބުންނެވެ. އެއްގޮތަކީ އެމީހަކީ އިސްލާމްދީނާއިމެދު ޝައްކު އުފެދިފައިވާ މުނާފިޤެކެވެ. އެކަމުގެ ސަބަބުން އެފަދަމީހާ ﷲގެ ހުދޫދުތަކުގައި ލުއިކޮށްލަނީއެވެ. ނުވަތަ އަނެއްގޮތަކީ އެފަދަ މީހަކީ ފާޙިޝްކަންކަމަށް އަރައިގަތުމުގައި ފަރުވާކުޑަކޮށްފައިވާ މީހެކެވެ.

  • ބޮޑާވުމާއި ބޮޑާވެގަތުން

ލަޢްނަތްލެއްވިގެންވާ މުނާފިޤުންގެ ޚަބަރުދެއްވާ ﷲ ތަޢާލާ މިއާޔަތުގައި ބަޔާން ކުރައްވަނީ މިފަދައިންނެވެ.

(وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّـهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ )

މާނައީ: “އަދި اللَّه ގެ ރަސޫލާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް دعاء ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެބައިމީހުން ގާތުގައި ބުނެފިނަމަ، އެބައިމީހުންގެ ބޯތައް ހޫރުވައިލައެވެ. އަދި އެބައިމީހުން كبر ވެރިވެގެންވާ حال ގައި، އެބައިމީހުން ބޮޑާވެގެންވާ ޙާލު ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. “

އެބަހީ: އެބައިމީހުންނަށް މިގޮވާލެވޭ ކަމަށް އެބައިމީހުން ދެކޮޅުހަދާ ފުރަގަސްދީ އެނބުރިދަނީ ބޮޑާކަމާއިއެކުގައެވެ. އަދި އެބައިމީހުންނަށް ބުނެވޭބުނުމަށް މަލާމަތްކުރާ ޙާލުގައެވެ.

  • ﷲގެ އާޔަތްތަކަށް މަލާމަތްކުރުން

ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

(( يَحْذَرُ الْمُنَافِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُم بِمَا فِي قُلُوبِهِمْ ۚ قُلِ اسْتَهْزِئُوا إِنَّ اللَّـهَ مُخْرِجٌ مَّا تَحْذَرُونَ ))

މާނައީ: ” منافق ން އެބައިމީހުންގެ ހިތްތަކުގައިވާގޮތުގެ خبر ތައް އަންގައިދޭ سورة އެއް، އެބައިމީހުންނާއިމެދު ބާވައިލައްވައިފާނެތީ ބިރުގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، اللَّه ނެރުއްވައި ހާމަކުރައްވާ ހުށްޓެވެ. “

  • މުއުމިނުންނަށް ފުރައްސާރަކުރުން

ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

(( وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُون)) )) اللَّـهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ )) ﴿سورة البقرة 14، 15﴾

މާނައީ: “އަދި إيمان ވި މީހުންނާ އެބައިމީހުން ބައްދަލުވެއްޖެނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެބައިމީހުންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެބައިމީހުންގެ ތެރެއިން ކުރިޔަށް ތިބިމީހުންނާ) އެބައިމީހުން އެއްތަންވެއްޖެނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ. اللَّه، އެބައިމީހުން ކުރި ފުރައްސާރައިގެ ޖަޒާ އެބައިމީހުންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެބައިމީހުންގެ އުރެދުމުގައި އުޅުމަށް އެބައިމީހުންނަށް މުއްދަތު ދިގުކުރައްވާނެތެވެ.”

އަދި މިނޫނަސް މުނާފިޤުކަމުގެ ސިފަތައް ވެއެވެ. އަހަރެމެންގެ މައްޗަށް އެންމެ އައުލާކަން ބޮޑީ އެ ސިފަތައް ދެނެގަނެ ދުރުހެލިވުމެވެ.

https://wamco.com.mv/
tel:+9607331319