މިލަންދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2025 - 09:33
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. މިލަންދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިލަންދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ ކަމެއް ނިމިފައިވާތީ އެ ޚިދުމަތް ފެށުމާއި، ޕަބްލިކް ވޯރކްސް ޔުނިޓެއް ޤާއިމްކޮށްދެއްވުމާއި، ބަނދަރު ސަރަހައްދުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް، ރަށުގައި ހަދާ ނިމެމުންދާ 50 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވުމަށާއި، ރަށުގައި އާރު.ޓީ.އެލް ބަހުގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ އިތުރުން އެއާޕޯޓް ތަރައްޤީ ކުރެވެމުންދާއިރު ރަށުގައި ސިޓީ ހޮޓަލެއް އަޅުއްވައިދެއްވުމަށް ވެސް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ސްކޫލްގެ ފަރާތުން ވަނީ މިހާރު ސްކޫލް ހުރި ސަރަޙައްދުގެ ގޮތުން، ވާރޭ ވެހޭ ދުވަސްވަރު ކްލާސްރޫމްތަކަށް ފެން ވަންނާތީ އެކަން ހައްލުކޮށްދެއްވުމަށާއި، ސްކޫލް އިމާރާތުގައި ލިފްޓެއް ހަރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ރަށުގައި އެކްސްރޭ ގެ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށް ދެއްވުމާއި ޑަޔަލިސިސް ގެ ޚިދުމަތްވެސް ފައްޓަވައިދެއްވުމަށް މިއަދުގެ ބައްދަލުވުމުގައި ޞިއްޙީ މަރުކަޒުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
13 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
14 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
14 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)