logo

ރާއްޖޭގައި ބިދޭސީން ދިރިއުޅެމުންދަނީ ވަރަށް ލާއިންސާނީ ގޮތަކަށް، އެކަމަށް ހައްލު ހޯދާނަން: އިހުސާން

profile

އައިޝަތު އިނާޝާ - 14 ޖުލައި 2024 - 20:39

ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން

ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން

ރާއްޖޭގައި ބިދޭސީން ދިރިއުޅެމުންދަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށާއި އެކަން ގަބޫލުކުރާ ހާލު، އެކަމަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލަތަކާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރެެއްވުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތިން ގޮތަކަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެއް ގޮތަކީ ބިދޭސީ މަސައްކަތްތެރިން ރެކްރޫޓުމަންޓާއި ވިސާ ދޫކުރުން ހަރުދަނާކުރުން ކަމަށާއި ދެވަނަ ގޮތަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ވެލްފެއަރ ކަންކަން ރަނގަޅަށް ބެލެހެއްޓުމާއި ބިދޭސީންގެ މާހައުލުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަ ކުރެއްވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ވިސާއާއި ހިލާފްވާ މީހުންނަށް ފިޔަވަޅު އެޅުން ކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި އެކިކަހަލަ މަސައްކަތްތައްކުރުމަށް އުޅޭ ގިނަ ބިދޭސީން ނުވަތަ އަން ސްކްލިންޑް ލޭބަރ ފޯސްގެ ދިރިއުޅުމުގެ ހާލަތު ދަށް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އެމީހުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ބިދޭސީންނަށް ޑޯމެޓަރީތަކެއް ނުވަތަ އެކޮމޮޑޭޝަންތަކެއް އެޅުންކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިދިޔަ މާރޗް މަހުގެ 1 ވަނަ ދުވަހު މެލޭޝިޔާގެ އަލްޓައިޒް ޑިޖިޓަލް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގައި އެކި މަސައްކަތްކުރުމަށް ހިޖުރަކޮށްގެން އުޅޭ ބިދޭސީން ބައިތިއްބުމަށް ޑޯމެޓަރީތަކެއް އަޅައިދޭނެކަމަށްބުނެ ޕްރޮޕޯސަލްއެއް ވުޒާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެމީހުން ހުށައަޅާފައިވަނީ މި ޑޯމެޓަރީތައް ހިލޭ އަޅައިދޭނެކަމަށާއި، ނަމަވެސް ކޮންމެ ބިދޭސީއެއް ގެންގުޅޭ ފަރާތުން 120 ޑޮލަރުގެ ފީއެއް ކޮންމެ މަހަކުވެސް ކުންފުންޏަށް ދައްކަންޖެހޭނެކަމަށް އެ ކުންފުނީގެ ޕްރޮޕޯސަލްގައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އެކޮމޮޑޭޝަން ފެސިލިޓީ ޤާއިމްކުރަން އެ ކުންފުނިން ބޭނުންވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މާލޭގައި 40،000 ބިދޭސީންނަށްވާވަރަށް އެކޮމޮޑޭޝަން އަދި ހުޅުމާލޭ ފޭސް 1 އަދި 2ގެ އިތުރުން ތިލަފުށީގައި 20،000 ބިދޭސީންނަށްވާވަރަށް އެކޮމޮޑޭޝަން ޤާއިމްކުރަން ކުންފުނިން ހުށައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އިތުރުން 1000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ސަރަހައްދުތަކުގައި ޑޯމެޓަރީ ފެސިލިޓީތައް އެޅުމުގެ ވިސްނުން އެބަހުރިކަން ފާހަގަ ކުރަށްވާ ވަޒީރު ވިދާޅުވީ ރާއްޖޭގައި ބިދޭސީން ދިރިއުޅެމުންދަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށެވެ. އަދި އެކަން ގަބޫލުކުރާ ހާލު، އެކަމަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319