logo

ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 31 ޖުލައި 2026 - 11:01

މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާތީ، އެ ސަރަހައްދުތަކުގައި ދަތުރުކުރާ އުޅަނދުފަހަރުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދަތުރަށް ފުރުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށާއި، މޫސުން ގޯސް ނަމަ ދަތުރުކުރުން ފަސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަތުރުގެ ތަފުސީލުތައް ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، އުޅަނދުފަހަރުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ބެލުމަށާއި، މުވާސަލާތީ ނިޒާމުތައް ރަނގަޅަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށް ފުލުހުން ބާރުއަޅުއްވައެވެ.

އުޅަނދުފަހަރަށް މީހުންނާއި މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށްވުރެ އިތުރުނުކުރުމަށްވެސް ފުލުހުން ވަނީ ހަރުކަށިކޮށް އަންގާފައެވެ.

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ގަދަވެފައި ކަނޑުތައް ނުހަނު ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކަށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ނިޒާމުތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށާއި، މުދާ ރަނގަޅަށް އައްސައި ރައްކާތެރިކުރުމަށް ވެސް ކޯސްޓްގާޑުން ވަނީ އިރުޝާދު ދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk