logo

ޚުޠުބާ: رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުން

profile

ޒިދާން މުޙައްމަދު - 05 ސެޕްޓެމްބަރު 2025 - 08:20

ޖިންނީންނާއި އިންސީންނަށް ތެދުމަގުދެއްކެވުމަށް ޓަކައި މާތް اللَّه ފޮނުއްވެވި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަމެކެވެ. އެއީ މާތް اللَّه އަމުރުކުރައްވައިފައިވާ ކަމެކެވެ. އެއީ އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގައެވެ. އަނިޔާއާއި ބޭއިންސާފުން ފުރިފައެވެ. ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައެވެ. މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައިފައެވެ. ޤަދަރުވެރީންނާއި ނިކަމެތީންނެވެ. ސާހިބުންނާއި އަޅުންނެވެ. ރިބާކެއުމާއި، ބުދަށް އަޅުކަންކުރުމާއި، ޣައިބު ދަންނަކަމަށް ދަޢުވާކުރުން އޮތީ އިންތިހާއަށެވެ.

https://wamco.com.mv/

އެ ޒަމާނުގައި ޖިންނި ޝައިޠާނުންގެ އެހީގައި ކަހީނުކަންކޮށް، ފާލުބަލައި ރަމަލުޖަހާ މީހުން އުޅުނެވެ. އެ ބައިމީހުން މީސްތަކުންގެ ނަޞީބު ހުރި ނެތް ގޮތް ކިޔައިދީ، މީސްތަކުންގެ ތަނަވަސްކަމަށް އަރައިގަނެއެވެ. އޭރުގެ މުޖުތަމަޢުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތެވެ. އަގެއް ނެތެވެ. ވާރުތައިން ލިބޭ ހިއްސާއެއް ނޯވެއެވެ. އެކަމަކު އަންހެނަކު މަރުވެއްޖެ ނަމަ، އޭނާގެ މުދާ އެހެން މީހުންނަށް ވާރުތައިން ލިބެއެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުން ވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ."

އިސްލާމް ދީން އައުމުގެ ކުރީން، އަންހެންދަރީން ދިރިތިއްބައި ވަޅުލުމަކީ ވެސް ޢަރަބީންގެ ތެރޭގައި ހިނގި ކަމެކެވެ. މި ފަދަ އެތައް ސަބަބަކާ ހުރެ، މީސްތަކުން ތިބީ ހިދާޔަތުގެ އަލިކަމަކަށް އެދިއެދިއެވެ. ތެދުމަގު ހޯދުމަށް ކެތްމަދުވެފައެވެ.

މީސްތަކުން މިފަދަ ޙާލެއްގައި ވަނިކޮށް، މާތް اللَّه މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ مُـحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَއެވެ. އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފު އޮތެވެ. ހަމަހަމަކަން އޮތެވެ. އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ މަގެވެ. އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވިއެވެ. ހަތުރުން މިތުރުންނަށް ވިއެވެ. ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވިއެވެ.

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވާން ޖެހެނީ މި ސަބަބުތަކަށް ޓަކައެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރީންކަމުގައި ވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއްކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. اللَّه، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެ ފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ."

ކީރިތިރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމަކީ ކޮބައިކަން ދަންނާން ޖެހެއެވެ؟ އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުން ހިމެނެއެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه ދެކެ ލޯބިވާކަމުގައިވަނީ ނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ!"

އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ ތެރޭގައި، ތިމާ އެ މީހަކު ދެކެ އެންމެ ލޯބިވާ މީހަކީ، އެކަލޭގެފާނުކަމުގައި ވާންޖެހެއެވެ. އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.

"އެ މީހެއްގެ މައިންބަފައިންނާއި، ދަރީންނާއި، އެންމެހައި މީސްތަކުން ދެކެ ވާ ލޯތްބަށް ވުރެ ބޮޑަށް، ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަނުވާހުއްޓެވެ."

މި ޙަދީޘުގެ މާނައަށް ބަލާ އިރު، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމާއި އީމާންކަމާ ގުޅިފައިވާ މިންވަރު ވަރަށް ސާފުކޮށް އެނގެއެވެ.

އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ އަރިހުގައި އަޑުމަޑުކުރުމާއި، އެކަލޭގެފާނަށް އިޙުތިރާމުކުރުން ހިމެނެއެވެ. އެ ކަން އެ ގޮތަށް ނުކުރާމީހުންގެ ޢަމަލުތައް ބާޠިލުވެދާނެކަމަށް އަންގަވައި، މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން، އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ."

މިއަދު އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޝަޚުޞިއްޔަތާއި، ސުންނަތް ދިފާޢުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަޞްޙާބުބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނެއެވެ.

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަނބިކަނބަލުން عَائِشَة رَضِيَ اللَّهُ عَنْهَاއާ ކުރިމަތިވެވަޑައިގަތް އިފްކުގެ މައްސަލައިގައި، އެ ކަމަނާ ދިފާޢުކުރުމުގެ ބަދަލުގައި، އެ ކަމަނާ ބަދުނާމުކޮށް، ވާހަކަ ފެތުރި މީހުންނަށް މާތް ﷲ ކޯފާގެ ބަސްފުޅު ވަޙީކުރެއްވިއެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގު ވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށް ހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށް ހުރި ހެވެކެވެ. އެއުރެން ކުރެ ކޮންމެ މީހަކަށްމެ، ފާފައިގެ ތެރެއިން އެ މީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެ ކަމުގެ ބޮޑު ބައި ލިބިގަތް މީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ ޢަޛާބުހުށްޓެވެ."

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިސްލާމީ އުންމަތަށް، މާތް اللَّهގެ ދީން ގެނެސްދެއްވިއެވެ. އެ ދީން ފުރިހަމަވަނީ އެ މާތް ނަބިއްޔާގެ ސުންނަތާ ލައިގެންނެވެ. އެހެންވެ، ކީރިތި ޤުރްއާނުގައި މާތް اللَّهގެ ފޮތާއި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބުމަށް ވަނީ އަމުރުކުރައްވައިފައެވެ. އަދި މުސްލިމުން އެކަތިގަނޑަކަށް ވުމަށް އަންގަވައިފައި ވެއެވެ.

މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"އަދި اللَّهއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުންނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَއަކީ، އުންމަތަށް ނުހަނު އޯގާވެރި ބޭކަލެކެވެ. އެތައް ހަނގުރާމަތަކެއްގައި އާދައިގެ މުސްލިމުންނެކޭ އެއް ފަދައިން އެކަލޭގެފާނު ބައިވެރިވެވަޑައިގަތެވެ. އެކަލޭގެފާނަކީ ދީލަތިފުޅުކަމުގައި ވެސް އިންތިހާއެވެ. މުސްލިމުންގެ މައްޗަށް އޯގާވެރިވެވަޑައިގަތުމުގައި ވެސް އިންތިހާއެވެ. މީސްތަކުންގެ ކުށްތަކަށް މަޢާފުކޮށްދެއްވުމުގައި ވެސް ނަމޫނާއެވެ. މި ކަން ހާމަކުރައްވައި އެކަލޭގެފާނާ ބެހޭ ގޮތުން މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"އަދި، އެއުރެން އެއުރެންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް اللَّهގެ ޙަޟުރަތަށް ދަންނަވައި އެދުނު ނަމަ، އަދި ރަސޫލާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާކުރެއްވި ނަމަ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ކަލަކުކަމުގައި އެއުރެން اللَّه ދެކޭނެކަން ކަށަވަރެވެ."

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މަޑުމައިތިރިކަމަށް ތަޢުރީފުގެ ބަސްފުޅު މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

"އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّهގެ ޙަޟުރަތުން ލެއްވި ރަޙުމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤު ނުބައި ބޭކަލަކުކަމުގައި ކަލޭގެފާނުވީ ނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެ މީހުންނާ މަޝްވަރާކުރައްވާށެވެ! ފަހެ، (ކަމަކާ މެދު) ކަލޭގެފާނު ޢަޒުމުކަނޑައަޅުއްވައިފި ނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް ވަކީލުކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."

https://wamco.com.mv/
tel:+9607331319