
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާފައިވާ ބައެއް ތަކެތި--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހި މަސައްކަތްތެރިންގެ ހުނަރުވެރިކަން ދައްކުވައިދޭ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ފަށައިފި

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 05:33
ދިވެހި ފަންނުވެރިންނާއި މަސައްކަތްތެރިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން އެއްތަނަކުން ދައްކުވައިދޭ، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އާދިއްތަ ދުވަހުގެ ރޭ މި މައުރަޒު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ދިވެހި ފަންނުވެރިންނާއި މަސައްކަތްތެރިންގެ ހުނަރުވެރިކަމަށް ދިރުން ގެނައުމުގެ މަގުސަދުގައި ބާއްވާ މި މައުރަޒަކީ، ދިވެހީންގެ އުފެއްދުންތަކަށް ޕްރޮމޯޓުކޮށްދީ، އެތަކެތި އިޝްތިހާރުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. މިއަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިދިޔަ އަހަރު 240 ފަރާތަކުން 2,400 އުފެއްދުން ބައިވެރިކުރި އިރު، މިއަހަރުގެ ބައިވެރިންގެ އަދަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ.
މިއަހަރުގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން، ތައުލީމީ ދާއިރާއާއި ޖަމްއިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް މި މައުރަޒުގައި ބައިވެރިވެއެވެ.
މި މައުރަޒުގައި ޖުމްލަ 16 ދާއިރާއަކުން 73 ގިންތި ހިމެނޭއިރު، ދިވެހިންގެ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިން 1,695 އުފެއްދުމާއި، ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މީގެ އިތުރުން، އެހެން ދާއިރާތަކުންވެސް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް މިފަހަރުގެ މައުރަޒުން ދައްކާލާނެއެވެ. މި މައުރަޒުން ދިވެހިވަންތަ ސަގާފީ އުފެއްދުންތަކާއި، ޒަމާނީ ދިވެހި އުފެއްދުންތަކުގެ އިތުރުން، މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތައްވެސް ހިމެނޭނެއެވެ. އަދި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދިއުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުންވެސް މި މައުރަޒުން ފެނިގެންދާނެއެވެ.
މިއަހަރުގެ މައުރަޒުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިމަހުގެ 25 އިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާއި ހަމައަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.


