
ކާށިދޫ ސްކޫލުގެ ސަޕޯޓަރުން މެޗްގެ ރެފްރީއަށް ހަމަލާދޭ ފޮޓޯއެއް
ހަމަނުޖެހުމަށްފަހު ދަރިވަރުންނަށް ދަނީ ފުރައްސާރަކުރަމުން - ގުރައިދޫ ސްކޫލު

ޔޫޝައު ހަސަން - 09 ފެބްރުއަރީ 2023 - 07:45
މިދިޔަ ހޯމަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު އިންޓަސްކޫލު ފުޓުބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލު ކުޅުނު މެޗުގައި ރެފްރީއަށް ހަމަލާދީ، ހިންގި ހަމަނުޖެހުމާ ގުޅިގެން ގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް މީހުން ގުޅައި ފުރައްސާރަކުރަމުންދާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ކުޅުނު އިންޓަ ސްކޫލު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރީ ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލެވެ. އެ މެޗު ކަލާފާނުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، މެޗު ނިމުމުން ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދީފައިވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެފްއޭއެމްގެ ފަރާތުން މައްސަލަ ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ފެންނަ ފެނުމުގައި ބައެއް ކުޅުންތެރިންވެސް ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރިއެވެ.
އެ ވީޑިއޯގައި ފެންނަ ގޮތުގައި ގުރައިދޫގެ އޮފިޝަލުންނާއި ސަޕޯޓަރުން ރެފްރީއަށް ހަމަލާދިނުން ހުއްޓުވަން އެރަށަށް އުފަން ގައުމީ ޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އެ މަންޒަރާއެކު ހެލްމެޓަށް ވަނީ ވަރަށް ބޮޑަށް ތައުރީފުވެސް އަމާޒުވެފައެވެ.
އެ އަމަލުތައް އެޑިއުކޭޝަން މިނިސްޓްރީންނާއި ޔޫތު މިނިސްޓްރީންވެސް ކުށްވެރިކޮށްފައިވާ އިރު، އެފްއޭއެމުން އިއްޔެ ވަނީ ގުރައިދޫ ސްކޫލުގެ ފުޓުބޯޅަ ޓީމު، އެފްއޭއެމްގެ މުބާރާތްތަކުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރިކަން އަންގައިފައެވެ.
އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބުނީި ގޮތުގަައި ސެމީ ފައިނަލުގެ އެ މެޗުގެ އޮފިޝަލުންނަށް ގުރައިދޫ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުން ހަމަލާދީފައިވާކަން އެނގެން އެބައޮތް ކަމަށެވެ. އެ ސަބަބާއެކު އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މި ފަހަރު ގުރައިދޫ ސްކޫލުން އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިއަކަށް ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމުން ރާވައި ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
އޭގެ އިތުރުން، އެފްއޭއެމުން ރާވައި ހިންގާ އެއްވެސް މުބާރާތެއްގައި ގުރައިދޫ ސްކޫލު ބައިވެރިވާނަމަ ދިހަ މެޗު ހަމަވަންދެން ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައެވެ.
ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައި ވަނީ ގުރައިދޫ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިޔަކަށް ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދޭން ނިންމައިފައެވެ. އެއީ، ގުރައިދޫ ޓީމުގެ ޖާޒީ ނަމްބަރު 7، ޖާޒީ ނަމްބަރު 8 އަދި ޖާޒީ ނަމްބަރު 10 އެވެ.
އެފްއޭއެމުން އެޅި ފިޔަވަޅަށް ފަހު ގުރައިދޫ ސްކޫލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސެމީފައިނަލްގެ މެޗަށްފަހު ސަޕޯޓަރުން ހިންގާފައިވާ ކުޅިވަރުގެ ރޫހާ ހިލާފު ކަންކަމަކީ އެ ސްކޫކުން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ. އެ ސްކޫލަކީ ދަރިވަރުންނަށް ނޭދެވޭ އަމަލުތައް ކުރުމަށް އެއްވެސް ވަަރަކަށް ބާރުއަޅައި އެކަން ކުރުމަށް ހިތްވަރުދޭ ހިޔާވައްސެއް ނޫން ކަމަށެވެ.
ބަޔާނުގައި ބުނީ، މެޗަށް ފަހު ކަންކަން އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާ ކަމަށާއި ހަމަނުޖެހުމުގައި ބައިވެރި ނުވާ ދަރިވަރުންނާއި އޮފިޝަލުންގެ ފޮޓޯ އާއި ނަން އާއްމުކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.
"އެކި ފަރާތްތަކުން އެ ކުދީންނަށް ގުޅައި ދިމާކުރުމާއި ކުދީންނަށް ތަފާތު ގޮތްގޮތުން ކުރިމަތިވަމުންދާ ފުރައްސާރައިގެ ބަސްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ހަބަރުފަތުރާ ނޫސްތަކާއި ކުދިންނަށް ފުރައްްސާތަކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށްވެސް ގޮވާލައިފައެވެ
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
4 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
7 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
9 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
10 ގަޑިއިރު ކުރިން


