logo

އެމްއެމްޕީއާރުސީގެ އެންމެ ރުފިޔާއެއްގައިވެސް ނުޖެހެން: ރައީސް މުއިއްޒު

profile

އާމިނަތު ޝަފާ - 27 ޖުލައި 2024 - 08:41

ރައީސް މުއިއްޒު

ރައީސް މުއިއްޒު

އެމްއެމްޕީއާރުސީގެ އެންމެ ރުފިޔާއެއްގައިވެސް ޖެހިފައިނުވަނެކަމަށާއި އެ އަމަލުގެ ސަބަބުން ދައުލަތައް ގެއްލުނު ހުރިހާ ފައިސާއެއް މި ސަރުކާރުން ހޯދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަންދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިނިވަންކަން ގައުމަކަށް ލިބެނީ މައިގަނޑު 3 ކަމެއްް ހާސިލުވެގެންކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިގްތިސާދީ މިނިވަންކަން ޔަގީންވުމާއި، އަމިއްލަވަންތަކަމުގެ ސިޔާދަތު އަދި ސަލާމަތީ އަދި ދިފާއީ ސިޔާދަތު ގައުމަކަށް ޔަގީންވެގެންކަމަށެވެ. މިތިން ސިޔާދަތު ކަވަރުނުވާނަމަ އެގައުމެއްގައި މިނިވަންކަން ހަގީގީ މާނައިގައި ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ތިންކަންތައް ދެމެހެއްޓުމަށް ސަރުކާރާ ހަވާލުވެ ކެބިނެޓުގެ 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް ނިންމާފައިވާކަމަށެވެ.

އެއިން ކޮންމެ މަސައްކަތަކީ މި ތިން ދާއިރާއިން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކުރެވިފައިވާ މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ.

"ވަޒީރުންގެ މަޖިލީހުގައި މި ދިޔަ ދައުރުތަކުގައި މަސައްކަތް ކުރެވިފައިވާ ގޮތަށް ބަލާއިރު މިދިޔަ ދައުރު ފުރަތަމަ 8 މަސްދުވަހު ބޭއްވުނީ 14 ބައްދަލުވުން 34ނިންމުން ނިންމާފައިވަނީ. އޭގެ ކުރިން 2013 އިން 2018 އަށް މި މުއްދަތުގައި ބޭއްވިފައިވަނީ 7 ބައްދަލުވުން. ނިންމީ 8 ނިންމުން. މީގެ އިތުރުން އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވައި 176 ނިންމުމެއްވަނީ ނިންމާފައި. މިކަންކަން މި ކުރީ އިގްތިސާދީ ސިޔާދަތު ޔަގީންކުރުމުގެ ގޮތުން. ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވައި 48 ނިންމުމެއް ނިންމާފައިވަނީ. މިކަން މި ކުރަނީ މިނިވަންކަން ދެމެހެއްޓުމަށް. އެއީ އަޅުގަނޑުގެ އެންމެ އިސް ޒިންމާ. އެކަމަށް އަޅުގަނޑުވާނީ ވެރިކަމާ ހަވާލުވެ ހުވާކޮށްފައި.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތީ މިނިވަަންކަން ކަށަވަރުކުރުމަށް ގައުމެއްގެ އިގުތިސާދު އޮންނަންޖެހޭ ހިސާބަކު ނޫންކަމަށެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 ބިލިއަން ޑޮލަރުކަމަށާއި އެހެންނަމަވެސް މިހާރު ފައިސާ ޗާޕްނުކޮށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 65 ބިލިއަން ޑޮލަރު ޖަމާކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތިވެ ދިޔަ ދުވަސްތަކުގައި އާއްމުދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އައިއިރު 18.6 ބިލިއަން ރުފިޔާގެ އާއްމުދަނީ ލިބިފައިވާކަމަށެވެ. އޭގެތެރެއިން 16.6 ބިލިއަންރުފިޔާ ދައުލަތް ހިންގުމުގެ ހަރަދަށް ދިޔަނަމަވެސް އެ ހަރަދުކުރީ ފައިސާ ޗާޕުނުކޮށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިން ނަމަވެސް މި ސަރުކާރު ހަވާލުވީންސުރެ އެންމެ ރުފިޔާއެއްވެސް ނުދެން އަދި. އެއީ ސިޔާސީ ގޮތުން ކުރީ ސަރުކާރުން ކުރި ކަމެއް. ހަމައެކަނި ދީފައިވާނީ ކުރީ ސަރުކާރުން އެކި ކަންކަމާ މައްސަލަޖައްސައިގެން އަޅުގަނޑުމެން ހަވާލުވީއިރު އަމުރު ނުވަތަ ހުކުމް އައި ފައިސާ.އެއީ 119.7 މިލިއަން ރުފިޔާ. އެއީ މި ސަރުކާރަކާ ބެހޭކަމެއްނޫން.

ަޗައިނާ އާއި އިންޑިއާގެ ލޯނު ދެކުމުގައި ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް އެ ދެގައުމުން އެހީތެރިވަމުން އަންނަކަމަށާއި އެގޮތުން އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 ބިލިއަން ޑޮލަރާއި އަދި ކުރިއަށް އޮތް 5 އަހަަރު ޗައިނާ ލޯނުތައް ނުދައްކާ ފަސްކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ޔޫއޭއީއަށް ދައްކަން އޮތް ލޯނުވެސް ފަސްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 3.8 ބިލިއަން ރުފިޔާ ދަރަނީގެ ތެރެއިން މިހާރުވެސް ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސާދު އޮތް ހާލަތުގެ ސަބަބުން ކުންފުނިތައްވަނީ ބަނގުރޫޓުވެފައިކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރި މަސައްކަތަކީ މިފްކޯ ކޮޅަށް ޖެހުމުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަންވީ މި ހިސާބަކަށް ނޫން. އެ ހިސާބަށް. ގައުމުގެ މިނިވަންކަން ޔަގީންކުރަޏާ އުދަރެހުގެ އެންމެ ކޮޅަސް ބަލަންޖެހޭ. އޭރުން ދަރިންގެ ދަރީންގެ މުސްތަގުބަލު ކާމިޔާބުވާނީ. މިއަންނަ މަހު ބަންކަރިންގެ ހިދުމަތް ފެށޭނެ. 400 މިލިއަން ޑޮލަރު ޖީޑީޕީއަށް އިތުރުކޮށްދޭނެ.

މިނިވަންކަމުގެ ވާހަކަދައްކާއިރު އެންމެ މުހިންމުކަމަކީ އިގްތިސާދުގެ ވާހަކަދެއްކުންކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނުހޯދިވާކަމަށާއި އެއީ ކުރީ ސަރުކާރުތަކުން ގަސްދުގައި ނުހޯދައި ދޫކޮށްލާފައިހުރި ފައިސާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ފައިސާ ކޯޓަށް ގޮސްގެންވިޔަސް ހޯދާނެކަމަށެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ހޯދާނަން. އޭގައި ޖެހިފައެއްނުވާނެ. އެހެންވީމަ ބިރެއް ނުގަންނާނެ. އެ ފައިސާ ހޯދާނަން. ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއްްހަދާނަން. ކޮރަޕްޝަން ނައްތާލާނަން. މި ސަރުކާރުން މި މަސައްކަތް ކުރާނަން ދުވަހަކު މި މަސައްކަތް ރާއްޖޭގައި ނުކުރާ މިންވަރަށް. އަލަށް ކުރަން ނިންމާފައިވާ ކަމަކީ ފިނޭނެސް މިނިސްޓްރީން ފައިސާ ދޭ ގޮތް އެންމެންނަށް އަންގާނަން. އޭރުން މިތާ އޮތް ބިލު އެތަނަށް ލާކަށް ފުރުސަތެއް ނުލިބޭނެ.

އާރުޓީއައިގެ ދަށުން ހޯދުމަށް ހުށަހަޅާފައިވާ ހުރިހާ މައުލޫމާތުތަކެއް މިހާރު ދޫކޮށްފައިވާކަމަށާއި ދަތުރުތަކުގެ ހަރަދުތަކުގެ މައުލޫމާތުތައް މިހާރު އާއްމުކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސްވަނީ މި ޖަލްސާގައި ހިއްސާކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319