logo

ހުޅުދޫއަށް ހިތް ދަމައިގަންނަ "ޑަކް ޕޮންޑް"އާއި މާފިށި ކިޅި!

profile

ޒިދާން މުޙައްމަދު - 21 ޖޫން 2025 - 09:13

އައްޑޫ ސިޓީ - ހުޅުދޫއިން، ޒިދާން މުޙައްމަދު:

https://wamco.com.mv/

ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށް ވިޔަސް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުގައި ބޮޑެތި ކުޅި، ފާ އަދި ޗަސްބިންތައް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ 150 ރަށަކުން މިފަދަ ސަރަހައްދުތައް ރެކޯޑްކުރެވިފައިވެއެވެ. މިފަދަ ސަރަހައްދުތައް ބައެއް ރަށްރަށުގައި ހުންނަނީ މޫދާ ގުޅިފައެވެ. އަދި ބައެއް ރަށްރަށުގައި މީރުފެން އެކުލެވޭ ގޮތަށް ބެދި ފައިހުންނަ ފެންގަނޑުތައް ނުވަތަ ކުޅިއެއް ވަށައިގެން ޗަސްބިން އެކުލެވޭ ގޮތަށް ހުރެއެވެ.

undefinedހުޅުދޫ މާފިށި ކިޅީ --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު

އައްޑޫ ސިޓީ ހުޅުދޫގައި އޮންނަ މާފިށި ކިޅި ސަރަހައްދަކީ ބުނެވިދިޔަ ފަދަ، ކުޅިތަކެއް އޮންނަ ޗަަސްބިން ސަރަހައްދެކެވެ. މާފިށި ކިޅި ސަރަހައްދަކީ ހުޅުދޫ ދެކުނު ފަރާތު ކޮޅުގައިވާ ޗަސްބިން ސަރަހައްދެވެ. މިސަރަހައްދުގައި އިހުގައި އޮންނަނީ ހަމައެކަނި މާފިށި ކިޅިއެވެ. ނަމަވެސް އެސަރަހަދުގައި މަގެއް ހެދުމުގެ ސަބަބުން ކުޅިވަނީ ބައިވެގެން ގޮސްފައެވެ. މާފިށި ކިޅީގެ މައިގަނޑު ދެބައެއް އޮންނައިރު، ވިއުއިން ޕޮއިންޓަކާއެކު އެއްބައި ތަރައްޤީކޮށްފައިވާއިރު، އަނެއްބައި ތަރައްޤީކޮށްފައިވަނީ "ޑަކް ޕޮންޑް"އެއްގެ ގޮތުގައެވެ. "ޑަކް ޕޮންޑް"ގައި އަސްދޫންޏާއި ތަފާތު ވައްތަރުގެ ދޫނިސޫފާސޫފި އުޅެއެވެ. އަދި މިނޫނަސް ތަފާތު ދިރުންތައް މިތަނުގައިވެއެވެ.

މިސަރަހައްދަކީ ބޮޑު ޗަސް ބިމެއް ހިމެނޭ ސަރަހައްދެކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަ ފަސޭހަކަމާއެކު ހިނދެއެވެ. މިކަމުން ރަށުގެ ތެރޭގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. މިސަރަހައްދުގެ ދިރުންތަކަށް ބަލާލާއިރު، ކުޅިފަލުގައި ގައި ހެދޭ ގަހުގެ ބާވަތެއްކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ދިއްގާ ހިރުނދު އަދި ބޯކަށިކެއޮ، މިދިލި، އުނި އަދި މަގޫގަސް މިސަރަހައްދުގައި ގިނައަދަދަކަށް ހެދިފައިވެއެވެ.

undefinedހުޅުދޫ މާފަށި ކިޅި --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު

މީގެއިތުރުން، މިސަރަހައްދުގައިވާ ފެންގަނޑުން ރާއްޖެއިން މަދުން ނޫނީ ނުފެންނަ ކޮންގާއީލް ވަނީ ފެނިފައެވެ. އަދި ގިނައަދަދަކަށް ފޫޓުމަސް ނުވަތަ ތެލާޕިޔާ އަދި ކުޅިތަކުގައި އުޅޭ ފިނިހަކައިގެ ބާވަތްތަށް ފެނިފައިވެއެވެ. ނަމަވެސް މިސަރަހައްދުގައި މަގުހެދުމުގެ ސަބަބުން ހުޅަނގުފަރާތުގައި ވާފެންގަނޑު ވަރަށް ބޮޑަށް ހިނދިގެން ގޮސްފައިވެއެވެ. މިކަމަކީ މިފެންގަނޑުގައި އުޅޭ މަހުގެ ދިރުމަށް ނުރައްކާވުން ކައިރި ކަމެކެވެ. އަދި، އެކަމުގެ ސަބަބުން މިސަރަހައްދަށް އަންނަ ދޫނިތަށް އައުން މަދުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މާފިށި ކިޅި އަދި ޑަކް ޕޮންޑަކީ ޖޫން 2023ގައި އިފްތިތާހުކުރި މާފިށި ޓުއަރިޒަމް ޒޯންގެ ބައެކެވެ. މާފިށި ޓުއަރިޒަމް ޒޯނަކީ ހުޅުދޫގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމައްޓަކައި ސަރުކާރުން ހުޅުދޫގައި ކަނޑައެޅުއްވި ޓުއަރިޒަމް ޒޯންނެކެވެ. އެ ޒޯން އިފްތިތާޙް ކޮށްދެއްވީ ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބުދުއްﷲ ޝާހިދާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ވީ މުރަލިދަރަން އަދި އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރެވެ.

undefinedހުޅުދޫ ޑަކް ޕޮންޑް --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު

މާފިށި ޓްއަރިޒަމް ޒޯނަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ސިނާއަށް ކުރިއެރުވުމައްޓަކައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކަންޑައެޅުއްވި ސިޔާސަތުގެ ތެރެއިން ކުލި ކުޑަކޮށް ގެސްޓް ހައުސް އެޅުމަށް ބިން ދޫކުރުމަށް ކަނޑައެޅި ސަރަހައްދެކެވެ. މި ސަރަހައްދު ސާފުކޮށް ލޭސްޑް ސްކޭޕިން ހަދާ ނިންމާފައިވަނީ 2022 އަހަރެވެ. މި ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ އިންޑީޔާ ސަރުކާރުގެ އެހީގައެވެ.

މިޒޯނުން ފެންނަ އެންމެ ހާއްސަ ތަންތަނަކީ މާފިށި ކިޅި ހިމެނޭ ގުދުރަތީ ވެށިކަން ޔަގީނެވެ. މިއީ ހަމަގައިމުވެސް މީދޫއަށް ޒިޔާރަތްކުރާ މީހުންގެ ހިތްދަމައިގަންނަ ގުދުރަތުގެ އަޖާއިބުތަކެކެވެ. އަދި އުމްެރާނީ ތަރައްޤީއާއެކު މިތަނަށް ގެނެސްފައިވަނީ އިތުރު ފުރިހަމަ ކަމެެކެވެ.

https://etukuri.mv/
https://www.aslu.com.mv