logo

އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' މައުރަޒަށް އާންމުންގެ ބޮޑު ތަރުހީބެއް!

profile

އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2026 - 09:35

ދިވެހިންގެ އިހުގެ ސަގާފީ ކެއުންތަކާއި ޒަމާންވީ މީރު ރަހަތައް ދައްކާލުމަށް އިސްރަށްވެހިންގެ ނާދީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 'ރަހަފަތް' ކާބޯތަކެތީގެ މައުރަޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

https://wamco.com.mv/

މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ މި މައުރަޒު އިއްޔެ ރަސްމީކޮށް ހުޅުވާދެއްވީ ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އާއިޝަތު ޝިހާމް އަދި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. މި މައުރަޒަކީ، އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަގާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕެންޝަން އޮފީހުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ވަރަށް ޙާއްސަ މައުރަޒެކެވެ.

މި މައުރަޒުގައި ދިވެހި ރަހަތަކާއި، ދިވެހި ކާބޯތަކެތީގެ އުފެއްދުންތައްކާއި، ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިހު ދިވެހިން ތައްޔާރުކޮށް އުޅުނު ކާބޯތަކެތީގެ ތަފާތު ބާވަތްތައް އެއްތަނަކުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ދިވެހި ކާބޯތަކެތީގެ ތަފާތު ބާވަތްތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިންގެ ސަގާފަތާއި ތާރީޚުގެ ތެރެއިން ފެންނަން ހުރި މުހިންމު އާދަކާދަތާއި ގުޅޭ ތަފާތު ހަރަކާތްތައްވެސް މި މައުރަޒުގެ ތެރެއިން ފެނިގެންދާނެއެވެ.

'ރަހަފަތް' މައުރަޒުގައި 30 އަށް ވުރެ ގިނަ އިސްރަށްވެހިން ބައިވެރިވެ، އެ ފަރާތްތަކުގެ އަމިއްލަ އުފެއްދުންތައް ދައްކާލަމުންދާއިރު، 2000 އަށް ވުރެ ގިނަ އުފެއްދުން މި މައުރަޒުގައި ހިމެނެއެވެ. މީގެ ތެރެއިން 92 ބާވަތަކީ ދިވެހި ސަގާފީ ކާނާއާއި، ޒަމާންވީ މީރު ރަހަތައް އެކުލެވިގެންވާ ހާއްސަ އުފެއްދުންތަކެވެ.

އާންމުންނަށް ވަދެވޭ ގޮތަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ މި މައުރަޒު މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. ހުކުރު ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި މައުރަޒަކީ، އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެކެވެ. ހަމައެއާއެކު، މިއީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay