
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ---
ރައްޔިތުންނަށް ހިޔާނާތްތެރިވާ ވެރިންނަށް ރައްޔިތުން އިހްތިރާމެއް ނުކުރާނެ: ޑރ. ދީދީ

ޖިނާން ޙުސައިން ޖަބީން - 15 ނޮވެމްބަރު 2026 - 11:47
ރައްޔިތުންނަށް ހިޔާނާތްތެރިވާ ވެރިންނަށް ރައްޔިތުންގެ އިހްތިރާމެއް ނުލިބޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މި މޭރުމުން ވިދާޅުވީ، މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ނަމުގައި ސަރުކާރުން ފެށި މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ. ދީދީ ވިދާޅުވީ، އަނެއްކާވެސް ފެނިގެން މި ދިޔައީ ސަރުކާރުގެ ސިލްސިލާ ޑްރާމާތަކުގެ ތެރެއިން އައު އެޕިސޯޑެއް ކަމަށެވެ. އަދި އިންސާނީ ޝުއޫރުތަކަކީ ގަދަކަމުން ފާޅުކުރެވޭނެ އެއްޗެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތަބީއީ ގޮތުންވެސް މީސްތަކުންގެ އިހްތިރާމް ހައްގުވާނީ އެކަމަށް އެކަށީގެންވާ "މުހްތަރަމް" ފަރާތްތަކަށް އެކަނި ކަމަށް ޑރ. ދީދީ ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ރައްޔިތުންގެ ކަންކަން ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ހިންގުމަށްޓަކައި ރައްޔިތުން އިންތިހާބުކުރާ ބަޔަކު، ރައްޔިތުންނަށް ހިޔާނާތްތެރިވުމުން އެފަދަ ފަރާތްތަކަށް ރައްޔިތުން އިހްތިރާމެއް ނުކުރާނެ ކަމަށާއި، މިއީ ދުވަހަކުވެސް ބަދަލުކުރެވޭނެ ހަގީގަތެއް ނޫން ކަމަށްވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށާއި އަދަބު އިހްތިރާމް އަށަގެންނެވުމުގެ ނަމުގައި އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ނަމުގައި ބޮޑު މަޝްރޫއެއް ސަރުކާރުން ފަށާފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި، މި މަޝްރޫއުގެ މަގުސަދަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ރިވެތި އިސްލާމީ އަދަބު އަހްލާގާއި، ދިވެހީންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ މަތިވެރި ސިފަތައް މުޖުތަމަޢުގައި ދިރުވައި އާލާކުރުމެވެ.


