ސަޕޯޓަރަކު 6 މަހާއި 20 ދުވަހު ބައިސްކަލްގައި ދުއްވާފަގޮސް ރޮނާލްޑޯއާ ބައްދަލުކޮށްފި އެވެ. ރޮނާލްޑޯއަކީ އައިޑަލްގެ ގޮތުގައި ބަލާ ސަޕޯޓަރުން ދަތުރު ފެށީ ޗައިނާއިންނެވެ. އޭނާ ސައުދީ އެރެބިޔާ އަށް ދަތުރުކުރީ 13,000 ކިލޯ މީޓަރުގެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. އެ ދަތުރުގައި ރޮނާލްޑޯއާ ހަމައަށް ދެވުނީ ގިނަ ގޮންޖެހުންތަކެއް ކަޑައްތުކޮށްފައެވެ. އެގޮތުން މޫސުމީ އުނދަގޫތަކާއި, ވަރުބަލިކަމާއި, ފިޒިކަލީ އެތައްމައްސަލައެއް ކުރިމަތިވި ކަމަށް ރިޕޯރޓްތަކުގައި ވެއެވެ. އެކަމަކު ސަޕޯޓަރު ވަނީ ހިތްވަރާއެކު ދަތުރު ފުރިހަމަކޮށް އުއްމީދި ހާސިލްކޮށްފައެވެ.
އޭނާ ރޮނާލްޑޯއާ ބައްދަލުކުރަން ދިއުމުން އަލް-ނަސްރުގެ ހެޑްކްއާޓާރ ބޭރުގައި ރޮނާލްޑޯ ވަނީ ސަޕޯޓަރާ ބައްދަލުކޮށްފައެވެ. އަދި ސަޕޯޓަރު ގެންދިޔަ ރޮނާލްޑޯގެ އަލް-ނަސްރު ޖަރޒީގައި އޮޓޯގްރާފް ދިނެވެ.
ރޮނާލްޑޯއާ ބައްދަލުކުރަން ދިގު އުނދަގޫ ރާސްތާއެއް ކަޑައްތުކުރި ސަޕޯޓަރުގެ ވާހަކައާއި, އެފޮޓޯތައް މީޑިޔާ ތަކުގައި އަންނަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. އަދި ސަޕޯޓަރާ ބައްދަލުކުރުމުން ރޮނާލްޑޯއަށް އެތައް ބަޔަކު ގެންދަނީ ތައުރީފްވެސް ކުރަމުންނެވެ.
ރޮނާލްޑޯ ސައުދީ އެރެބިޔާގެ އަލް-ނަޞްރާ ގުޅުނީ 2023 ވަނަ އަހަރުއެވެ. އެއީ ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހުއެވެ. ރެއާލް މެޑްރިޑްގެ ކާމިޔާބު ކެރިއަރަށްފަހު ރޮނާލްޑޯ ބަދަލުވީ ޔުވެންޓަސް އަށެވެ. އެކްލަބްގައި ކާމިޔާބު ހޯދުމަށްފަހު, އޭނާގެ ކާމިޔާބީގެ ފެށުން އޮތް ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވިއެވެ.
ރޮނާލްޑޯ ވަނީ އަލް ނަޞްރަށް މިހާތަނަށް ކުޅެދިން 79 މެޗުން 72 ގޯލް ކާމިޔާބުކޮށްފައެވެ. މުޅި ކެރިއަރުގައި އޭނާ ވަނީ 907 ގޯލް ޖަހާފައެވެ.