
ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް

އައިޝަތު އިނާޝާ - 07 ޑިސެމްބަރު 2025 - 11:45
ހުޅުމާލޭގެ މަގުތަތަކާއި ހުސްބިންތަކުގަ ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، މަގު ތަރުތީބުކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެފަދަ އުޅަނދުތައް ޓޯވކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ޓޯވޔާރޑް ކައިރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އާއި ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްކެވި ވާހަކަފުޅުގައި މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޕާކުކުރުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާކަމަށް ވިދާޅުވިއެވެ.
އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މިގޮތަށް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކޮށް އެގޮތަށް ގެނެސްފައިވާ ދޫކޮށްލާފައިހުރުމުން ގިނަ ދަތިތަކާ ކުރިމަތިވަމުންދާކަމަށާއި އެފަދަ އުޅަނދުތައް ނެގުމަށް އިލްތިމާސްކުރެވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނެވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް، މިކަމުގައި އެއްބާރުލުން ދެއްވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެޗްޑީސީ، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ބައިވެރިވެއެވެ.
މި މަހުގެ 6-9އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
2 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
5 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
7 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
7 ގަޑިއިރު ކުރިން


