logo

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 09 ޖޫން 2026 - 14:32

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ތިން ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ފޭރުމުގައި ބައިވެރިވުމުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ދައުވާ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލަތަކުގައި ކޯޓުން ކަނޑައެޅި އަދަބުތަކަށް ބަލާއިރު، މަނީ ލޯންޑްރިންގގެ ކުށަށް 15 އަހަރުގެ ޖަލު ހުކުމެއް، ފޭރުމުގައި ބައިވެރިވި ކަމުގެ ކުށަށް 8 އަހަރުގެ ޖަލު ހުކުމެއް، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް 2 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މި ހުކުމްތައް ތަންފީޒުކުރާނީ މައްސަލައިގެ ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހުގައެވެ.

ޖަލު އަދަބުގެ އިތުރުން، ޝަމްޢާން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށާއި، ބިދޭސީއެއްގެ އަތުން ފޭރިގަތް ފަސް ލައްކަ ރުފިޔާ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ މީހާއަށް އަނބުރާ ދެއްކުމަށްވެސް ކޯޓުގެ ޙުކުމުގައި އަމުރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އެ ގެއިން ފެނުނު 200,000 ރުފިޔާ އާއި 10,000 އެމެރިކާ ޑޮލަރުގެ ތެރެއިން 125,000 ރުފިޔާއަށް ވާ ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ބަޔާންކުރެއްވި ގޮތުގައި، ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ އަމަލުތަކުގެ ސަބަބުން އިމިގްރޭޝަން މުއައްސަސާގެ އަގުވެއްޓިފައިވާތީއެވެ.

އިމިގްރޭޝަންގެ އެންމެ އިސް މަގާމުގައި ހުރެ، ބިދޭސީންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބަދަލުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދުމަށް ޝަމްއާން މަސައްކަތްކޮށްފައިވާކަން ޤާޒީ ފާހަގަކުރެއްވިއެވެ.

ހުކުމް އިއްވުމުގެ ކުރިން އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ލިބުނު ފުރުސަތުގައި ދައުލަތުން އެދިފައިވަނީ ޝަމްއާނަށް ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށެވެ.

ދައުލަތުން މިގޮތަށް އެދިފައިވަނީ، ފެނެކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތްކޮށް، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ހަރުކަށި އަދަބު ދިނުމުގެ ސިޔާސަތުގެ ދަށުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk