ބޭރު ގައުމުތަކުގައި ރާއްޖޭގެ ނަމާއި ޝަރަފު ދެމެހެއްޓުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

ޝަހްޒާ މުޙައްމަދު - 09 އޮކްޓޯބަރު 2025 - 12:35
ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލު ކުރައްވާއިރު، ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފި އެވެ.
ގައުމީ ސީނިއާ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ގައުމީ ޓީމަށް ހިތްވަރު ދެއްވައި ކާމިޔާބީއަށް އެދިވަޑައިގެން ވިދާޅުވީ، ދިވެހި ގައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަހުވެރިވާ ކަމަށެވެ. އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯދުމުގެ އުއްމީދުގައި ކުޅުމަށް އެދިވަޑައިގެންނެވި އެވެ.
ވޮލީ އަކީ، ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު އިޢުލާނުކުރި ރާއްޖޭގެ ގައުމީ ސީނިއާ ވޮލީބޯޅަ ޓީމަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ މެންސް ކަޕް 2025 ގައި، ރާއްޖެ ތަމްސިލުކުރާ ޓީމެވެ. ޖުމުލަ ހަ ގައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ބަންގްދަލޭޝްގެ ވެރިރަށް ޑާކާ ގައި، މި މަހުގެ 22 އިން 28 އަށެވެ. މި މުބާރުގެ ތަމްރީނަށް ޓީމު މިއަދު ތައިލޭންޑަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ކުރިއަށް ދާނީ މި މަހުގެ 10 އިން 17 އަށެވެ.
ގުޅުން ހުރި ޙަބަރުތައް

މުއައްސަސާތަކާއި ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވޭނީ އިންޓަރނަލް އޮޑިޓް ހަރުދަނާ ކުރެވިގެން: ނައިބު ރައީސް
2 މަސް ކުރިން
.jpg&w=3840&q=75)
ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތާއެކު ކުޅުދުއްފުށި އިޤްތިޞާދަށް ހެޔޮ އަސަރުކުރާނެ: މޭޔަރު އާޠިފް
3 މަސް ކުރިން

ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
3 މަސް ކުރިން

ދެ ކުލަބަކަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަންދީ، އަސާސީ ގަވާއިދު ފާސްކޮށްފި
5 މަސް ކުރިން


