
އިސްރާއާއި މިޢުރާޖުގެ ޙާދިޘާ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 07 ސެޕްޓެމްބަރު 2025 - 05:23
އިސްރާއާއި މިޢުރާޖުގެ ޙާދިޘާގެ ވާހަކަ މުހިންމުވަނީ رســول اللّـه صـلّى الله علـيـه وسـلّم ކުރެއްވި ވަރަށް މާތް ރޫޙާނީ ދަތުރުފުޅެއްގެ ހަނދާން އާ ކުރުމަށްޓަކައެވެ.
އެ އިލާހީ ދަތުރުފުޅު އެކަލޭގެފާނު ކުރެއްވީ، ހިޖްރައަށް ވަޑައިގަތުމުގެ އެއްއަހަރު ކުރިންކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
رســول اللّـه صـلّى الله علـيـه وسـلّمގެ އިސްރާ އާއި މިޢުރާޖަކީ، މުޅި އިންސާނީ ތާރީޚުގައިވެސް ހިނގި ވަރަށް އާދަޔާ ޚިލާފު، ވަރަށް މާތް ހާދިސާއެކެވެ. ޙަޤީޤަތުގައި އެއީ އިލާހީ މުޢުޖިޒާއެކެވެ.
އާދެ! މުޢުޖިޒާތަކީ، އާދަވެގެން ނުވާ ކަންތައްތަކެވެ. ވެދާނެކަމަށް އިންސާނީ ބުއްދި ޤަބޫލުނުކުރާ ކަންތައްތަކެވެ. އެފަދަކަމެއް މެދުވެރިވާނީ ހަމައެކަނި اللّـه سبحـانـه وتعـالىގެ ކުޅަދުންވަންތަކަމުން އެކަމެއް ހާސިލުވާގޮތް މިންވަރު ކުރެއްވީމާއެވެ. މިގޮތުން رســول اللّـه صـلّى الله علـيـه وسـلّم އެއްރެއެއްގެ ވަގުތެއްގައި މައްކާއިން އަލްމަސްޖިދުލް އަޤްޞާއަށް ވަޑައިގަތް ވަޑައިގަތުމާއި، އަދި ހަމަ އެރޭ މިޢުރާޖު އަރާވަޑައިގަތުމާ، މިކަންކަމަކީ، އާދައިގެ އިންސާނަކަށްވާނެ ކަމެއްނޫނެވެ. އެއްވެސް މީހަކަށް މިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރާނެއެވެ. އެހެންނަމަވެސް، މިކަން މިވީ ﷲ އެކަލާނގެ رســول اللّـه صـلّى الله علـيـه وسـلّمއަށް ދެއްވި މަތިވެރި މުޢުޖިޒާއެއްގެ ގޮތުގައެވެ.
މި މުޢުޖިޒާ، ކީރިތި رســول اللّـه صـلّى الله علـيـه وسـلّمއަށް ﷲ ދެއްވި ސަބަބު ވަރަށް ސާފެވެ. އެއީ، އެކަލޭގެފާނުގެ ހިތްޕުޅަށް އިތުރު ސާބިތުކަމެއް ގެނެސްދެއްވުމަށްޓަކައެވެ. މައްކާގެ މުޝްރިކުން އެކަލޭގެފާނާމެދު ޢަމަލުކުރިގޮތާއި، އެކަލޭގެފާނުގެ ޒާތުފުޅަށްވެސް ގެއްލުން ދިނުމާއި، އަދި ހުރިހާގޮތަކުން ދަތިކުރުމަށް މިކަންކަން ކުރުމާއި، އަދި އެކަލޭގެފާނުގެ ގާތް ތިމާގެ ބޭފުޅުންނާއި، އެކަލޭގެފާނަށް ދުނިޔެމަތީގައި ނަޞްރު ދެއްވަން ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ޚާއްޞަ ދެބޭފުޅަކު ދުނިޔެ ދޫކުރައްވައި ވަޑައިގަތުމާ، މިކަންކަމުން އެކަލޭގެފާނުގެ ހިތްޕުޅަށް ލިބިވަޑައިގަތް ނުތަނަވަސްކަން ފިލުއްވައިދެއްވާ، އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައި މާތްﷲ އެކަލޭގެފާނަށް މިމަތިވެރި މުޢުޖިޒާ މިންވަރު ކޮށްދެއްވީއެވެ.
އެ މުޢުޖިޒާ ހިނގި ރެއަކީ، ޝައްކެއްނެތް، ވަރަށް މާތް ރެއެކެވެ. އެރޭގެ ވަގުތެއްގައި މި މުޢުޖިޒާތުގެ ތެރޭގައި މާތްﷲ މިއުންމަތަށް ވަރަށް މަތިވެރި ހަދިޔާއެއް ދެއްވިއެވެ. ވަރަށް މަތިވެރި ނިޢުމަތެއް މިންވަރުކޮށްދެއްވިއެވެ. އެއީ ފަރުޟު ފަސްނަމާދުގެ ހަދިޔާއެވެ. ފަރުޟު ފަސްނަމާދުގެ މަތިވެރި ނިޢުމަތެވެ.
އިސްރާއާއި މިޢުރާޖުގެ ހާދިޘާ ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްކޮށްދެއެވެ. އޭގެތެރެއިން އެއްފިލާވަޅަކީ ތެދުވެރިކަމެވެ. ތެދުވެރިކަމުގެ މުހިންމުކަމެވެ.
رســول اللّـه صـلّى الله علـيـه وسـلّم ރަސޫލުކަމާއިގެން ފޮނުއްވުމުން، އެކަލޭގެފާނުގެ ރިސާލަތު ހާމަކުރެއްވުމުން ބައެއް މީހުން އެކަލޭގެފާނުގެ ބަސްފުޅު ގަބޫލުކުރިއެވެ. ތެދުކުރިއެވެ. އީމާންވިއެވެ. އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު، ޚަދީޖާ ރަޟިޔަﷲ ޢަންހާ، އަދި އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި އަޞްޙާބު ބޭކަލުން އީމާންވެ ވަޑައިގެންނެވިއެވެ. އެހެންނަމަވެސް، މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. ގަބޫލެއްނުކުރިއެވެ.
އެހެންނަމަވެސް، ކީރިތި رســول اللّـه صـلّى الله علـيـه وسـلّمއަކީ، އެންމެ ތުއްޕުޅު އިރުއްސުރެ ފެށިގެން، އަބަދުވެސް ތެދު ވިދާޅުވާ، ތެދުވެރި އަމާނާތްތެރި، ބޭފުޅެއް ކަމުގައި އޮތީ މަޝްހޫރުވެފައެވެ. އެހެންކަމުން، އެ ދުވަސްވަރު ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިންވެސް އެކަލޭގެފާނަށް މީހުން ކިޔައި އުޅުނީ އައްޞާދިޤުލް އަމީން. ތެދުބުނާ އަމާނާތްތެރިޔާއެވެ. ތެދުވިދާޅުވާ އަމާނާތްތެރި ބޭކަލެކޭއެވެ. މި މަތިވެރި ލަޤަބު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ އެކަލޭގެފާނަކީ، ދުވަހަކުވެސް އިތުރުފުޅެއް ވިދާޅުނުވާ، ދުވަހަކުވެސް މީހަކަށް މަކަރެއް ނުހައްދަވާ، އޮޅުވައި ނުލައްވާ ބޭކަލަކަށްވާތީއެވެ.
ކީރިތި رســول اللّـه صـلّى الله علـيـه وسـلّمގެ ޝަޚްޞިއްޔަތު ނުވަތަ އެކަލޭގެފާނުގެ މާތް ނަފްސުފުޅުގައިވާ އީމާންކަމާއި، ތެދުވެރިކަމާއި، ހުރިހާ މާތް ސިފަތަކެއް އެކަލޭގެފާނުގެ މަތިވެރި ވިސްނުންފުޅާއި، ޚުލުޤުފުޅާއި، ޙިކްމަތްތެރިކަމާއި، މި ހުރިހާ ކަމެއްގެ ތަޅުދަނޑިއަކީ، ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެކަލޭގެފާނުގެ ތެދުވިދާޅުވުމެވެ. އެކަލޭގެފާނުގެ އަމާނާތްތެރިކަން. އެހެން އެކަން އޮތްކަމަށްވަންޏާ، މި ހާދިސާގެ މަތިން ހަނދާންކޮށް އެކަމުން ޢިބްރަތް ހާސިލުކުރާ ކަމުގައިވަނީނަމަ، ކީރީތި رســول اللّـه صـلّى الله علـيـه وسـلّمގެ އެ މާތް ސިފަފުޅުން ޢިބްރަތް ޙާޞިލްކުރަން އެބަޖެހެއެވެ. އެ ސިފަފުޅުން ސިފަ ލިބިގަންނަން އެބަޖެހެއެވެ.
އިސްރާއާއި މިޢުރާޖުގެ ހަގީގަތަށް ބަލާއިރު އިސްރާ އަކީ ކައުސާހިބާ صلى الله عليه وسلمގެ ރޭގަނޑުގެ މުޢުޖިޒާތީ ދަތުރުފުޅެވެ. މައްކާގެ ޙަރަމުން ބައިތުލް މަޤްދިސަށް ކުޑަ ހިނދުކޮޅެއްގައި ކުރެއްވި ދަތުރުފުޅެވެ. ﷲގެ ކުޅަދުންވަންތަކަމުން އިންތިޒާމުކޮށްދެއްވި އާދަޔާ ޚިލާފު މަތިވެރި މުޤައްދަސް ދަތުރުފުޅެކެވެ. މިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެވެއެވެ.
"سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ"
މާނައީ: "އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤުޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." (سورة الإسراء:01)
ޤުރުއާނުގައިވާ މި ޙަޤީޤަތް ދޮގު ކުރެވެން ނެތީ، ޤުރުއާނުގައިވާ ޙަޤީޤަތްތައް ސައެންސްގެ އަލީގައި ހޯދިފައިވާ ހުރިހާ ހޯދުންތަކަކުން ސާބިތުކުރެވިފައިވާތީއެވެ. އެއީ ﷲ ގެ ކަލާމުފުޅުކަން ސާބިތުވާތީއެވެ. ސައެންސްވެރީން ނުހަނު ބުރަ މަސައްކަތުން މިޒަމާނުގައި ހޯދައިފައިވާ އެތައް ހޯދުމެއް، ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްދެއްވައިފައެވެ. މާމުއިގެ ފައިދާއާއި، ފިންގަރޕްރިންޓްއާއި އިޙުސާސްކޮށްދޭ ގުނަވަނަކީ ހަން ކަމާއި، ކޯރާއި ކަނޑުގެ ވަކިވުމާއި ދުނިޔެ އުފެދުނު ގޮތާއި މި ފަދަ އެތައް ސަތޭކަ ހޯދުންތަކެއް ސައެންސްގެ އަލީގައި މާ ފަހުން ހޯދުނު އިރު، މި ހުރިހައި ހަގީގަތެއް މީގެ ސާދަ ސަތޭކަ އެތައް އަހަރެއްގެ ކުރީން ކީތިރި ޤުރުއާނުގައި ބަޔާންކުރައްވައިފައި އޮތުމުން ކީރިތި ޤުރުއާނަކީ ޙައްޤު ތެދުކަން، އެ ފަދަ ހޯދުންތައް ހޯދި ސައެންސްވެރީންނަށް ގަބޫލުކުރާން މަޖުބޫރުވިއެވެ.
އެހެންކަމުން އިސްރާއާއި މިޢުރާޖާ ބެހޭ ގޮތުން ޤުރުއާނުގައި އަންގަވައިފައިވާ އެންގެވުމުން އިސްރާއާއި މިޢުރާޖު ސާބިތުވެއެވެ. އަދި އޭރު ދުނިޔޭގައި ތިބި މުޝްރިކުންގެ ތަޖުރިބާއިންނާއި އެ މީހުންގެ ތަޙުޤީޤުތަކުން ވެސް އެއީ ތެދުކަން ވަނީ ސާބިތުވެފައެވެ. މައްކާގެ ވިޔަފާރި ގާފިލާތަކާ ބެހޭ ގޮތުން ކުރިމަތި ކުރެއްވި ސުވާލުތަކާއި މަސްދިދުލްއަޤުޞާ ސިފަކޮށްދޭން ކައު ސާހިބާ(صلى الله عليه وسلم) އަށް ދެންނެވި ދެންނެވުންތަކަށް އެ މާތް ސާހިބާ(صلى الله عليه وسلم) ދެއްވި ސާބިތު ތެދު ޖަވާބުތަކުން އެއީ ތެދުކަން ވަނީ ސާބިތުވެފައެވެ.
ކީރިތި ޤުރުއާނުގައި މި ވާހަކަ ބަޔާންކުރައްވައިފައިވުމުގެ އިތުރަށް ކައު ސާހިބާގެ އެތައް ޙަދީޘްފުޅަކުން މިކަން ވަނީ އިތުރަށް އޮޅުންފިލުވައިދެއްވައިފައެވެ. ކައު ސާހިބާއަކީ އަމިއްލަފުޅު ރައުޔަށް އެއްވެސް އެއްޗެއް ހަދިޘްކުރައްވާނެ ބޭކަލެއް ނޫންކަމާއި އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކީ ވަޙީކަމަށް ﷲ ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
" مَا ضَلَّ صَاحِبُكُمْ وَمَا غَوَى. وَمَا يَنطِقُ عَنِ الْهَوَى. إِنْ هُوَ إِلَّا وَحْيٌ يُوحَى. عَلَّمَهُ شَدِيدُ الْقُوَى. ذُو مِرَّةٍ فَاسْتَوَى. وَهُوَ بِالْأُفُقِ الْأَعْلَى"
މާނައީ: "ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ޙައްޤުގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާޠިލު އިޢުތިޤާދެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ. ބާރުގަދަ މަލާއިކަތަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ. (އެ މަލާއިކަތަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ މަލާއިކަތާ އެކަލޭގެފާނުގެ އަޞްލު ޞޫރައިގައި ޤާއިމުވެވެވަޑައިގެން ހުންނެވިއެވެ. (އެހިނދު) އެ މަލާއިކަތާ ވަނީ، އެންމެމަތީ އުދަރެހުގައެވެ." (سورة النّجم:2~7)
އިސްރާގެ މި ޙަޤީޤަތް މިހެން ހުރިއިރު، މި ކަމަށް އިންކާރުކުރާނީ ވިސްނުން އުނި ޖާހިލުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
9 ގަޑިއިރު ކުރިން

އައ.ިއ.ޯޓ.ީސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު
9 ގަޑިއިރު ކުރިން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)