logo

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމެއްގައި 32 މީހުން މަރުވެއްޖެ

profile

އާމިނަތު ޝަޒްލާ - 09 ޖޫން 2026 - 07:43

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 32 މީހުން މަރުވެ، ގިނަ ޢަދަދެއްގެ ޢިމާރާތްތައް ބިމާހަމަވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން މުޅި އޭޝިއާ ސަރަހައްދުގެ އެކި ހިސާބުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

https://wamco.com.mv/

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑްކުރެވިފައިވަނީ އެ ޤައުމުގެ ގަޑިން މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 07:40 ހާއިރު، މިންޑަނާއޯ ރަށުގެ އައްސޭރިފަށާ ދުރު ސަރަހައްދަކަށެވެ. މި ކާރިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން ރިޕޯޓްކޮށްފައިވެއެވެ.

ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީޒްމޮލޮޖީ އާ ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި، ފުރަތަމަ އައި ބިންހެލުމަށްފަހު އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު ވަންދެން ބިންހެލުމުގެ ލޮޅުންތައް (އެފްޓާޝޮކްސް) ދިޔައީ އިހުސާސް ކުރެވެމުންނެވެ.

މި ހާދިސާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ މިންޑަނާއޯގެ ދެކުނުގައި އޮންނަ، ގާތްގަނޑަކަށް 722,000 މީހުންގެ އާބާދީއެއް އޮންނަ ޖެނެރަލް ސަންޓޯސް ސިޓީއަށެވެ. އެ ސިޓީއަށް އައި ލޮޅުމަކީ ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީޒްމޮލޮޖީގެ މިންގަނޑުން ބަލާއިރު "ވަރަށް ބާރުގަދަ" ލޮޅުމެއް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، "ޖޮލިބީ" ރެސްޓޯރެންޓެއް ހިންގަމުންދިޔަ ތިން ބުރީގެ އިމާރާތެއް އެއްކޮށް ބިމާހަމަވެ، މުޅި ސަރަހައްދު ވަނީ ކުނިބުންޏާއި ހިރަފުހުން ފުރިފައެވެ. އަދި އާންމުވެފައިވާ އެހެން ފޮޓޯތަކުން ފެންނަ ގޮތުގައި އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ފުރާޅުތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުލުހުންގެ ތަރުޖަމާނު ރޮބަޓް ދަގުން ވިދާޅުވި ގޮތުގައި، ޖެނެރަލް ސަންޓޯސްގައި ހުންނަ ސެއިންޓް އެލިޒަބަތު ހޮސްޕިޓަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ބަލިމީހުންނާއި މުވައްޒަފުން ވަގުތުން ހޮސްޕިޓަލުން ހުސްކުރަން ޖެހުނު ކަމަށާއި، މިވަގުތު ބަލިމީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ މައި އިމާރާތުން ބޭރުގައި ކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ.

ބިންހެލުން އައި ވަގުތު ޖެނެރަލް ސަންޓޯސްގެ ނޮޓްރަ ޑޭމް އޮފް ދަޑިއަންގާސް ޔުނިވަރސިޓީގެ މުވައްޒަފެއް ކަމަށްވާ މޭރީ އޭން ބްލަންކޯ ރޫޑީ ބުނިގޮތުގައި، އޭނާއަށް އެ ބިރުވެރި ވަގުތާ ކުރިމަތިލާން ޖެހުނީ ޔުނިވަރސިޓީއަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk