ވެރިކަންކުރާ މާލެ ސިޓީ އަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ދެލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އާބާދީ ބޮޑު އެއް ސިޓީއެވެ.
ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅެމުންދާ މާލެ ސިޓީގައި 1987 ވަނަ އަހަރު އާބާދީއަކީ 20،000 މީހުންނެވެ. 2006 ވަނަ އަހަރު އާބާދީ ވަނީ 100،000 މީހުންނަށް އިތުރުވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން މާލޭއަށް ހިޖުރަކުރަންޖެހެނީ ގިނަ ރަށްރަށުގައި ސިއްހީ ޚިދުމަތް، ތައުލީމު، އަދި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި ނެތުމުންނެވެ. އެކި ކަންކޮޅުތަކުން މާލެއަށް ހިޖުރަކުރަން ޖެހުމުގެ ނަތީޖާއަކަށްވެފައިވަނީ މާލެއަކީ އިންތިހާއަށް ތޮއްޖެހިފައިވާ ބައިބޯ ތަނަކަށްވުމެވެ. ރަށްފުށުގެ ހިތްގައިމު ތަނަވަސް ބޮޑެތި ގޯތިތައް ދޫކޮށް އެ ރައްޔިތުން މާލޭގައި ދިރިއުޅެމުންދަނީ ވަރަށް ކުދި ޖާގައިގައި ނުހަނު ހިތްދަތިކަމުގައެވެ.
އުފަން މާލޭ ރައްޔިތުންގެ ތެރެއިން ވެސް ގިނައީ އަމިއްލަ ވަޒަނުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން ދިރިއުޅޭ އާއިލާތަކެވެ. ކުދިކުދި ތަންތަންކޮޅުގައި އެތައް އާއިލާއެއް އުޅެންޖެހުމުގެ ސަބަބުން ދިމާވާ އިޖްތިމާޢީ އެތައް މައްސަލަތަކަކާވެސް އެ އާއިލާތަކުން ދަނީ ކޮންމެ ދުވަހަކުމެ ކުރިމަތިލަމުންނެވެ. މިއީ އެތައް ޒަމާނެއްވީ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ.
ތޮއްޖެހުމަކީ މާލޭގެ ގިނަ އިޖުތިމާއީ މައްސަލަތަކުގެ އެންމެ ބޮޑު އަސްލަށްވާއިރު، މިމައްސަލަ ހައްލު ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކުރެވެއެވެ. ވެރިކަމަށް އަންނައިރު މެނިފެސްޓޯގައި އެންމެ ބޮޑު އެއް ސިޔާސަތަކަށް ވަނީ މިމައްސަލައަށް ހައްލު ހޯދުމެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިން ހިއްކަން ނިންމާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއެވެ.
ރައީސް މުއިއްޒުގެ ރިޔާސީ މެނިފެސްޓޯއާއި އެއްގޮތަށް ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ރަސްމާލެ ސިޓީގެ ނަމުން ގާއިމު ކުރެވޭނެއެވެ. އަދި ސިޓީ ގާއިމްކޮށް ނިމޭއިރު ގާތްގަނޑަކަށް ދެ ލައްކަ މީހުންގެ އާބާދީއަކަށް އެ ސިޓީގައި ދިރިއުޅެވޭނެ އެވެ.
1153 ހެކްޓަރު ހިއްކުމަށް އަޒުމް ކަނޑައަޅައި މަސައްކަތް ފަށާފައިވާއިރު، "ރަސްމާލެ - ޒީރޯ ކާބަން ސިޓީ" ގާއިމުކުރަނީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެ ސިޓީއަށް ހިޖުރަކުރެވޭ ގޮތަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ބާރުދޭ އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދާ ގުޅިފައިވާ އެއްކަމަކީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެވެ.
ފިނޭސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުން ބުދަދުވަހު ބަޖެޓް ފާސްކޮށްފައިވާއިރު ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށްފަހުއެވެ.
މިނިސްޓަރ ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް ކަމަށެވެ.
އެކަމަށްޓަކައި 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެބިލިއަން ރުފިޔާގެ ހައުސިންގ ލޯން ދެވޭނެމަގުވެސް ފަހިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެވެ.
ގެދޮރުވެރިކަމާބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުން ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން ބުނަނީ 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ.
ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށްވާއިރު، ކޮންމެ ދިވެއްސަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ނަމަވެސް އެ ޙައްޤު ކަށަވަރުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަން ނުލިބި އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިން ޔުނިޓު ތަރައްޤީކޮށް، ކޮންމެ އާއިލާއަކަށްވެސް ތަނަވަސް ފަސޭހަ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް މަޖިލީހުން މިއަދު ފާސްކުރި ބަޖެޓަކީ ވަރަށް މުހިންމު ހިއްސާއަކަށް ވާނެއެވެ.
ބޯހިޔާވަހިކަމަށް ބޮޑު އިސްކަމެއް ދީފައިވާ މި ބަޖެޓާއެކު، މާލޭގެ ޒަމާންވީ މި މައްސަލައަށް ޙައްލެއް ލިބި، ކުދިކުދި ގޮޅިން ނިކުމެ، އާއިލާއާއެކު އުފާވެރި ހަމަޖެހޭ ދިރުއުޅުމެއް ލިބޭނެ ދުވަހަކަށް މާލޭގެ ރައްޔިތުން ކުރާ އުއްމީދު ތަކުގައި ކުލަ ޖެހިގެންދާނެއެވެ.