logo

ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ތަޢާރަފު ދީފި

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 21:15

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުމުގެ ތެރެއިން

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުމުގެ ތެރެއިން

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން މަތީ ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

މި ތަޢާރަފު ސެޝަންގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރުވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ހޯލްގައި އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި ގުރޭޑު 11، 12 ގެ ސައިންސް އަދި ކޮމާސް ސްޓްރީމް ކިޔަވާ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އަދި މި ތަޢާރަފަށް ފަހު ދިވެހި ޤައުމިއްޔަތާ ބެހޭ ގޮތުން އެދަރިވަރުންގެ ޝުޢޫރާއި، މި މަޝްރޫޢުގެ ދަށުން ކުރެވޭ މިފަދަ މަސައްކަތްތަކުގެ މުހިންމުކަމާ ބެހޭ ގޮތުން އެދަރިވަރުންގެ ޚިޔާލު ވަނީ ބައްދަލުވުމުގެ ހުރިހާ ބައިވެރިންނާ ހިއްސާ ކޮށްފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ވަރަށް ޤަދީމީ ޤައުމެއް ކަމަށާއި، މިޤައުމު އުފެދުނު ޒަމާނެއްވެސް އެނގެން ނެތްހާ ދޮށިކަމަށެވެ.

މިހާރުގެ ދުނިޔޭގެ ބޮޑެތި ބައެއް ދައުލަތްތަކަށް ދައުލަތެއްގެ ސިފަ ލިބުނު އިރު ދިވެހިރާއްޖެ އޮތީ ފުރިހަމަ ދައުލަތަކަށްވެ، އަމިއްލަ ޤާނޫނު އަސާސީއެއްގެ ހިމާޔަތުގައި ކަމަށެވެ. މިފަދަ ސަބަބުތަކަށްޓަކައި ދިވެހީންނަކީ ވަރަށް ނަސީބުވެރި ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިޔަ ކުދީން ގާތު ބުނެލަން ބޭނުން ވަނީ، މިއަދު މިތަނުގައި ދެއްކޭނޭ ވާހަކައަކީ ދިވެހި ޤައުމިއްޔަތުގެ ވާހަކައޭ. ދިވެހި ޤައުމިއްޔަތުގެ ވާހަކައަކީ ފާއިތުވި ތަނުގެ ވާހަކައެއް ނޫނޭ. ބޯދާ ވާހަކައެއް ނޫނޭ. ޙަޤީޤަތެއް ނެތް ހުވަފެނީ ވާހަކައެއް ވެސް ނޫނޭ. ދިވެހި ޤައުމިއްޔަތުގެ ވާހަކައަކީ މިއަދުގެ ވާހަކައެކޭ، މާދަމާގެ ވާހަކައެކޭ، އަދި ތިޔަ ހުރިހާ ކުދީންގެ ވާހަކައެކޭ. އެހެންވީމާ، ތިޔަ ކުދީންގެ މާދަމައަށްޓަކައި، ތިޔަ ކުދީންގެ މުސްތަޤުބަލަށްޓަކައި، ތިޔަ ކުދީންގެ ތަޢުލީމާއި ކުރިއެރުމަށްޓަކައި، އަދި ތިޔަ ކުދީން މި ފަސްގަނޑުގައި ދެމިތިބުމަށްޓަކައި، ދައްކަންޖެހޭ މުހިންމު ވާހަކަތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވާހަކައޭ" ވަޒީރު

މީގެ ކުރީން ވަނީ މުއައްސަސާތަކަށް އަމާޒުކޮށް މިފަދަ ތަޢާރަފު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ގިނަ މުއައްސަސާތަކާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކުރެވިފައިކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

https://wamco.com.mv/
tel:+9607331319