logo

ކުޅިވަރުގެ މަޝްރޫޢުތަކަށް ކޮމަންވެލްތު ގޭމްސްގެ ފެޑެރޭޝަނުން އެހީ ދެނީ!

profile

އާމިނަތު ޝަފާ - 28 ސެޕްޓެމްބަރު 2024 - 10:12

ކުޅިވަރުގެ މަޝްރޫޢުތަކަށް ކޮމަންވެލްތު ގޭމްސްގެ ފެޑެރޭޝަނުން އެހީ ދޭނެކަމަށް ވަނީ ވިދާޅުވެފައި

ކުޅިވަރުގެ މަޝްރޫޢުތަކަށް ކޮމަންވެލްތު ގޭމްސްގެ ފެޑެރޭޝަނުން އެހީ ދޭނެކަމަށް ވަނީ ވިދާޅުވެފައި

ރާއްޖޭގައި ކުރިއަށްގެންދާ ކުޅިވަރު މަޝްރޫޢުތަކަށް، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް)ގެ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ސީޖީއެފްގެ އޭޝިއާ އަދި އޯޝޭނިއާ ރީޖަނަލް ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

ސީޖީއެފްގެ ސަރަހައްދީ ބޮޑު ބައްދަލުވުމުގައި އެ ފެޑްރޭޝަންގެ ރައީސް ކްރިސް ޖެންކިންސް އާއި ސީއީއޯ ކޭޓީ ސެޑްލިއަރވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ވަނީ ސީޖީއެފްގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި ސިޔާސަތުތައް ހިއްސާކުރެއްވި އެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ޕްރޮޖެކްޓަކަށް ސީޖީއެފްގެ އެހީ ދޭނެ ކަމުގެ އިޝާރާތެއް ސީޖީއެފްގެ ރައީސް ޖެންކިންސް ދެއްވި ކަމަށެވެ.

މީގެ އިތުރުން ސީޖީއެފްގެ އޯޝޭނިއާ އަދި އޭޝިއާ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، ރާއްޖޭގެ ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ކަމެއްކަމަށްވެސް ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ވިދާޅުވެފައެވެ.

އޭޝިއާ އަދި އޯޝޭނިއާ ދެ ބައްރުގެ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ކުޅިވަރުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ، މި ބައްދަލުވުމަކީ މީހާތަނަށް ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މިއީ އޭޝިއާގައި ވެސް މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވިދާޅުވީ ކުޅިވަރާ ގުޅުންހުރި ބައްދަލުވުންތައް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމައް މަގުފަހިވާނެ ކަމެއް ކަމުގަ އެވެ.

"މީގެ ހައެއްކަ މަސް ކުރިންވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ފޯކަސް ކުރާނީ ހަމައެކަނި ކުޅިވަރު އިވެންޓުތައް އެކަންޏެއް ނޫނޭ. ކުޅިވަރާ ގުޅުން ހުރި މީޓިންތައް ވެސް ބާއްވާނަމޭ. އެކަން ވެގެން ދިޔަ ތަން މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ވަރަށް ގިނައިން މަގުފަހިވެގެން ދާނެ"

ވަޒީރު ވިދާޅުވީ މި ބައްދަލުވުންތަކަކީ އެކި ޤައުމުތަކުގެ ކުޅިވަރު ކުރިއެރުވުމަށް ޕޮލިސީ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ބައްދަލުވުންތަކެއްކަމަށެވެ. އެހެންކަމުން މިފަދަ ކޮންމެ ފުރުސަތަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުޅިވަރަށް ފުރުސަތުތައް މަގުފަހިވާނެކަމެއްކަމަށެވެ.

https://wamco.com.mv/
tel:+9607331319