
5 މިލިއަން ގަސް މަޝްރޫޢަށް އެސް.ޓީ.އޯގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުން/ ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
5 މިލިއަން ގަސް މަޝްރޫޢަށް އެސް.ޓީ.އޯގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

އައިޝަތު އިބްރާހިމް - 09 ސެޕްޓެމްބަރު 2025 - 04:51
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ "5 މިލިއަން ގަސް" ހެއްދުމުގެ މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި، އެ މަޝްރޫޢުގެ އިސްވެރިންނާއި، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ އިސްވެރިންނާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ 5 މިލިއަން ގަސް ހެއްދުމުގެ ޤައުމީ މަޝްރޫޢު ފުޅާކުރުމަށްޓަކައި އެސް.ޓީ.އޯ ފަދަ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަނެ، އެކުގައި ކުރިއަށްދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުން ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ތިމާވެށި ރައްކާތެރިކުރުމާއި، ގަސްގަހާގެހި ގިނަކުރުމަށް ސަރުކާރުން އިސްކަންދޭ މި މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކާއި، ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ.
މި ބައްދަލުވުމުގައި، ގަސް އިންދުމަށް ބޭނުންވާ ބާވަތްތައް ފޯރުކޮށްދިނުމާއި، އަދި އާންމުންގެ މެދުގައި ގަސް އިންދުމުގެ މުހިންމުކަން ހާމަކުރުމަށް ގުޅިގެން ކުރެވޭނެ ހަރަކާތްތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކޮށްފައިވާކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.
"5 މިލިއަން ގަސް" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ގަސްތައް އިންދުމަށް ވަނީ ރާވައިފައެވެ. މި މަޝްރޫޢު ކާމިޔާބުކުރުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން ވަރަށް މުހިންމުކަމަށް މަޝްރޫޢުގެ އިސްވެރިން ފާހަގަކުރައްވައެވެ.
އެސް.ޓީ.އޯ ފަދަ ބޮޑެތި ވިޔަފާރިތަކުން މިފަދަ ޤައުމީ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭނެ ވަރަށް ބޮޑު އެއްބާރުލުމެއްކަމުގައިވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގަސް އިންދުމުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެދަށުން މިހާތަނަށް 650000 އަށްވުރެ ގިނަ ގަސް އިންދާފަވެއެވެ.
5 މިލިއަން ގަސް އިންދުމަށް ޢަމާޒު ކަނޑައެޅިނަމަވެސް، އެކަމަށް ކުރަމުންދާ ގިނަގުނަ މަސައްކަތްތަކާއެކު މި އަދަދު މިހާރު 6.4 މިލިއަނަށް އަރާނެކަމަށް އުންމީދުކުރާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިކަމުގައި ވަރަށް ގިނަ ކުންފުނިތަކުން ބައިވެރިވެ، ބޮޑު އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުންނެވެ.
މި ޕްރޮގްރާމްގައި އިސްކަން ދީފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށް ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއް ހުޅުވައިފި
4 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ހާއްސަ ހާލަތެެއްގައި ޕެންޝަން ފަންޑު ބޭނުންކުރެވޭނެ ގޮތް ހަދަނީ
8 ގަޑިއިރު ކުރިން

ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
10 ގަޑިއިރު ކުރިން

ޖުޑީޝަރީއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވާނެ އެންމެ ފަނޑިޔާރަކުވެސް ނުހުންނާނެ: ރައީސް
10 ގަޑިއިރު ކުރިން


