
ދެ ގައުމެއްގެ އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
.jpeg&w=3840&q=75)
އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2025 - 08:05
ދެ ގައުމެއްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް އަރުފައިފިއެވެ.
މިރަސްމިއްޔާތުތައް އޮތީ ވަކިވަކިން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވި ދެ ބޭފުޅުންނަކީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، އަދި އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯއެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ދެ ސަފީރުން ވެސް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައި، އެ ދެ ގައުމާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައެވެ.
އެގޮތުން ޖަޕާނުގެ އައު ސަފީރާއި ރައީސުލްޖުމްހޫރިއްޔާ އާއި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިޒާސްޓަރ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ. އަދި ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ އައު ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަން ކަމުގެ ތެރޭގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ޚާއްޞަގޮތެއްގައި މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެކަމުގެ ސަބަބުން ދިމާވާ ޙާލަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
އަދި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން