ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން ބިން ލިބިފައިވާ ރަށްތަކުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު އައު އިންޖީނުގެތައް ތަރައްޤީކުރަނީ ޒަމާނީ ފެންވަރަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުންދާ 33 ރަށުގައި ހުރި އިންޖީނުގެ ތެރެއިން ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައިަކަމަށެވެ. އަދި އިންޖީނުގެތައް ހުންނަ ސަރަހައްދުގެ ގޮތުން އަޑުގަދަވުމާއި ދުމުގެ އަސަރުކުރުމުގެ ސަބަބުން އެކަމާ ރައްޔިތުން ކަންބޮޑުވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.
ނަމަވެސް ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް މީހުން ދިރި ނޫޅޭ ސަރަޙައްދުތަކަށް ބަދަލުނުކުރެވިފައި ހުރި ރަށްރަށުން ބިން ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހި ބިން ނެތުމުގެ ސަބަބުންކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ މިވަގުތު އިންޖީނުގެތައް އެޅުމަށް ބިން ލިބިފައިވާ ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ.މީގެ އިތުރުން ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫޢޫތައް މިހާރުވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ ބިން ހިއްކައި ޖާގަ ލިބުންހާ އަވަހަށް އެ ރަށްރަށުގެ އިންޖީނުގެތައްވެސް މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލު ކުރާނެކަމަށެވެ.
"އެހެންނަމަވެސް ހިއްކުމުގެ މަސައްކަތް ބައެއް ރަށްތަކުގަ ކުރަމުންވެސް އެބަދޭ. ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މިއަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްތަކުގަ އާ ޕަވަރ ހައުސްތައް އެޅުމުގެ މަސައްކަތް ފަށައިގަންނާނަން. ޖުމުލަގޮތެއްގައި އަޅުގަނޑުމެން މި ވާހަކަތައް ކައުންސިލްތަކާ ހިއްސާކޮށް ކައުންސިލްތަކުގެ އެއްބާރުލުމާ އެއްކޮށް ކުރިއަށް ގެންދާނީ" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.