
ޚިޔާލު ތަފާތުވުންތަކާއެކު ވެސް ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ކުރިއަށްދަނީ: އީރާން

އާމިނަތު ޝަޒްލާ - 24 ސެޕްޓެމްބަރު 2026 - 12:18
އިރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ މެދު ދެޤައުމުގެ ވިސްނުން ވަރަށް ބޮޑަށް ތަފާތު ނަމަވެސް، ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭ ކަމަށް އިރާނުގެ އިސް އޮފިޝަލަކު އިއްޔެ ރޮއިޓާސްއަށް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އެމެރިކާގެ ފިއްތުންތަކަށް ތެހެރާނުން ދުވަހަކުވެސް "ކުޑަކަކޫ ނެޖަހާނެ" ކަމަށް އީރާނުގެ ރައީސް އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވުމާ ގުޅިގެންނެވެ.
ނިއުޔޯކުގައި ދެއްވި ތަޤުރީރުގައި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ "ބިރުދެއްކުމުގެ ސިޔާސަތު" ކުށްވެރިކުރައްވާފައެވެ. ޓްރަމްޕް ވަނީ މިދިޔަ އަންގާރަ ދުވަހު ހަމަ އެ މަޖިލީހުގައި ވާހަކަދައްކަވަމުން އިރާނު "ފުނޑުފުނޑުކޮށްލާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ.
އދ. ގެ އަހަރީ ބައްދަލުވުމުގައި ދެ ރައީސުން ދެއްވި މި ތަޤުރީރުތަކަކީ މަސްތަކަކަށްފަހު އެމެރިކާއާއި އިރާނާ ދެމެދު ބޭއްވުނު ފުރަތަމަ ނުސީދާ މަޝްވަރާތަކަށްފަހު ދެއްވި ބަޔާންތަކެކެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ދެފަރާތުން ގެންގުޅޭ ހަރުކަށި އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަކަށް ނުފެނެއެވެ.
ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކެވި އިރާނުގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި، އިރާނުން ހުށަހަޅާފައިވާ ސުލްޙައިގެ ހުށަހެޅުންތަކަށް ވޮޝިންގޓަނުން ދިން ޖަވާބު ތެހެރާނުން މިހާރު ދަނީ ދިރާސާކުރަމުންނެވެ. އިރާނުގެ ހުށަހެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށާއި ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށެވެ.
"އީރާނާއި އެމެރިކާގެ ދެމެދުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުރި، ނަމަވެސް ޑިޕްލޮމެޓިކް މަޝްވަރާތައް ދަނީ ކުރިއަށް،" އެ އޮފިޝަލު ވިދާޅުވިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ ދިގު މުއްދަތަކަށް ދެމިގެންދާނެ ބުރަ މަސައްކަތެއް ކަމަށެވެ. އަދި މީގެ އިތުރުން ރައީސް ޓްރަމްޕްގެ އަތްޕުޅުގައި އަސްކަރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އުދުހުންތަކަށް ފުރުސަތުދޭ ކޮންމެ ގައުމަކާ ދެކޮޅަށް "ސެކަންޑަރީ ސެންކްޝަންސް" ނުވަތަ އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފައެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ އެ ގައުމުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވީ، އަވަށްޓެރި ގައުމުތަކުން އީރާނުގެ ފްލައިޓްތައް ހުއްޓުވައިފިނަމަ، އެ ގައުމުތަކުގެ އެއާޕޯޓްތައް ބޭނުންނުކުރެވޭނެ ފަދަ ފިޔަވަޅުތަކެއް އީރާނުން އަޅާނެ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޕެޒެޝްކިއަން ބޮޑަށް އަލިއަޅުވާލެއްވީ އިރާނުގެ ބަނދަރުތައް ބަންދުކޮށްފައިވާ މައްސަލައާއި ހޯރްމުޒް ކަނޑުއޮޅީގެ މައްޗަށެވެ. މި ކަނޑުއޮޅިއަކީ ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މައިގަނޑު މަގެވެ.
"ހޯރްމުޒް ކަނޑުއޮޅީގެ ފައިދާ އެންމެންނަށް ލިބިފައި، އަޅުގަނޑުމެންނަށް އެ މަގުން މުދާ އުފުލުމުގެ ފުރުސަތު ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ދުޝްމަނުންގެ މަނަވަރުތައް ދާއިމީކޮށް މި ސަރަހައްދުގައި ބޭތިއްބުމާއި ހަނގުރާމަ ފުޅާކުރުމަކީ ސުލްޙައަށް މަގުފަހިވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން "އިރާނުގެ ރައްޔިތުން އެއްވެސް ފިއްތުމަކަށް ބޯނުލަނބާނެ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕެޒެޝްކިއަން އާއި ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު އިއްޔެ ވަނީ ގާތްގަނޑަކަށް %2 މައްޗަށް ގޮސްފައެވެ.
ޖުލައި މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުުވުނު ފަހުން، އިރާނާއި އެމެރިކާގެ އޮފިޝަލުން ފުރަތަމަ ފަހަރަށް ނުސީދާ މަޝްވަރާތަކެއް ބޭއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މަޝްވަރާތަކުގައި އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ މުޢާމަލާތް ކުރެއްވީ މެދުވެރިއެއް މެދުވެރިކޮށެވެ.
އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވީ، ޤަޠަރުގެ މެދުވެރިއެއް މެދުވެރިކޮށް ދެ ގަޑިއިރަށް ކުރިއަށްދިޔަ މެސެޖު ބަދަލުކުރުމުގައި ތެހެރާނުން ބައެއް ޝަރުތުތައް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުރިހާ މައިދާނެއްގައި ހަނގުރާމަ ހުއްޓާލުމާއި، އެމެރިކާގެ "އުދުވާނީ ޢަމަލުތައް" ހުއްޓާލުމާއި، ހިފަހައްޓާފައިވާ އިރާނުގެ ފައިސާތައް ދޫކޮށްލުން ހިމެނެއެވެ.
ނިއުޔޯކުގައި ބޭއްވުނު މި ޑިޕްލޮމެޓިކް މުޢާމަލާތްތަކާ ގުޅިގެން އިރާނުގެ ހަރުކަށި ފިކުރުގެ މީޑިއާތަކުން ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވަނީ، އިރާނުގެ ޝަރުތުތައް ކުރިންވެސް ހުށަހަޅާފައި ވަނިކޮށް، އަރާގްޗީ ވިޓްކޮފް އަދި ކުޝްނަރއާ މުޢާމަލާތް ކުރެއްވުމަކީ ޓްރަމްޕަށް ދެވުނު "ބޮޑު ހަދިޔާއެއް" ކަމަށާއި އެއީ ހެދި ގޯހެއް ކަމަށެވެ.
އިރާނުގެ މަސްދަރުތަކުން ރޮއިޓާސްއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެމެރިކާ މީހުންނާ ސީދާ ބައްދަލުނުކުރުމަށް ވަނީ އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އަންގާފައެވެ. މިއީ އެޤައުމުގެ އެންމެ މަތީ ލީޑަރު އާޔަތުުﷲ މުޖްތަބާ ޚާމަނާއީގެ އިތުބާރު އޮންނަ ބޭފުޅުން ތިއްބަވާ ކައުންސިލެކެވެ. މުޖްތަބާ ޚާމަނާއީ އޭނާގެ ބައްޕަގެ މަޤާމާ ޙަވާލުވެވަޑައިގަތް ފަހުން އަދި އާންމުންގެ ކުރިމައްޗަށް ނިކުމެވަޑައެއް ނުގަންނަވައެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، ފާއިތުވި ހަފުތާތަކުގައި ކަނޑުއޮޅިން މުދާ އުފުލުން ވަނީ އިތުރުވެފައެވެ. ތެޔޮ އުފައްދާ ފަރާތްތަކުން ހަނގުރާމައިގެ ނުރައްކަލާއެކު ދަތުރުކުރުމަށްޓަކައި މުދަލުގެ އަގުގެ ހަތަރުބައިކުޅަ އެއްބައި ފީގެ ގޮތުގައި ޝިޕިންގ ކުންފުނިތަކަށް ދައްކައެވެ. މި ދަތުރުތައް ކުރަނީ މަނަވަރުތަކުގެ ލޮކޭޝަން އަންގައިދޭ "ޓްރާންސްޕޮންޑަރުތައް" ނިއްވާލައިގެންނެވެ.
ޔޫނައިޓެޑް އެރަބް އެމިރޭޓްސްގެ އެކްސްޕޯޓްތައް މިހާރު ވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިޔާދަވެފައެވެ. އަދި ސައުދީ އަރަބިއްޔާއިން ވަނީ މި މަހާއި އަންނަ މަހަށް 60 މިލިއަން ފީފާ ތެޔޮ ވިއްކާފައެވެ. ނަމަވެސް، އަންދާޒާ ކުރެވޭ ގޮތުގައި ދުނިޔޭގެ ބާޒާރަށް ސަރަހައްދުން ސަޕްލައިކުރާ ތެލުގެ ތިންބައިކުޅަ އެއްބައި އަދިވެސް ވަނީ މަދުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މީރާގެ އައު ނިންމުމާމެދު އެމްޑީޕީގެ ކަންބޮޑުވުން: ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއް!
11 ގަޑިއިރު ކުރިން

ރާއްޖެ އާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސް ވިދާޅުވެއްޖެ
15 ގަޑިއިރު ކުރިން

ސެޕްޓެންބަރުގެ ފުރަތަމަ 22 ދުވަހު ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން: އެއްވަނައިގަ ޗައިނާ!
15 ގަޑިއިރު ކުރިން

ގާނޫނާއި އެއްގޮތަށް އަމަލުކުރަން ބޭރުގެ 8 ކުންފުންޏަކުން ގުޅައިފި: ސައީދު
ދުވަހެއް ކުރިން


