logo

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

profile

އައިޝަތު އިނާޝާ - 15 ފެބްރުއަރީ 2026 - 12:22

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.

އޭސީސީ އިން ބުނިގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހާސިލްކުރުމެވެ. މީގެ އިތުރުން، ކޮމިޝަނުންދޭ ލަފާ ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމްކުރުން މި އެއްބަސްވުމުގައި ހިމެނޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި ފަހުމުނާމާގެ ދަށުން އޭސީސީއިން އެމް.އެން.ޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވާކްޝޮޕްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމާއި، ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ހިންގުން ހިމެނެއެވެ. އަދި މި ފަހުމުނާމާގައި އެމް.އެން.ޔޫގެ ފަރާތުން ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލުމުގައި ކޮރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަނާއެކު ގުޅިގެން މަސައްކަތްކުރުމާއި، އެންޓި-ކޮރަޕްޝަން ސިޔާސަތުތައް ތައްޔާރުކުރުމުގައި ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައްކޮށް ޖަރނަލްތައް ޝާއިޢުކުރުމުގައިވެސް ޔުނިވަރސިޓީން އެހީތެރިވެދޭނެއެވެ.

އޭސީސީ އިން ބުނިގޮތުގައި މި ފަހުމުނާމާއަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ އެކި ދާއިރާތަކުން ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން ހިންގޭ ތަމްރީނުތަކާއި ކުރެވޭ ދިރާސާތަކުގެ ސަބަބުން، މުޖުތަމައުގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk