logo

ރިހެބިލިޓޭޝަން ފަރުވާ ބޭނުންވާ 700 މީހުން އެބަތިބި!

profile

އަހުމަދު ޒަލީފު - 22 ޑިސެމްބަރު 2023 - 18:54

ރިހެބިލިޓޭޝަން ފަރުވާ ބޭނުންވާ އެތައް ސަތޭކަ ބަޔަކު އެބަތިބި

ރިހެބިލިޓޭޝަން ފަރުވާ ބޭނުންވާ އެތައް ސަތޭކަ ބަޔަކު އެބަތިބި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ރިހިބިލިޓޭޝަން ފަރުވާގެ ކިއުގައި 700 މީހަކު އެބަތިބި ކަމަށާއި އެ މީހުންގެ ފަރުވާ އަވަސްކުރަން މަސައްކަތް ކުރަމުން އަންނަ ނަމަށް ނެޝަނަލް ޑްރަގް އެޖެންސީ އެމްޑީއޭ އިން ބުނެފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުދަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ބައިވެރިވެވަޑައިިގެން އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން ހުކުމް ކޮށްފައިވާ 700 މީހަކަށް ފަރުވާ ނުދެވި އެބަތިބި ކަމަށާއި އެކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. އެހެންވެ ކިއުގައި ތިބި މީހުންގެ ފަރުވާ އަވަސް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ 700 މީހުންގެ ފަރުވާގެ މަސައްކަތް ފުރިހަމަކުރެވުން ކަމަށް ވިދާޅުވި އެވެ.

"ކުރެވިފަ ހުރި ރިހެބިލިޓޭޝަން އަމުރުތަކާ އެއްގޮތަށް ކްލައިންޓުންނަށް ދޭން ޖެހޭ ފަރުވާ ދިނުމަށްޓަކައި މުޅި އެންޑީއޭގެ ޓެކްނިކަލް ޓީމް އަދި އިދާރީ ޓީމް އެކުލެވިގެން ޖޮއިންޓް މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން މިހާރު މި ދަނީ މަސައްކަތް ކުރަމުން." އިމާދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ފެށޭ ހަފުތާގެ ތެރޭގައި ހާއްސަ މުވައްޒަފުންތަކެއް ނަގައިގެން، ފަރުވާ ލިބެން ޖެހޭ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އިމާދު ވިދާޅުވި ގޮތުގައި ފުލުހުންނާއި ޑްރަގް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީ) އޮފީސް އަދި އެންޑީއޭ ގުޅިގެން މާލޭގެ މަގުމަތީގައި ސަލާން ޖަހަން ތިބޭ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިމާދު ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ފުޅާކުރުމަށް އަންނަ ކަމަށާއި އެގޮތުން އަންނަ މަހުގެ ތެރޭގައި ލ. އަތޮޅުގައި އެންޑީއޭގެ ފަރުވާގެ ހިދުމަތް ފަށަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ހިދުމަތް މެދުކެނޑިފައި ހުރި ހދ. ހަނިމާދޫގެ އެންޑީއޭގެ ސެންޓަރުގެ މަސައްކަތް އަލުން ފަށައި، ނ. ވެލިދޫގައި ވެސް ފަރުވާގެ ހިދުމަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު އައްޑޫ ހުޅުމީދޫގައި ވެސް "ވިލުނު" ގެ ނަމުގައި މަސްތުވާތަކެއްޗަށް ފަރުވާ ދޭ އިތުރު ސެންޓަރެއް ހުޅުވާފައިވެ އެވެ.

tel:+9607331319