
ސޫރަތުލް ކަހްފި —
ސޫރަތުލް ކަހްފި - 7

ޑރ. މުހައްމަދު އިޔާޛް ޢަބްދުއްލަޠީފް - 09 ފެބްރުއަރީ 2023 - 19:52
(ސޫރަތުލް ކަހްފި - 6 ވަނަ ބަޔާއި ގުޅޭ)
( وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ )
(وَلَا تَقُولَنَّ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.
މި އާޔަތް ބާވާލެއްވުނު ސަބަބު:
ގުރައިޝުން މަދީނާގައި ތިބި ޔަހޫދީންގެ ގާތަށް ބަޔަކު މީހުން ފޮނުވާ ބުންޏެވެ. "އަހަރުމެންގެ ތެރޭގައި ނަބީ ކަމަށް ދަޢްވާ ކުރާ މީހަކު އެބަ އުޅެއެވެ. ދެން ޔަހޫދީން އެބައިމީހުންގެ ގާތުގައި ބުންޏެވެ. އެކަލޭގެފާނާއި ތިން ކަމަކުން ސުވާލު ކުރާށެވެ. އެއީ:
1. އެބައިމީހުންގެ ރަށުން ނިކުމެގެން ގޮސް ހޮހޮޅައަކަށް ވަން ޒުވާނުންގެ ވާހަކަ އާއި،
2. ހުޅަނގާއި އިރުމަތީގެ ހުރިހާ ގައުމުތަކެއްގެ މިލްކުވެރިކަން އެމީހަކަށް ލިބުނު މީހެއްގެ ވާހަކަ އާއި،
3. ފުރާނަ އާއި ބެހޭ ގޮތުން ސުވާލު ކުރާށެވެ.
ދެން އެބައިމީހުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ކަހަފް ބާގައިގެ މީހުންގެ ވާހަކަ އިން ސުވާލު ކުރި ހިނދުގައި ޙަދީޘް ކުރެއްވިއެވެ. "މާދަމާ ޖަވާބެއް ދެއްވާނަމެވެ." އެހެންނަމަވެސް ފަނަރަ ދުވަސް ވަންދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަޙީ ބާވާނުލެއްވި މެދުކެނޑިގެން ދިޔައެވެ. ކުރީގެ އުއްމަތްތަކުގެ މީހުންގެ ވާހަކަ އަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެއްގޮތަކަށްވެސް އެނގިވަޑައިގަންނަވާ ވާހަކަ ތަކެއް ނޫނެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾ ) މާނައަކީ: " އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ". ސުލައިމާން ޢަލައިހިއްސަލާމް އިމްތިޙާނު ކުރެއްވި ފަދައިން މާތް ﷲ އެކަލާންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިމްތިޙާނު ކުރައްވާ 15 ދުވަހަށް ވަޙީ މެދުކަނޑުއްވާލެއްވިއެވެ. ސުލައިމާން ޢަލައިހިއްސަލާމް އެއް ދުވަހަކު ވިދާޅުވިއެވެ. "މިރޭ ތިމަންކަލޭގެފާނުގެ 90 އަނބިންނާއި ރޭކުރައްވާ ހުށީމެވެ. އެއިން ކޮންމެ އަންހެނަކުވެސް ﷲ ގެ މަގުގައި ޖިހާދު ކުރާނެ ކުއްޖަކު ވިހާނެއެވެ." އެހިނދުގައި އެކަލޭގެފާނުގެ ޞާޙިބް "އިންޝާﷲ" ބުނުމަށް ހަނދާންކޮށްދެއްވި ނަމަވެސް ސުލައިމާން ޢަލައިހިއްސަލާމް އެގޮތަށް ވިދާޅެއް ނުވެއެވެ. ސުލައިމާން ޢަލައިހިއްސަލާމް 90 އަނބިކަނބަލުންނާއި އެއްރޭ އެއްދާން ކުރެއްވިނަމަވެސް ލިބިވަޑައިގަތީ އިންސާނެއްގެ ފަޅިއެކެވެ." މިގޮތަށް މިކަން މެދުވެރިވީ، އިންސާނާ އަކީ ﷲ ގެ ޙަޟްރަތުގައި ކިތަންމެ މާތް މީހަކަށްވީ ނަމަވެސް، ﷲ ގެ އިރާދަފުޅާއި ނުލާ އެއްވެސް ކަމެއް ނުވާނެކަން ބަޔާން ކޮށްދެއްވުމަށެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަނަރަ ދުވަސް ވަންދެން ވަޙީ މެދުކެނޑިގެން ދިޔައެވެ. މި ކަމާއި އެކަލޭގެފާނު ވަރަށް ކަންތައްބޮޑުވެ ވަޑައިގަތެވެ. ސަބަބަކީ އޭގެ ސަބަބަބުން އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ ބަސް ދޮގުކުރުމަށް އޮތް ޙުއްޖަތަކަށް އެކަން ހަދާފާނެތީވެއެވެ. ޙަގީގަތުގައި މިއީ އެކަލޭގެފާނު ދޮގު ކުރަން އޮތް ޙުއްޖަތެއް ނޫނެވެ. ސަބަބަކީ ބޮޑުވަރަކަށް އެބައިމީހުން ބުނާނީ މުޙައްމަދުގެފާނުގެ މައްޗަށް ބާވާލައްވާކަމަށް ވިދާޅުވި ވަޙީ ކޮބައިހެއްޔޭ އެވެ؟ މާދަމާ ޚަބަރު ކުރައްވާނެކަމަށް ވަޢްދުވެވަޑައިގެން ކަންތައް ނުކުރައްވާ ކަމަށެވެ. ނަމަވެސް ޙަގީގަތަކީ، ވަޙީ ލަސްވެ، އެކަންތައްތަކުގެ ޚަބަރު ކުރެއްވުން ލަސްވުމުން ދޭހަވަނީ އެކަލޭގެފާނުގެ ތެދުވެރި ކަމެވެ. ސަބަބަކީ އެކަލޭގެފާނަކީ ދޮގުވެރިޔެއްނަމަ، ވާހަކަ އެއް ހައްދަވައިގެން އެބައިމީހުންނަށް ކިޔައިދެއްވައިފީހެވެ. ވަޙީ ލަސްވުމުން، އެވާހަކަތައް ކިޔާ ނުދެއްވާ ލަސްވުމުން ދޭހަވަނީ އެކަލޭގެފާނަކީ ތެދުވެރި ނަބިއްޔެއް ކަމެވެ.
(وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ ) "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ."
ﷲ އިރާދަކުރެއްވިއްޔާ އޭ ބުނެ މުސްތަގްބަލްގެ ކަންތައްތަކަށް ބަސްބުނެފިނަމަ ދެފައިދާ އެއް ލިބެއެވެ. އެއީ:
1. ﷲ އެކަމެއް ފަސޭހަކޮށްދެއްވައެވެ.
2. އެކަމެއް ނުވިނަމަވެސް، އެމީހަކު ދޮގު ހެދި ކަމަކަށް ނުވާނެއެވެ. މިޘާލަކަށް: ﷲ އިރާދަކުރެއްވިއްޔާ މާދަމާ މިވެނި ކަމެއް ކުރާނަމޭ ބުނެ، އެކަމެއް ނުވިނަމަވެސް، އެމީހަކު ދޮގު ހެދި ކަމަކަށް ނުވާނެއެވެ. ސަބަބަކީ އެމީހެއްގެ ހިތުގައި އޮތީ އެކަމެއް ކުރުމެވެ. ނަމަވެސް، ﷲ ގެ އިރާދަފުޅުގައި ނެތީމާ ނުވީއެވެ.
(وَاذْكُر رَّبَّكَ إِذَا نَسِيتَ ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" އެބަހީ މުސްތަގްބަލް އަށް އަޅުވާ ކަމެއް ކުރާނެކަމަށް ބުނާނަމަ "ﷲ އިރާދަކުރައްވައިފިނަމަ" މފިދައިން ބުނުމަށް އަމުރު ކުރައްވާފައިވާކަން ހަނދުމަފުޅު ކުރައްވާށެވެ.
އިންސާނުންނަކީ ހަނދާން ނެތޭ ބަޔެކެވެ. ސޫރަތުލް ބަގަރާގެ 286 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ) މާނައަކީ: " އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصدއެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!"
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا ) މާނައަކީ: "ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދެއް ދޫވެއްޖެނަމަ، ހަނދާން ވުމުން، ނުވަތަ ހޭލެވުމުން އެނަމާދެއް ކުރާ ހުށިކަމެވެ."
"އިރާދަ ކުރައްވައިފިނަމަ" އޭ ބުނަން އިންސާނަކު ހަނދާންނެތިއްޖެނަމަ، ހަނދާންވުމާއި އެކުގައި އެހެން ބުނަންވާނެއެވެ. ނަމަވެސް، މިހިސާބުން އުފެދޭ ސުވާލަކީ ހަނދާންވުމާއި އެކު "އިރާދަކުރައްވައިފިނަމަ" އޭ ބުނުމުން އެމީހަކަށް އޭގެ ފައިދާކުރާނެތޯ ނުވަތަ ނޫންތޯ އެވެ؟
ބައެއް ޢިލްމުވެރިން ވިދާޅުވަނީ އަހަރެއް ދެއަހަރެއް ފަހުން ވިޔަސް ހަނދާންވެގެން "އިރާދަ ކުރައްވައިފިނަމަ" އޭ ބުނެފިނަމަ، އޭގެ ފައިދާ އެމީހަކަށް ކުރާނެ ކަމަށެވެ. ސަބަބަކީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ (وَاذْكُر رَّبَّكَ إِذَا نَسِيتَ ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" މިފަދައިންނެވެ. ވީމާ، އޭނާ ހަނދާންވުމުން އެފަދައިން ބުނީއެވެ.
ނަމަވެސް، އެހެންބައެއް ޢިލްމުވެރިން ވިދާޅުވަނީ ބަސްބުނުމާއި، "އިރާދަ ކުރައްވައިފިނަމަ" އޭ ބުނުމާއި ދެމެދުގައި މާބޮޑަށް ދޭތެރެ ދުރުވެފައިވާނަމަ، އޭގެ ފައިދާ ނުކުރާނެ ކަމަށެވެ. އާޔަތުގައި އެވާ (وَاذْكُر رَّبَّكَ إِذَا نَسِيتَ ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" ގެ ބޭނުމަކީ އެމީހަކު ހަނދާންވުމުން "އިރާދަ ކުރައްވައިފިނަމަ" އޭ ބުނުމުން ފާފަވެރި ނުވާނެ ކަން ބަޔާން ކުރެއްވުމެވެ. މިޘާލަކަށް މީހަކު މިވެނި ކަމެއް ކުރާނަމޭ ބުނެ ހުވާކުރި އިރުގައި، "އިރާދަ ކުރައްވައިފިއްޔާ" އޭ ބުނެފައިވާނަމަ، އެކަމެއް ފުރިހަމަ ނުވިނަމަވެސް، އޭނާ ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.
( وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ) "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"
( عَسَىٰ ) މި ލަފްޡު މަޚްލޫގެއްގެ ފަރާތުން އަތުވެއްޖެނަމަ، އޭގެ މާނައަކީ "އުއްމީދެވެ." ނަމަވެސް، ޚާލިގްވަންތަ ﷲ ގެ ޙަޟްރަތުން ( عَسَىٰ ) މި ލަފްޡު އަތުވެއްޖެނަމަ، އޭގެ މާނައަކީ ޔަގީނުންވެސް އެކަމެއް ވުމެވެ. ސޫރަތުއް ނިސާގެ 98 އަދި 99 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِلاَّ الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاء وَالْوِلْدَانِ لاَ يَسْتَطِيعُونَ حِيلَةً وَلاَ يَهْتَدُونَ سَبِيلاً
فَأُولَئِكَ عَسَى اللَّهُ أَن يَعْفُوَ عَنْهُمْ وَكَانَ اللَّهُ عَفُوًّا غَفُورًا ) މާނައަކީ: "ހިޖްރަކުރާނެ ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި ހިޖްރަ އަށް ދާނެ މަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން މެނުވީއެވެ. އެއުރެންގެ ކިބައިން ﷲ ޢަފޫ ކުރައްވާނެއެވެ. ގިނަގިނައިން ޢަފޫ ކުރައްވާ ފާފަފުއްސަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."
މި އާޔަތުގައި ( عَسَىٰ ) ބޭނުން ކުރައްވާފައި އެވަނީ އެބައިމީހުންގެ ފާފަ ފުއްސަވައިފިކަން އެންގެވުމުގެ ގޮތުންނެވެ.
ސޫރަތުއް ތައުބާގެ 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلاَّ اللَّهَ فَعَسَى أُوْلَئِكَ أَن يَكُونُواْ مِنَ الْمُهْتَدِينَ ) މާނައަކީ: "ﷲގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ގާއިމްކޮށް، ޒަކާތްދީ، ﷲ ފިޔަވާ އެހެން ފަރާތެއް ދެކެ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔެކެވެ."
މިތަނުގައި (عَسَىٰ ) ބޭނުން ކުރައްވާފައިވަނީ އެބައިމީހުންނަކީ ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައި ބަޔާން ކުރެއްވުމުގެ ގޮތުންނެވެ.
އިންސާނެއްގެ ފަރާތުން (عَسَىٰ ) އަތުވެއްޖެނަމަ، އޭގެ މާނައަކީ އުއްމީދު ކުރުމެވެ. ( وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ) "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"
( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ )
(لَبِثُوا ) އިޝާރާތް ކުރައްވަނީ ކަހަފް ބާގައިގެ މީހުންނަށެވެ.
( كَهْفِهِمْ ) އެބައިމީހުންގެ ޖަގަހައެއް ކަމުގައި އިޚްތިޔާރު ކުރި ހޮހޮޅަ
“އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ”
(قُلِ اللَّـهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا ﴿٢٦﴾ )
(قُلِ ) މުޚާޠަބު ކުރައްވާފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. "ކަލޭގެފާނު ވިދާޅުވާށެވެ."
(اللَّـهُ أَعْلَمُ بِمَا لَبِثُوا ) " އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ."
މި ޖުމްލަ އިން ބައެއް ބޭފުޅުން ދަލީލު ނަންގަވާ ވިދާޅުވަނީ ( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ ) “އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ” މިއީ ޔަހޫދީންގެ ވާހަކަ އެއް ކަމަށެވެ. އެހެނީ،ކަހަފް ބާގައިގެ މީހުން ހޮހޮޅައިގާ ތިބި މުއްދަތާއި ބެހޭ ގޮތުން ޔަހޫދީން ބުނި ވާހަކަތަކެވެ. ނަމަވެސް، ރަގަޅު ގޮތަކީ ( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ ) މިއީ ﷲ ގެ ވަޙީގެ ބަސްފުޅެވެ. އަދި (اللَّـهُ أَعْلَمُ بِمَا لَبِثُوا ) " އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ." މިއީ ކުރީގެ ޖުމްލަ އަށް ޔަގީންކަން ދެއްވުމުގެ ގޮތުން ގެންނަވާފައިވާ ބަސްފުޅެކެވެ.
(لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ) "އުޑުތަކާއި، ބިމުގެ غيب(ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ." އެހެންކަމުން، ކާހިނަކު ޣައިބުގައިވާ ކަންތަކުގެ ވާހަކަ ބުނިނަމަވެސް، އެކަން ގަބޫލުކޮށްގެން ނުވާނެއެވެ. ގަބޫލުކޮށްފިނަމަ އެމީހަކު ވާނީ ކާފިރަކަށެވެ. ސޫރަތުއް ނަމްލުގެ 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾ ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّهއަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ."
(أَبْصِرْ بِهِ وَأَسْمِعْ ) މިއީ ޢަރަބި ބަހުގައި ބުނެ އުޅޭ ތަޢައްޖުބުގެ ޞީޣާ އެވެ. އެއީ ކަމެއް ޞިފަ ކުރުމުގައި އެންމެ މަތީ ދަރަޖައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ތަކެއްޗެއް ބައްލަވާ ވޮޑިގެންވެއެވެ. އަނދިރި ރެއެއްގައި ކަޅު ހިލަމަތީގައި ޙަރަކާތްކުރާ ކަޅު ހިނިވެސް ﷲ ދެކެވޮޑިގެންވެއެވެ. ހަމައެފަދައިން އެކަލާންގެ ހުރިހާ ކަމެއް އައްސަވާވޮޑިގެންވެއެވެ. ސިއްރާއި ފާޅުގައި ބުނާ ބުނުންތަކާއި ކުރާ ކުރުންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. އައްސަވާ ވޮޑިގެންވެއެވެ. ސޫރަތު ޠާހާގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى ﴿٧﴾ ) މާނައަކީ: "ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. (قَدْ سَمِعَ اللَّـهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّـهِ وَاللَّـهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ ) މާނައަކީ: " ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّهއައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّهއައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
މި އާޔަތް ބާވާލެއްވުމާއި ގުޅިގެން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ހުރިހާ އަޑުތަކެއްގެ މައްޗަށް އެފަރާތުގެ އިވުން ތަނަވަސްވެގެންވާ ﷲ އަށް ޙަމްދު ހުއްޓެވެ. އެކަމެއް ހިނގިއިރު ތިމަންކަމަނާ ހުންނެވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައެވެ. އެއަންހެން ކަމަނާ ޖަދަލުކޮށް، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އާއި ވާހަކަ ދައްކަވަމުން ގެންދެވިއިރު ތިމަންކަމަނާ އަށް ބައެއް ވާހަކަތައް އަޑެއް ނީވެއެވެ. އެހެންނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެއަންހެންކަމަނާ އާއި ދެމެދުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް ﷲ ވަނީ އައްސަވާވޮޑިގެންފައެވެ."
އެހެންކަމުން، ﷲ ތަޢާލާ ހުރިހާ ކަމެއް ދެކިވޮޑިގެންވާ ކަމާއި،އައްސަވާ ވޮޑިގެންވާ ކަމަށް އީމާންވާން ޖެހެއެވެ. މިގޮތަށް އީމާންވުމުގެ މާނައަކީ ﷲ އަށް ބިރުވެތި ވުމެވެ. ތިމާކުރާ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ ކަމާއި، ބުނާ ހުރިހާ ބަހެއް އައްސަވާ ވޮޑިގެންވާ ކަން އެނގުމުން އެކަލާންގެ ރުހިވޮޑިގެން ނުވާ ފަދަ ކަމެއް ނުކުރުމެވެ. އަދި އެފަދަ ބަހެއްވެސް ނުބުނުމެވެ. އެހެންނަމަވެސް،ގިނަ އިންސާނުންނަށް އެކަމެއް ހަނދާނެއް ނުހުރެއެވެ. ދުލުން ބަހެއް ބޭރުކޮށްލާއިރު ނުވަތަ ކަމެއް ކުރާއިރު އެއީ ﷲ ރުހިވޮޑިގެންވާފަދަ ކަމެއްތޯ ބަލައެއް ނުލެވެއެވެ. މީހަކު ހަނދާންކޮށްދިނުމުން މެނުވީ ހޭލުންތެރި ނުވެވެއެވެ.
(مَا لَهُم مِّن دُونِهِ مِن وَلِيٍّ )
(مَا لَهُم) މިތަނުގައި ޟަމީރު ދަނީ ކަހްފުގެ އަހްލުވެރިންނަށްތޯ ނުވަތަ އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަށްތޯ، ނުވަތަ ބަޔަކަށްތޯ މުފައްސިރުންގެ މެދުގައި ސުވާލު އުފެދިފައިވެއެވެ.
ރަގަޅު ގޮތަކީ: އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަކާއި ބަޔެކެވެ. އެހެނީ އެއްވެސް އިންސާނަކަށް، އެއީ މުސްލިމެއް ކަމުގައވީނަމަވެސް އަދި ކާފިރެއް ކަމުގައިވީނަމަވެސް، ﷲ ފިޔަވާ އެހެން އެއްވެސް އެހީތެރިޔަކު އެބައިމީހުންނަކަށް ނުވެއެވެ. ސޫރަތުލް އަންޢާމްގެ 61 އަދި 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ﴿٦١﴾ ثُمَّ رُدُّوا إِلَى اللَّـهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ ﴿٦٢﴾ ) މާނައަކީ: " އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި ملائكة ން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވަވާ ملائكة ން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ ملائكة ން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ. ދެން އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ! حكم ކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، حسابބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ."
ﷲ އީ ހުރިހާ އިންސާނުންގެ ވެސް އެހީތެރި ފަރާތެވެ. އިންސާނުންނަށް ރިޒްގު ދެއްވާ އެބައިމީހުންނަށް ޓަކައި އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗެއް ލެއްވީ އެކަލާންގެ އެވެ. މިކަމުގައި މުސްލިމުންނާއި ކާފިރުން ޝާމިލުވެއެވެ. މިއީ ވިލާޔާ ޢާއްމާ (ހުރިހާ އެންމެންނަށް ޢާއްމުވާ ފަދަ އެހީތެރިކަމެވެ.)