ދިރާސީ އާ އަހަރު ސްކޫލްތަކުގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށް ފަށަންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ މާއްދާ އިތުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދިރާސީ އާ އަހަރު ދިވެހި ގައުމިއްޔަތު މާއްދާ، ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށާއި އަދި ދިވެހި ގައުމިއްޔަތު ކިޔަވާދިނުމަށް ގައުމީ މަންހަޖުގައި ހިމަނައިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސަައްކަތް ރައީސް އޮފީހާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމުނު ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މާއްދާ ކިޔަވައިދިނުމުގެ މަޤްސަދަކީ ދިވެހި ޤައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ ޤައުމިއްޔަތަށް ލޯބިކުރާ އަދި ޤައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށާއި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށް ވިދާޅުވި އެވެ.
ޤައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް ސްކޫލް ތަޢުލީމު މަންހަޖުގެ ތެރެއަށް ތައާރަފް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.