
އެކުވެހި---
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އެކުވެހި"ގެ ޒަމާނީ އެކޮމޮޑޭޝަންތަކުން ޖާގަ ހޯދުމަށް ހުޅުވާލައިފި

ޖިނާން ޙުސައިން ޖަބީން - 27 ނޮވެމްބަރު 2026 - 14:04
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަނާލު، "އެކުވެހި"ން އެކޮމޮޑޭޝަން ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދަނާލުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3،500 ރުފިޔާގެ ކުއްޔަކަށެވެ. އެގޮތުން، ކޮންމެ ކޮޓަރިއެއްވެސް ހާއްސަކުރެވިފައިވަނީ ދެ ދަރިވަރުންނަށް ޝެއަރކޮށްގެން ދިރިއުޅެވޭނެ ގޮތަށް ކަމަށްވުމުން، ކޮންމެ ކޮޓަރިއެއްގައިވެސް ދެ ދަރިވަރުންނަށް ވަކިން ނިދޭނެ އެނދާއި، ކިޔެވުމަށް ހާއްސަ ސްޓަޑީ ޓޭބަލްގެ އިތުރުން، އެޓޭޗްޑް ފާހާނާއެއް ހިމެނޭނެއެވެ.
ދަރިވަރުންގެ އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި އިމާރާތުގައި ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި، އަމިއްލައަށް ކައްކައި ކައިބޮއި ހެދޭނެ ބަދިގެއަކާއި، އަންނައުނު ދޮވެ ހިއްކުމަށް ހާއްސަ ލޯންޑްރީ ޖާގައެއް ހިމެނެއެވެ. އަދި ދަރިވަރުންނަށް ފަސޭހަކަމާއެކު ފިލާވަޅުތައް ދަސްކުރުމަށާއި ގްރޫޕް މަސައްކަތްތައް ކުރުމަށްޓަކައި، ކޯ-ވޯކިންގ ސްޕޭސް އަދި މީޓިންގ ރޫމްތައްވެސް ވަނީ މި އިމާރާތުގައި ގާއިމުކޮށްފައެވެ.
މީގެއިތުރުން، އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ކޯޓްޔާޑަކާއި ޓެރަހެއްގެ އިތުރުން، ކުޅިވަރު ކުޅެ ހިތްހަމަޖައްސާލެވޭނެ ލައުންޖަކާއި، އައުޓްޑޯ ޖިމެއްވެސް މި އިމާރާތުގައި ހިމެނެއެވެ. އަދި ނަމާދުކުރުމަށް ހާއްސަ ކޮޓަރިއަކާއި، ފަސޭހަކަމާއެކު އުޅަނދުފަހަރު ޕާކުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ. މި އިމާރާތުގެ ސާފުތާހިރުކަމާއި، މަރާމާތު އަދި ސެކިއުރިޓީގެ އެންމެހައި ކަންކަން ބަލަހައްޓާނީ އެޗްޑީސީންނެވެ.
"އެކުވެހި"ން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ދަރިވަރުންނަކީ އުމުރުން 35 އަހަރުން ދަށުގެ ދަރިވަރަކަށް ވާންޖެހެއެވެ. ހަމައެހެންމެ، ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީވެ، އެމްކިޔުއޭ އެޕްރޫވް ކޯހެއް ހަދަމުންދާ ދަރިވަރަކަށްވުމުގެ އިތުރުން، ފުލްޓައިމް ކޯހެއްގައި އުޅޭ، ގަވާއިދުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވާ ދަރިވަރަކަށް ވެސް ވާންޖެހެއެވެ. މީގެ އިތުރުން، ކިޔެވުން ފުރިހަމަކުރުމަށް މަދުވެގެން އެއް އަހަރުގެ މުއްދަތެއް ބާކީ އޮތުމަކީ ވެސް މި ދަނާލުން ޖާގަ ހޯދުމަށް ބޭނުންވާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެކެވެ.
ޝަރުތު ހަމަވާ ދަރިވަރުންނަށް އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެޕްލިކޭޝަނާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕޮލިސް ރިޕޯޓުގެ އިތުރުން، ކޮލެޖު ނުވަތަ ޔުނިވަރސިޓީގެ ޕްލޭސްމަންޓް ލިޔުން ހުށަހަޅަންޖެހެއެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، ޖާގަ ދޫކުރުމުގައި އިސްކަންދެވޭނީ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުންނެވެ. އަދި ޖާގަ ކަށަވަރުވުމުން، އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެ ތަނުގައި ދިރިއުޅެން ފެށޭނެއެވެ.


