logo

ކުލަގަދަ ހަފުލާއެއްގައި އަސްލު ޓީވީ އެފްސީގެ ޓީމަށް ޖާޒީ ހަވާލުކޮށްފި، މުބާރާތަށް ތައްޔާރު!

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 14:28

ބްރޯޑްކާސްޓް ކަޕްގެ މިއަހަރުގެ މުބާރާތުގައި އަސްލު ޓީވީން ކުޅޭނެ ބައެއް ކުޅުންތެރީން  --- ފޮޓޯ: އަހުމަދު ޝުރާއު

ބްރޯޑްކާސްޓް ކަޕްގެ މިއަހަރުގެ މުބާރާތުގައި އަސްލު ޓީވީން ކުޅޭނެ ބައެއް ކުޅުންތެރީން --- ފޮޓޯ: އަހުމަދު ޝުރާއު

ބްރޯޑްކާސްޓް ކަޕް 2024 ގައި ބައިވެރިވާ އަސްލު ޓީވީ އެފްސީގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް ކުލަގަދަ ހަފުލާއެއް ބާއްވައިފިއެވެ.

ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ ބްރޯޑްކާސްޓް ކަޕްގެ މިއަހަރުގެ މުބާރާތުގައި އަސްލު ޓީވީން ބައިވެރި ޓީމަށް ޖާޒީ ހަވާލުކުރުން އޮތީ ބުދަ ދުވަހުގެ ރޭ އަސްލު ޓީވީ ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގައެވެ.

މި ހަފުލާގައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމުގެ އިތުރުން ހާއްސަ ލަވައެއްވެސް ވަނީ ލޯންޗުކޮށްފައެވެ.

އަސްލު ޓީވީގެ ޓީމް މިމުބާރާތުގައި ބައިވެރިވެ، މުބާރާތަށް ނުކުންނަނީ އަސްލު އެފްސީގެ ނަމުގައެވެ. އޮކްޓޫބަރުމަހުގެ 11 އިން 12 އަށް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމުބާރާތުގައި އަސްލު ޓީވީ ތަމްސީލުކުރާ ޓީމުން މިހާރު ވަނީ މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ވެފައެވެ.

މިގޮތުން، މުބާރާތުގެ ފަރިތަކުރުންތައް އަސްލު އެފްސީން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ބައެއް ޓީމުތަކާއެކު އެކުވެރިކަމުގެ މެޗްތައްވެސް އަސްލު އެފްސީން ކުޅެފައިވެއެވެ.

އަސްލު ޓީވީގެ މުވައްޒަފުން ހިމަނައިގެން އެކުލަވާލި މިޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޝުރުފާ މުޙައްމަދެވެ. އަދި އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުން ޒިދާން މުޙައްމަދު ހަރަކާްތެރިވާއިރު އޮފިޝަލުންނާއި ކުޅުންތެރީން ހިމެނޭހެން ޖުމުލަ 17 މުވައްޒަފުން މިޓީމުގައި ހިމެނެއެވެ.

އަސްލު ޓީވީން މިމުބާރާތުގައި ބައިވެރިވީ އަސްލު ޓީވީގެ ސީއޯއޯ ސައިފް އަޒްހަރު ވިދާޅުވި ގޮތުގައި މަސައްކަތުގެ މާހައުލުން ބޭރުންވެސް، އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމުގެ ރޫހު މުވައްޒަފުންގެ މެދުގައި އަށަގެންނެވުމަށާއި މުވައްޒަފުންގެ މެދުގައި އެކުވެރިިކަމާއި ގުޅުން ބަދަހިިކުރުމުގެ މަޤްސަދުގައެވެ. އަދި ޓީވީ ސްކްރީނާ ހަމައަށް ކޮންޓެންޓް ގެނެސްދިނުމުގައި ޝާމިލުވާ މުވައްޒަފުންގެ ހުރި އިތުރު ހުނަރުތައް ދައްކައިދިނުމަކީވެސް މަޤްސަދެކެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ބާއްވާ ބްރޯޑްކާސްޓް ކަޕަކީ އަސްލު ޓީވީ ބައިވެރިވާ މިފަދަ ފުރަތަމަ މުބާރާތެވެ.

https://int.etukuri.mv/
tel:+9607331319