
ލިވަޕޫލް އާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..
ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި

ހަސަން ޝަމްއޫން - 07 ޑިސެމްބަރު 2025 - 00:24
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-3 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް ލީޑްސް ޔުނައިޓެޑުން ތާވަލުގެ 16 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ލީޑްސް އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން. ވަނީ 3-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިނދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ލިވަޕޫލުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓެތެރޭގައި އެޓީމުން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހޫގޯ އެކަޓިކޭ އެވެ.
ލީޑްސް ޔުނައިޓެޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 73 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ފޯވާޑް ޑޮމިނިކް ކަލްވަޓް ލެވިން ކާމިޔާބުކުރިއިރު އޭގެ ދެމިނެޓް ފަހުން އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ މިޑްފީލްޑަރު އެންޓޮން ސްޓެޗް އެވެ.
ނަމަވެސް އޭގެ ފަސް މިނެޓުފަހުން މެޗުގެ 80 ވަނަ މިނެޓުގައި ލިވަޕޫލްގެ މިޑްފީލްޑަރު ޑޮމިނިކް ސްބޮޒްލާއި ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑުހޯދައިދީފައެވެ. އަދި މިލަނޑާއެކު ލިވަޕޫލް ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލީޑްސްގެ ޖަޕާން މިޑްފީލްޑަރު އައޯ ޓަނަކާ ވަނީ އެޓީމަށް މިމެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން ލިވަޕޫލަށް 23 ޕޮއިންޓް ލިވިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ހޯދި އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 15 މެޗުން ލީޑްސް ޔުނައިޓެޑަށް 15 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.
ލީގުގައި ލިވަޕޫލަށް ކުރިއަށް އޮތީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ލީޑްސްއަށް ކުރިއަށް އޮތީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅޭ މެޗެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
12 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ސަންޑަލޭންޑް ބަލިކޮށް މެންޗެސްޓާ ސިޓީ އިން ފަރަގު ކުޑަކޮށްފި
13 ގަޑިއިރު ކުރިން

ޗެލްސީ އާއި ބޯންމައުތުގެ ކުރިމަތިލުން އެއްވަރު
13 ގަޑިއިރު ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އެސްޓަންވިލާ އިން އާސެނަލް ބަލިކޮށްފި
ދުވަހެއް ކުރިން


