
ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެގުން: އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2025 - 10:08
ގަވާއިދާ ހިލާފަށް 'ވަގަށް' އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު 'މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
އެމްޕީއެލްގެ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، މި ކުންފުނީގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ މުދާ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނުކަން 8 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭ ފާހަގަވި ވަގުތުން ފެށިގެން، މި ކުންފުނިން އެތެރޭގެ ތަޙުޤީޤެއް ވަނީ ފަށައިފައި ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށާއި އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށެވެ. އެމްޕީއެލް އިން ބުނިގޮތުގައި ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމް.ޕީ.އެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި އަދި އެ ޕޯޓަކީ ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން މި ކުންފުނިން ފަށާފައިވާކަން ފާހަގަކުރަން. އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފަ: އެމްޕީއެލް
އެ ކުންފުނިން ބުނިގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުޢައްސަސާއެކު މި ދަނީ މަސައްކަތްކުރަމުން ކަމަށާއި މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ކަމަށެވެ.
މީގެ އިތުުރުން، އެމް.ޕީ.އެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ޤާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓަރމިނަލްގެ ސެކިއުރިޓީ އޮޑިޓެއް މިހާރު ވަނީ ފަށައިފައެވެ. އަދި، މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާކަން ފާހަގަކުރަން: އެމްޕީއެލް
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


