މީހުންނާއި މެދު ރީތިކޮށް މުޢާމަލާތްކުރުމަށްޓަކައި މާތް الله ގެ ވަޙީ ބަސްފުޅު {...وَقُولُوا لِلنَّاسِ حُسْناً...} البقرة: 83. މިއާޔަތަށް ފުންކޮށް ވިސްނާ ފިކުރުކުރުން ހުއްޓެވެ. - މާނާއީ ".. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!.." ޝައްކެއްނެތް ގޮތުގައި މިއާޔަތުން ދޭހަވާ ގޮތުގައި މީހުންނާއި މެދު ރަނގަޅު ގޮތުގައި މުޢާމަލާތް ކުރުމަކީ ޝަރުޢީ ވާޖިބެކެވެ. ރަނގަޅު ގޮތުގައި މުޢާމަލާތް ކުރުމަށްޓަކައި ބައިވަރު ގިނަ އެއްޗެހިތަކެއް މީހަކަށް ދިނުން މުހިންމެއް ނޫނެވެ. މާބައިވަރު އެއްޗެހިތަކެއް ޚަރަދުކުރުން ލާޒިމެއްނޫނެވެ. އެކަމަކު ކުރާ ކުޑަކުޑަ ކަމަކުންވެސް ރީތިގޮތުގައި މުޢާމަލާތްކުރެވިދާނެއެވެ.
މީހުންނާއި ހިނިތުންވުމާއިއެކު ބައްދަލުކުރުމާއި ރީތިގޮތަކަށް ފެނިލުމަކީ ވެސް ރަނގަޅު މުޢާމަލާތެކެވެ. ރީތި ރަނގަޅު މުޢާމަލާތް ކުރާނެގޮތް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘުކުރައްވަނީ (إِنَّكُمْ لَا تَسعُونَ النَّاسَ بِأَمْوَالِكُمْ، وَلْيَسَعْهُمْ مِنْكُمْ بَسْطُ الْوَجْهِ، وَحُسْنُ الَخُلُقِ) رواه البزار والحاكم. އާދެ، ކަލޭމެންނަކަށް ކަލޭމެންގެ މުދާ މީހުންނަށްދީ، ކިތަންމެ ވަރަކަށް ހޭދަކުރިކަމުގައި ވިޔަސް މީހުން ރުއްސައެއް ނުލެވޭނެއެވެ. އެކަމަކު ހިނިތުންވުމާއިއެކު މީހުންނާއި މެދު ރަނގަޅަށް މުޢާމަލާތްކޮށްފިނަމަ އެމީހުންގެ ރުހުންލިބި ލޯބިހޯދުމަކީ އެހާ ބޮޑުކަމެއް ނޫނެވެ. ވީމާ މުޢާމަލާތް ކުރުމުގައި އެއްވެސް ކަމަކީ ދެރަ ނިކަމެތި ކަމެއް ކަމުގައި ނުދެކޭށެވެ. މޫނު އަލިކޮށް އުފަލުން ތިމާގެ އަނެއް އަޚާއާއި ހިނިތުން ވެލުމާއިއެކު ބައްދަލުކުރުމަކީވެސް ރަނގަޅު މުޢާމަލާތެކެވެ. ހަމުގެ ކުލަ ދޮން ކަޅުވެ، އިސްކޮޅުގެ ތަފާތަކީ ރީތި ރަނަގަޅު މުޢާމަލާތުން މީހާ އެކަހެރިކޮށްލަން ޖެހޭ ކަމެއްނޫނެވެ. އެމީހާ ނިކަމެތިކޮށް އަޅަކަށް ހަދާ، އެންމެފަހުން މީހާގެ ދުވަސް ދުއްވާލުމުގެ ލައިސަންސް ލިބޭކަމެއްވެސް ނޫނެވެ. އަދި މީހާ ފަގީރުވެ މީހެއްގެ އެހީއަށް އެދެންޖެހުމަކީވެސް އެމީހާ ނިކަމެތިކޮށް ދެވަނަ ދަރަޖައަށް ވައްޓާލަން ޖެހޭކަމެއްނޫނެވެ. ކޮންމެ މީހަކު ދެކެވެސް ހިނިތުންވާށެވެ. ކަމޭހިތާށެވެ. ކަޅެއް ދޮނެއް ނުބަލާށެވެ. މޮޅެއް ދެރައެއް ތަފާތު ނުކުރާށެވެ. ވެރިއެއް، ރައްޔިތެއްތޯ ބެލުމަކާއި ނުލައެވެ. ޢަރަބީއެއް ޢަޖަމީއެއްގެ ފަރަގު ނުދެކޭށެވެ.
ކީރިތިރަސޫލާ ﷺ ގެ މިޙަދީޘުފުޅު ވިދާޅުވާށެވެ. (لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بوَجْهٍ طلق) أخرجه مسلم في صحيحه. އާދެ، "ރަގަޅު ކަންތަކުގެ ތެރެއިން އެއްވެސް ކަމަކީ ދެރަ ނިކަމެތި ކަމެއްކަމުގައި ނަހަދާށެވެ. އެއީ ތިމާގެ އަޚާއާއި ހިނިތުންވެ ބައަދަލުވުން ކަމުގައި ވިޔަސްހެވެ." ކީރިތި ރަސޫލާ ﷺ ގެ ސީރަތުން އަހަރެމެން ވަނީ މިފަދަ ކިތަންމެ ކަމެއް ފެނި، އެނގި ދަސްވެފައިވެއެވެ. ހަމައެކަނި މުސްލިމުންނާއި މެދުގައެއްނޫނެވެ. މުސްލިމުނޫން މީހުންނާއި މެދުވެސް އެކަލޭގެފާނު މުޢާމަލާތް ކުރައްވާފައިވަނީ އޭގެ އެންމެ ރީތި ރަނގަޅު ގޮތުގައެވެ. އެކަލޭގެފާނުގެ ދުޝްމަނުންވެސް ވަނީ އެކަމަށް ހެކިވެ ތަޢުރީފުކޮށްފައެވެ. އެކަލޭގެފާނުގެ ޚުލްޤުގެ ރީތިކަމާއި މުޢާމަލާތް ކުރެއްވި ގޮތުގެ ރަނގަޅުކަން ނިކަން ދެކޭށެވެ. މައްކާ ފަތަހަކުރެއްވި ދުވަހުއެވެ. އޭގެކުރީގައި އެކަލޭގެފާނަށް ޖެއްސުންކޮށް އުނދަގޫކުރި މައްކާގެ މީހުންނާއި ދޭތެރޭގައެވެ. އެކަލޭގެފާނަށް ބޮޑެތި އަނިޔާކުރި ޤުރައިޝް ވަންހައިގެ ކާފިރުންނާއި މެދުގައެވެ. އެމީހުން އެކަލޭގެފާނަކީ މޮޔައެއްކަމަށާއި ސިހުރުވެރިއެއްކަމަށް އަދި ކާހިނެއްކަމަށް ވެސް ހެދިއެވެ. މައްކާގެ އެންމެހާ މީސްތަކުން، ދެން އެކަލޭގފާނު ކަންތައް ކުރައްވާނޭ ގޮތަކާއި މެދު ކަންބޮޑުވެ ވިސްނަން ތިއްބެވެ. އެކަލޭގެފާނު ހައްދާވާނޭގޮތެއް ނޭގި ގޮތް ހުސްވެފައެވެ. ކޮންމެ ގޮތަކަށް ކަންހިގާދިޔަކަމަށް ވިޔަސް ކުރާނެ ޝަކުވާއެއްނެތި، ބުނާނެ ހަމައެކައްޗެއް ވެސް ނެތްހާލު މާޔޫސްވެފައެވެ. އެހާއިރުން ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވެވުނު މާތް ސާހިބާ محمد ﷺ ޙަދީޘުކުރެއްވީ ކިކޭތޯއެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވީ ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅު ބަސްފުޅެވެ. ބަދަލު ނުހިއްޕަވާނެ ވާހަކައާއި ދެރަކޮށް ނިކަމެތިކޮށް ނުލާނެ ވާހަކައެވެ. އާދެ، "މިއަދު ތިޔަބައިމީހުންގެ މައްޗަށް މަލާމާތެއް ދެރަބަހެއް ނެތެވެ." މާތް الله އެބަސްފުޅު ކީރިތިޤުރްއާނުގައި ނަގުލުކުރައްވާފައިވަނީ މިފަދައިންނެވެ. {لاَ تَثْرِيْبَ عَلَيْكُمُ الْيَوْمَ} يوسف: 92 – މިއީ ކާފަރުންވެސް އެކަލޭގެފާނުގެ މާތްކަމާއި ޚުލްޤުހެޔޮކަން އަދި މީހުންނާއި މެދު އެކަލޭގެފާނުގެ މުޢާމަލާތުގެ ރަނގަޅުކަމާއި ރީތިކަން ދައްކުވައިދޭ ނަމޫނާއެއްކަމުގައި އިއުތިރާފުވާ ސަބަބެވެ. ކުރީޒަމާނުގައި މީހުން އެކަން ގަބޫލުކުރިފަދައިން މިޒަމާނުގެ ކާފިރުން ވެސް ވަނީ އެކަމަށް ހެކިވެފައެވެ. އެމެރިކާގެ އެސްޓްރޯފިޒިކްސް އާއި ތާރިޚުގެ ޢިލްމުވެރިއެއްކަމުގައިވާ މައިކަލް އެޗް. ހާރޓް ދުނިޔޭގެ އެންމެ ވަރުގަދަ ސަތޭކާ ލީޑަރުންގެ ލިސްޓުގައި ފުރަތަމަ ނަމަކަށް މުސްލިމުންގެ ރަސޫލާ محمد ﷺ ގެ ނަންފުޅު ލިއުނީ އެފަދަ ކިތަންމެ ސަބަބުތަކަށްޓަކައިކަން ކަށަވަރެވެ.