
މެންޗެސްޓާ ސިޓީ އާއި ސަންޑަލޭންޑް ވާދަކުރި މެޗުގެ ތެރެއިން..
ފަސޭހަކަމާއެކު ސަންޑަލޭންޑް ބަލިކޮށް މެންޗެސްޓާ ސިޓީ އިން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން - 07 ޑިސެމްބަރު 2025 - 00:01
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އަތުން 5-4 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރުބެން ޑިއާސް އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމު ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި ސިޓީގެ ތިންވަނަ ލަނޑު ފަހުހާފުގެ 65 ވަނަ މިނެޓުގައި މިޑްފީލްޑަރު ފިލް ފޯޑެން ކަމިޔާބުކުރިއިރު، މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސަންޑަލޭންޑްގެ ޑިފެންޑަރު ލޫކް އޯ ނިއެންއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން މެންޗެސްޓާ ސިޓީއަށް 31 ޕޮއިންޓް ލިވިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސަންޑަލޭންޑަށް ލީގުގައި ކުޅުނު 15 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ
ލީގުގައި މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ސަންޑަލޭންޑަށް ކުރިއަށް އޮތީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.
ގުޅުން ހުރި ޙަބަރުތައް

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ޕޯޗުގަލް ބަލިކޮށް ބްރެޒިލް ޗެމްޕިއަންކަން ހޯދައިފި
5 ގަޑިއިރު ކުރިން

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ފަސޭހަކަމާއެކު އާޖެންޓީނާ ބަލިކޮށް ސްޕެއިން ތިންވަނަ ހޯދައިފި
6 ގަޑިއިރު ކުރިން

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
19 ގަޑިއިރު ކުރިން

ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި
20 ގަޑިއިރު ކުރިން


