logo

މުވައްޒަފެއްގެ އިހުމާލުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް

profile

ޝާމާ ޝުޢައިބު - 30 ސެޕްޓެމްބަރު 2024 - 19:14

ބޭންކު އޮފް މޯލްޑިވްސް

ބޭންކު އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފަކު ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލާގައި ކަސްޓަމަރުންގެ އެކައުންޓުން ހަތަރު ލައްކަ ރުފިޔާ ވަގަށް ނެގިކަން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިއްޔެ ސާބިތުވެއްޖެއެވެ.

އެކަމާ ގުޅިގެން ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ 2021 ވަނަ އަހަރު ހިނގާދިޔަ މި މައްސަލަ ބޭންކަށް ފާހަގަވުމާއެކު ވަގުތުން އެ މުވައްޒަފު ވަޒީފާއިން އެކަހެރި ކުރި ކަމަށެވެ. އަދި ބޭންކުން މި މައްސަލަ ބެލިއިރު ބޭންކުގެ މުވައްޒަފު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި، އަމިއްލައަށް ބޭނުންކޮށްފައި ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބެންކުން ބުނީ، މި މައްސަލަ ބެލުމަށްފަހު ބޭންކުން މި އަމަލު ހިންގި މުވައްޒަފު ވަޒީފާއިން ވަކިކޮށް އޭނާގެ މައްސަލަ 7 ޑިސެންބަރު 2021 ވަނަ ދުވަހު ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމުގައި ކަސްޓަމަރުން އަތުން ގެއްލުނު ފައިސާ ބޭންކުން ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަބަދުވެސް އަޅާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް ދީފައެވެ. އަދި މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް ބީއެމްއެލް އިން ވަނީ ދީފައެވެ.

https://int.etukuri.mv/
tel:+9607331319