logo
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން---

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން---

ދާއިރާގެ ރައްޔިތުންނަށް މެންބަރުންގެ އަމިއްލަ ޖީބުން ހަރަދުކުރަންޖެހޭ ކަމަށް ވިދާޅުވުމުން ގިނަބައެއްގެ ފާޑުކިޔުން އަޒާންއަށް!

profile

ޖިނާން ޙުސައިން ޖަބީން - 25 އޮކްޓޯބަރު 2026 - 06:40

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމިއްލަ ޖީބުން ދާއިރާގެ ރައްޔިތުންނަށް އެކި ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

https://wamco.com.mv/

މި މައްސަލަ ހޫނުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނައުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ބުދަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ. މިހާރު ވެސް މަޖިލިސް މެންބަރަކަށް މަހެއްގެ މައްޗަށް 82،500 ރުފިޔާގެ މުސާރައެއް ލިބޭއިރު، ދައުލަތުގެ ބަޖެޓުގެ ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ބަދަލުތަކެއް ގެންނާތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި އާންމުންގެ މީހަކު ވަނީ ޗާޓެއް ހިއްސާކޮށް، ސިންގަޕޫރު ފަދަ ދުނިޔޭގެ މުއްސަނދި ގައުމުތަކުގައި މަޖިލިސް މެންބަރުންގެ މުސާރައިގެ އޮނިގަނޑު އޮޅުން ފިލުވައިދީފައެވެ. މަޖިލިސް މެންބަރެއްގެ މުސާރަ އާންމު އެވަރެޖު އާމްދަނީއަށް ވުރެ 3.2 ގުނަ އިތުރު ނަމަވެސް، ރާއްޖޭގައި އެ ނިސްބަތް އުޅެނީ 7.14 ގުނަ މަތީގައިކަން އެ ޗާޓުން ދައްކައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މެންބަރު އަޒާން ވިދާޅުވީ، ރާއްޖޭގެ ހާލަތު އެހެން ގައުމުތަކާ އަޅައިނުކިޔޭނެ ކަމަށެވެ. އެގޮތުން ބޭރު ގައުމުތަކުގައި އޮފީސް ހިންގުމަށާއި ދަތުރުފަތުރަށް ވަކިން ބަޖެޓު ލިބުނު ނަމަވެސް، ރާއްޖޭގައި ޕެންޝަން ކެނޑުމަށްފަހު ގެއަށް ގެންދަން ލިބޭ 77،700 ރުފިޔާއިން ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާބާދީ ކުޑަވުމުން އާއިލީ ގޮތުންނާއި ރަހުމަތްތެރިކަމުގައި މީހުން އެދޭ އެދުންތަކަށް "ނޫނެކޭ" ބުނަން ދަތިވާ ކަމަށާއި، ސްކޫލްތަކުގެ އިނާމުދިނުމާއި، އީދު ފަދަ މުނާސަބަތުތަކުގެ އިތުރުން ކުޅިވަރު މުބާރާތްތަކަށް ސްޕޮންސަރ ދިނުމަށް ވެސް އާންމުން އުންމީދު ކުރަނީ މެންބަރުންގެ ޖީބުން ކަމަށް އަޒާން ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް ގުޅި މީހުންގެ 90 އިންސައްތައަކީ އަމިއްލަ މާލީ އެހީތެރިކަމަށާއި، ގަވާއިދުން ބޭރުން ކަންކަން ހަމަޖެއްސުމަށާއި ވަޒީފާ ހޯދަން ގުޅި މީހުން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ދާއިރާއަށް ކުރާ ދަތުރުތަކަށް އަމިއްލަ ޖީބުން ބޮޑެތި ހަރަދުތައް ހިނގާތީ، ގިނަ މެންބަރުންނަށް މަސް ނިމޭއިރު ދެކޮޅު ޖައްސަން ދަތިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަޒާންގެ މި ވާހަކަތަކާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. ހާއްސަކޮށް، އޭނާ ތަމްސީލުކުރައްވާ ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ބުނަމުންދަނީ ބޭސްފަރުވާ ފަދަ ނާޒުކު ހާލަތްތަކުގައި ގުޅުމުން ވެސް އަޒާން ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ. އަދި ރައްޔިތުން މެންބަރުންގެ އަރިހުން ސަލާންޖަހަން ޖެހެނީ ކަންކަމުގައި ހައްލު ހޯދައިދިނުމުގައި ފެއިލްވެފައި އޮތުމުގެ ސަބަބުން ކަމަށާއި، ކުޑަ މުސާރައެއް ލިބޭ އާންމު ރައްޔިތުން ވެސް ކުއްޔާއި ބިލްތައް ދައްކައިގެން ދިރިއުޅެމުންދާއިރު 77،000 ރުފިޔާއިން ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާންމުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކުރީގެ ބަންޑާރަނައިބު ޑރ. އަހުމަދު އަލީ ސަވާދު ވެސް ވަނީ އަޒާނަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ. ސަވާދު ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރައަކީ ދާއިރާގެ ރައްޔިތުންނަށް ބަހަން ދޭ އެއްޗެއް ނޫން ކަމަށާއި، މުސާރައިން ބާކީވާ ފައިސާ ދާއިރާގެ ރައްޔިތުންނަށް ބަހާނަމަ އެއީ ވޯޓު ހޯދަން ދޭ ރިޝްވަތު ކަމަށެވެ.

https://wamco.com.mv/
tel:+9607331319