މިދިޔަ ސަރުކާރުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް އެ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު އެދިވަޑައިގެންފި އެވެ.
އާރްޑީސީ މެދުވެރިކޮށް މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލާގައި ފުލުހުންނާއި، އޭސީސީ އިން ވެސް ތަހުގީގު ހިންގަމުން އަންނަ އިރު މިކަމުގެ ތުހުމަތުކޮށްފައި ވަނީ މޫކޭ އާއި، އޭރު އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރު ހަސަންގެ މައްޗަށެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވަނީ މި މައްސަލަ ބެލުމަށް އާރްޑީސީގެ މިހާރުގެ މެނޭޖްމަންޓް ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި، ކުރީގެ މެނޭޖްމަންޓުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، އެއްވެސް ލިޔެކިޔުމެއް ނެތި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މޫކޭ އަދި ޔާސިރު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވާ އެސްއޯއީ ކޮމިޓީގެ ސަމާލުކަމަށް ގެނައުމަށް ފޮނުވި ސިޓީގައި ވަނީ އެ ސިޓީގައި ވަނީ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ހޯމަ ދުވަހު ކޮމިޓީގައި ދައްކާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ދުވަހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުނީގެ ބަޖެޓުގައި ހުރީ 4 މިލިއަން ރުފިޔާ ކަމަށެވެ. އަދި 2022 ވަނަ އަހަރާއި މިދިޔަ ފަސް އަހަރުތަކުގެ ތެރޭގައި އެކި ފަހަރުމަތިން އެއްވެސް ލިޔެކިޔުމެއް ނެތި ކުންފުނީގެ އެކައުންޓުތަކުން ފައިސާ ދޫކޮށްފައިވާކަން އޭނާ ފަހަގަކުރެއްވި އެވެ. އެ ފައިސާގެ އަދަދުތައް 100 މިލިއަނަށް ވުރެ މައްޗަށް އަރާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި ހުރިހާ ވާހަކައެއް ދޮގުކޮށް މޫކޭ ފޮނުވި ސިޓީގައި ބުނީ ކުންފުނީގެ މާލީ ހާލަތާއި، ލިޔެކިޔުންތަކާ ގުޅޭގޮތުން މިހާރުގެ މެނޭޖްމަންޓުން ދައްކާފައިވާ ވާހަކަތަކަކީ ރަނގަޅައް ނުބަލާ ދައްކާފައިވާ ވަހަކަތަކެއް ކަމަށެވެ. އަދި އެއީ ކުންފުނީގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ނުވަތަ އޮޑިޓެއް ވެސް ނުހަދާ ދެއްކި ވާހަކަތަކެއް ކަމަށް ވެސް ސިޓީގައިވެ އެވެ.
މޫކޭ އާއި ޔާސިރުގެ މި ސިޓީގައި ވަނީ މި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ މެނޭޖްމަންޓުގައި ތިބި ބައެއްގެ ހައިސިއްޔަތުން މިކަމުގައި ތެދު މައުލޫމާތު ފޯރުކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވެ އެސްއޯއީ ކޮމިޓީގައި އެ ފުރުސަތަށް އެދިފަ އެވެ.
އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓު ހާޒިރުކޮށް ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމަކީ ލައިވްކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށް ވާތީ، މިކަމުގައި ޖަވާބުދާރީވުމަށް މޫކޭ ހާޒިރުވާ ބައްދަލުވުމަކީ ވެސް އާންމުންނަށް ފެންނާނެ ގޮތަށް ޓީވީތަކުން ވަގުތުން ދައްކާ ބައްދަލުވުމަށް ހެދުމަށް ވެސް އެދިފައިވެ އެވެ.